މީހުން ބޭލި މައްސަލަ ބަލަން އޮމްބަޑްސް ޕާސަން އޮފީހުގެ ޓީމެއް ތިނަދުއަށް

ތިނަދޫން މީހުން ބޭލި މައްސަލަ ބެލުމަށް އެރަށް ގޮސް ތިބި އޮމްބަޑުސް ޕާސަން އޮފީހުގެ ޓީމު

ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ގދ. ތިނަދޫން މީހުން ބޭލި މައްސަލަ ބެލުމަށް އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުގެ ޓީމެއް އެރަށަށް ގޮސްފިއެވެ.

ތިނަދޫ ކައުންސިލްގެ ނައިބު ރައީސް ނަސްރުﷲ އަލީ "ސަން"އަށް ވިދާޅުވީ އޮމްބަޑްސް ޕާސަން އޮފީހުގެ ޓީމުން އެރަށުގެ އިސް ރަށްވެހިންނާ ސުވާލުކޮށް މައުލޫމާތު އެއްކުރަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ އެ އޮފީހުން ބަލަމުން އަންނަ މައްސަލައަށް ކައުންސިލުން އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށެވެ. އަދި އެކަމުގައި އެ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ވެސް ނަސްރުﷲ ވިދާޅުވިއެވެ.

"ކައުންސިލުން ހިތްހަމަޖެހޭ އެބޭފުޅުންގެ މަސައްކަތާ ދޭތެރޭ. މިހާރު ކުރަމުން ގެންވަދާ މަސައްކަތަކީ އެދުވަސްވަރު މިރަށުގައި އުޅުނު މީހުންނާ ބައްދަލުކޮށް އެމީހުންގެ މައުލޫމާތުތައް އެއްކުރުން،" ކައުންސިލްގެ ނައިބު ރައީސް ނަސްރުﷲ ވިދާޅުވިއެވެ.

"ސަން"އާ ވާހަކަ ދައްކަމުން ތިނަދޫގެ އިސް ރަށްވެއްސެއް ކަމަށްވާ ރަޝީދާ އިބްރާހިމް ބުނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނުގެ އެންގެވުމަށް އޭނާ އެ މައްސަލަ ކަމާބެހޭ އިދާރާއަށް ހުށަހަޅާފައިވާނެ ކަމަށެވެ. ނަމަވެސްވީކަމެއް ނެތް ކަމަށާއި އެ މައްސަލާގައި އިންސާފު ލިބޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތް ކަމަށް ރަޝީދާ ބުންޏެވެ.

"މައުމޫނުގެ އެންގެވުމާއެއްގޮތަށް އަޅުގަނޑުމެން ސިޓީ ލީ. ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑުމެންގެ ބަޔާންތައް ނެންގެވި. އެއަކުން ވީކަމެއް ނެތް،" ރަޝީދާ ބުންޏެވެ.

ގދ. ތިނަދޫން މީހުން ބޭލުވި ހާދިސާގެ ފޮޓޯއެއް

ތިނަދޫން މީހުން ބޭލުމުގެ ހާދިސާ ހިނގިއިރު، އުމުރުން އަށް އަހަރުގެ ރަޝީދާ ބުނީ އެކަންތައް ހިނގައިދިޔައީ އޭނާގެ ދެލޯ ކުރިމަތިން ކަމަށެވެ.

"އަޅުގަނޑުގެ ބައްޕަވީ ކޮންތާކު ކަމެއް އަދިވެސް އަޅުގަނޑަކަށް ނޭނގެ. އަޅުގަނޑަށް އެނގޭގޮތުގައި އަޅުގަނޑުގެ ބައްޕަ ދިވެހި ސަރުކާރުގެ ވަޒީފާގައި ހުންނެވީ. ބައްޕަ އޭރު ލިޔުއްވާފަ ހުންނަ ލިޔުންތައް މިހާރުވެސް ހުންނާނެ ސަރުކާރުގެ ނޫސްތަކުގައި. ބައްޕައަށް ވީގޮތެއް، ކާފައަށް ވީގޮތެއް އަދި އަދަށްވެސް ނޭނގެ އިގޭތޯ އަޅުގަނޑަކަށް،" ރަޝީދާ ބުންޏެވެ.

އޭނާ ބުނީ ތިނަދޫން މީހުން ބޭލުވި ހާދިސާއާ ގުޅޭގޮތުން ރައީސް ނާސިރަށް ކުރާ ތުހުމަތުތަކަކީ ހަގީގަތެއް ކަމަށާއި އޭނާގެ ދެ ލޮލުން އެ މަންޒަރުތައް ފެނުނު ކަމަށެވެ.

ގދ. ތިނަދޫން މީހުން ބޭލުވި ހާދިސާގެ ފޮޓޯއެއް

"ތުހުމަތުތަކެއް ނޫން އިނގޭތޯ. އަޅުގަނޑުމެންގެ ލޮލަށް ފެނިފަ ހުރީ. އަނިޔާ ކުރީ ސިފައިންގެ މީހުން. މީހުންނަށް އަނިޔާކޮށް ބަނދެ، މި ހުރިހާ ކަމެއް ކުރި. ނާސިރު ވިދާޅުވެގެން ތިނަދޫން މީހުން ބާލުވާފަ އެރުވިއިރުގަވެސް ހަމަ ރީތިކޮށް ހުރި ގެތައް އެމަނިކުފާނު ވިދާޅުވެގެން އެބަހުރި ތަޅާފަ،" ރަޝީދާ ބުންޏެވެ.

ތިނަދޫގައި އަލަށް މީހުން އާބާދުކުރިތާ 55 އަހަރުވެފައިވާއިރު، އެރަށުން މީހުން ބޭލުމަކީ ރާއްޖޭގައި މިހާތަނަށް ސަރުކާރަކުން ހިންގި އެންމެ އަނިޔާވެރި ލާއިންސާނީ ޖަރީމާ ކަމަށް ގިނަ ބަޔަކު ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް