އީރާނާއި ތުރުކީން ކޮވިޑް-19 އާ ދެކޮޅަށް އުފެއްދި ވެކްސިން ބޭނުންކުރަން ފަށައިފި

އީރާނުން އުފެއްދި ކޮވިޑް ވެކްސިން "ރާޒީ"

ތެހެރާން (ޑިސެމްބަރު 27) : ކޮވިޑް-19 އާ ދެކޮޅަށް އީރާނާއި ތުރުކީން އުފެއްދި ދެ ވެކްސިން ބޭނުންކުރުމުގެ ހުއްދަ އެދެގައުމުގެ ކަމާބެހޭ އިދާރާތަކުން ދިނުމާ ގުޅިގެން އޭގެ ބޭނުންކުރަން ފަށައިފިއެވެ.

ކޮވިޑް-19 އާ ދެކޮޅަށް އީރާނުން އުފެއްދި ވެކްސިންގެ ނަމަކީ "ރާޒީ" އެވެ. މިއީ 18 އަހަރާއި 75 އަހަރާ ދެމެދުގެ މީހުންނަށް ރައްކާތެރި ވެކްސިން އެއްކަމަށް ކަނޑައަޅައި އިމަޖެންސީ ހާލަތްތަކުގައި އެވެކްސިން ބޭނުންކުރުމުގެ ހުއްދަ އީރާނުގެ ބޭހާއި ވެކްސިންތަކަށް ހުއްދަދޭ އިދާރާކަމަށްވާ "އީރާން ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން" އިން މިހާރުވަނީ ދީފައެވެ.

އީރާނުން އުފެއްދި ކޮވިޑް ވެކްސިން "ރާޒީ"

މި ވެކްސިން އުފެއްދީ އީރާނުގެ ފާމަސުޓިކަލް އިންސްޓިއުޓް ކަމަށްވާ "ރާޒީ އިންސްޓިއުޓް" އިންނެވެ. އެ އިންސްޓިޓިއުޓް ބުނިގޮތުގައި "ރާޒީ ވެކްސިން" ގެ ފަސް މިލިޔަން ޑޯޒު މިހާރު ވަނީ އުފައްދާފައެވެ. އަދި އޭގެ އިތުރު 20 މިލިޔަން ޑޯޒު އުފެއްދުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެއެވެ.

އީރާނަކީ އެމެރިކާ އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ކޮވިޑް ވެކްސިން ގަތުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ގައުމެކެވެ. އީރާނުން އަމިއްލަ ވެކްސިން އެއް އުފެއްދީވެސް ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ބޭރުން ވެކްސިން ގަތުމަށް ދަތިތައް ކުރިމަތިވެފައިވާތީ އެކަން ހައްލުކުރުމަށެވެ.

އީރާނުގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން

އަށްޑިހަ ފަސް މިލިއަން މީހުންގެ އާބާދީއެއް އޮންނަ އީރާން ރައްޔިތުންގެ 18 އަހަރާއި 75 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުންނަށް ދެ ޑޯޒު ދިނުމަށްޓަކައި ކޮވިޑް ވެކްސިން ގެ މަދުވެގެން 110 މިލިޔަން ޑޯޒު ބޭނުންވާކަމަށް އީރާނުގެ ސިއްހަތާބެހޭ އިދާރާއިން ބުނެއެވެ. "ރާޒީ އިންސްޓިއުޓް" ބުނާގޮތުން މިހާރު އުފައްދާފައިވާ ފަސް މިލިއަން ޑޯޒު ވަރަށް އަވަހަށް އީރާނުގެ ސިއްހަތާބެހޭ އިދާރާއާ ހަވާލުކުރާނެއެވެ. އަދި އިތުރު 20 މިލިޔަން ޑޯޒު ކުރިއަށްއޮތް ދެމަހެއްހާ ދުވަހުގެތެރޭގައި އުފައްދާނެއެވެ.

ތުރުކީއަށް ބަލާއިރު އެގައުމުން އަމިއްލަ ޓެކްނޮލޮޖީގައި އުފައްދާފައިވާ ކޮވިޑް ވެކްސިންގެ ނަމަކީ "ޓާކޮވަކް" އެވެ. މިވެކްސިން އުފެއްދީ ތުރުކީގެ ފާމަސުޓިކަލް އިންސްޓިއުޓެއް ކަމަށްވާ "ހެލްތް އިންސްޓިޓިއުޓް އޮފް ޓާކީ" އާއި ތުރުކީގެ އޭސިޔަސް ޔުނިވާސިޓީ ގުޅިގެންނެވެ.

ތުރުކީން އުފެއްދި ކޮވިޑް ވެކްސިން "ޓާކޮވަކް"

ވެކްސިންއާއި ބޭހަށް ހުއްދަދޭ ތުރުކީގެ އިދާރާ ކަމަށްވާ "ދަ ޓާކިޝް މެޑިސިންސް އެންޑް މެޑިކަލް ޑިވައިސިސް އެޖެންސީ" (ޓީއެމްއެމްޑީއޭ) އިންވަނީ 18 އަހަރުން މަތީ މީހުންނަށް އިމާޖެންސީ ހާލަތްތަކުގައި އެ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދާދިފަހުން ދީފައެވެ.

ކޮވިޑް ވެކްސިން އުފެއްދުމަށް 80 އަށްވުރެ ގިނަ ގައުމުން މަސައްކަތްކުރާއިރު އެ ވެކްސިން އެންމެ އަވަހަށް އުފެއްދި ގައުމުތަކުގެ ތެރޭގައި އެމެރިކާ، ރަޝިއާ، ޗައިނާ، ޖަރުމަނު، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ކިޔުބާ، އިންޑިއާ، އަދި ބްރަޒިލް ފަދަ ގައުމުތައް ހިމެނެއެވެ.

ކޮވިޑް ވެކްސިން އުފެއްދުމުގެ ފަހުގެ މަރުހަލާތައް ކަޑައްތުކުރަމުން ގެންދާ ގައުމުތަކުގެ ތެރޭގައި ތައިލެންޑް، ޕާކިސްތާން، އިންޑޮނީޝިއާ، ޔޫރަޕްގެ ބައެއް ގައުމުތަކާއި އާޖެންޓީނާ އާއި ދެކުނު އެފްރިކާ އަދި މެކްސިކޯ ހިމެނެއެވެ.

comment ކޮމެންޓް