އިރުފާނު ތަގިއްޔުގެ މައިބަދައިގެ އޮޕަރޭޝަނެއް ކުރަން ޖެހުނު ނަމަވެސް ބަންދަށް ލުޔެއް ނުދިން

72 ކިލޯ މަސްތުވާތަކެއްޗާއި ގުޅިގެން ދައުވާ އުފުލާފައިވާ އިރުފާން (ކ) އަދި މުހައްމަދު އަކްރަމް ----

ކާރެއްގެ ޑިކީގެ ތެރެއިން 72 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް މައްސަލައާ ގުޅިގެން ދައުވާ އުފުލާފައިވާ އިރުފާން ތަގިއްޔުގެ މައިބަދައިގެ އޮޕަރޭޝަނެއް ކުރަން ޖެހިފައިވީ ނަމަވެސް އޭނާގެ ބަންދަށް މި ވަގުތު ލުޔެއް ދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހު އަތުލައިގަތް އެ މަސްތުވާތަކެއްޗާ ގުޅިގެން ޖުމްލަ 10 މީހަކު އޭރު ހައްޔަރުކުރިއެވެ. ފުލުހުން ބުނީ މި މީހުންގެ ތެރެއިން އިރުފާން ތަގިއްޔު އާއި މުހައްމަދު ވިޝާމް އަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އެންމެ އިސްކޮށް ތިބި ދެ މީހުން ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނަވަރުގެ ދައުވާއެއް އިރުފާނުގެ މައްޗަށް އުފުލާފައިވާއިރު އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. ބަންދު މުރާޖައާ ކުރުމަށް މިއަދު ބޭއްވި އަޑުއެހުމެއްގައި އިރުފާނުގެ ވަކީލް އަލީ ޝާހު ވަނީ އޭނާގެ މުވައްކިލުގެ ބޭސްފަރުވާއަށް ދައުލަތުން އިހުމާލުވެފައިވާކަމަށް ވިދާޅުވެ ވަކި މުއްދަތަކަށް ދޫކޮށްލުމަށް އެދިފައެވެ.

އެ މައްސަލައިގައި އިރްފާނު ތަގިއްޔު ހައްޔަރު ކުރުމުގެ ކުރިން ވެސް މައިބަދައިގެ އޮޕަރޭޝަނެއް ކުރަން ޑޮކްޓަރު ލަފާދީފައިވާކަން އޭނާގެ ދިފާއީ ވަކީލް އަލީ ޝާހް ފާހަގަކުރެއްވިއެވެ.

"އޭރުގައި އެ އޮޕަރޭޝަން ނުކުރެވިވަނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން. އެ އޮޕަރޭޝަން ކޮންމެހެން ކުރަން ޖެހޭ ކަމަށް ޑރ. އަލީ ނިޔާފް މައުލޫމާތު ދީފައިވަނީ," އަލީ ޝާހް ވިދާޅުވިއެވެ.

ޑޮކްޓަރުންނާ ހަވާލާދެއްވާ އަލީ ޝާހު އިތުރަށް ވިދާޅުވީ, އިރުފާނުގެ މައިބަދައިގެ ޑިސްކުތައް ދުވަހެއް ދުވަހަކުން ފީވަމުންދާ ކަމަށާއި އެހެންކަމުން އެ އޮޕަރޭޝަން ނުކޮށް ވާން ނެތް ކަމަށެވެ.

އޮޕަރޭޝަން ކުރުމުގެ ކުރިން އިޖުރާއަތްތައް ފުރިހަމަ ކުރަންޖެހޭކަން ފާހަގަކޮށް އަލީ ޝާހް ވިދާޅުވީ, އެކަމަށް ކަރެކްޝަނަލް ސާވިސްއިން ދަނީ އިހްމާލުވަމުން ކަމަށާއި މިހާތަނަށް އެކަންތައްތައް ކަރެކްޝަނުން ކޮށްދީފައި ނުވާ ކަމަށެވެ.

އެހެން ކަމުން ދިފާއުން އެދުނީ އިރުފާނުގެ އޮޕަރޭޝަންކޮށް އޭނާ ގަދަވަން ދެން ގޭ ބަންދަށް ނަމަވެސް ދޫކޮށްދިނުމަށެވެ.

ނަމަވެސް ދައުލަތުން ވަނީ އިރުފާންގެ ބަންދަށް ލުޔެއް ދިނުމަށް އިންކާރު ކޮށްފައެވެ. އަދި އެއީ އެ މައްސަލައިގެ އެންމެ އިސް އެކަކުކަން ފާހަގަކޮށް ދައުލަތުން ވަނީ ބޭސްފަރުވާއަށް އިހުމާލުނުވާ ކަމަށް ބުނެފައެވެ. އަދި އޮޕަރޭޝަން ކުރުން ލަސްވެފައިވަނީ ކޮވިޑް-19އާ ގުޅިގެން މާލެ ޖަލު އެއްކޮށް ކަރަންޓީނު ކުރަން ޖެހުމުން ކަމަށް ވެސް ޕީޖީގެ ވަކީލް ވިދާޅުވިއެވެ.

ދެ ފަރާތުގެ ވާހަކަތަކަށްފަހު ގާޒީ ވިދާޅުވީ, އިރުފާނަށް މިހާރުން މިހާރަށް ވެސް ބޭސްފަރުވާ ލިބެންޖެހޭކަން ދެ ފަރާތުގެ ވާހަކައިން އެނގޭ ކަމަށާއި އެހެން ކަމުން އޮޕަރޭޝަނާ ހަމައަށް ދިއުމަށް ކުރަން ޖެހޭ މަސައްކަތް ކުރުމަށް ވަނީ އަމުރުކުރައްވައިފައެވެ. އަދި އެހިސާބަށް ދިއުމުން ބަންދާ މެދު އިތުރަށް ގޮތެއް ނިންމާނެ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.

ހަތްދިޔަ ދެ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން އިރުފާނު ހައްޔަރުކުރުމުގެ ކުރިން އޭނާއާ އެކު ރާއްޖެއިން ބޭރަށް ދިޔަ މީހަކު ޕާކިސްތާނުގައި ރަހީނުކޮށްފައިވާ ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފައެވެ. އަދި އެ މައްސަލަ ގުޅެނީ ވެސް މަސްތުވާތަކެއްޗާކަން ވަނީ އެނގިފައެވެ.

comment ކޮމެންޓް