އޭސީސީގެ މެމްބަރުން ވަކިކުރަން ކޮމިޓީން ފާސްކޮށްފި

އޭސީސީގެ މެމްބަރުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ނިންމައިފިއެވެ.

މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި އޭސީސީގެ މެންބަރުން ވަކިކުރަން ހުށަހެޅީ އިނގުރައިދޫގެ މެންބަރު ހަސަން އަހަމަދު (ހަސަންޓޭ)އެވެ. އަދި މި ހުށަހެޅުމަށް ތާއީދު ކުރެއްވީ ބެލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެއް)އެވެ.

އެ ހުށަހެޅުމާ ގުޅިގެން ކޮމިޓީން މިއަދު ނެގި ވޯޓުގައި ފަސް މެމްރަކު ވަނީ އޭސީސީގެ މެމްބަރުން ވަކިކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ވޯޓު ދެއްވާފައެވެ.

އޭސީސީގެ މެމްބަރުން ވަކިކުރަން ވޯޓު ދެއްވީ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމު، ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ، އިނގުރައިދޫ ދާއިރާގެ މެންބަރުން ހަސަން އަހުމަދު (ހަސަންޓޭ)، ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމު (ދޮންބިލަތް)ގެ އިތުރުން ވެލިދޫ ދާއިރާގެ މެންބަރު މުހަންމަދު އަބްދުﷲ ޝަފީގެވެ.

އެ ކޮމިޝަނުގެ މެމްބަރުން ވަކިކުރަން ނުފެންނަ ކަމަށް ވިލިމާލެ ދާއިރާގެ އަހުމަދު އުޝާމާއި އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު ވަނީ ވޯޓު ދެއްވާފައެވެ. އުޝަމަކީ އެމްއެންޕީގެ ބޭފުޅެވެ. އަދި އަލީ ހަމީދަކީ ޖުމްހޫރީ ޕާޓީގެ މެމްބަރެކެވެ.

އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މަސައްކަތް ފަށަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމީ ކުރީގެ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީކޮށް ފިޔަވަޅު އެޅުމުގައި އެ ކޮމިޝަނަށް އެކަށީގެންވާ މަސައްކަތެއް ކުރެވިފައިނުވާ ކަމަށް ބުނެއެވެ.

އޭސީސީގެ މެމްބަރުން ވަކިކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން މިއަދު ފާސްކުރީ އެ ކޮމިޝަނުގެ މެމްބަރުންނަށް ޖަވާބުދާރީވާން ފުރުސަތު ދިނުމަށްފަހުއެވެ.

އޭސީސީގެ މެންބަރުންގެ ގޮތުގައި މިވަގުތު ތިއްބެވީ ތިން ބޭފުޅުންނެވެ. އެއީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާއާއި ނައިބު ރައީސް ފާތިމަތު އަނޫލާއާއި މެންބަރު އައިޝަތު އަބްދުﷲއެވެ.

ކޮމިޝަންގެ މެންބަރުން ވަކިކުރުމުގެ މަސައްކަތް ފެށުމާއެކު، އެ ކޮމިޝަންގެ މެންބަރު އިބްރާހިމް ޝަކީލް ވަނީ އެ ކޮމިޝަނުން އިސްތިއުފާ ދެއްވައިފައެވެ. ޝަކީލްގެ ކުރިން، އެ ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި ހުންނެވި އަލީ އަޝްރަފް ވެސް ވަނީ އިސްތިއުފާ ދެއްވައިފައެވެ.

އޭސީސީގެ މެމްބަރުން މަގާމުން ވަކިކުރަން ނިންމައިފައިވަނީ އެ ކޮމިޝަނުގެ ޕާފޯމަންސް އޮޑިޓުން ފާހަގަވި ކަންކަމަށް ރިއާޔަތް ކުރުމަށްފަހުގައެވެ.

މިނިވަން މުވައްސަސާތަކުގެ ކޮމިޓީގެ ރިޕޯޓުގައި ވަނީ އޭސީސީގެ ޕާފޯމަންސް އޮޑިޓުން ފާހަގަވި ދިހަ ކަމެއް ފާހަގަކޮށްފައެވެ. ރިޕޯޓުން ވަނީ ކޮމިޝަނުން ކޮރަޕްޝަންގެ މައްސަލަތަކުގެ 61 އިންސައްތަ މައްސަލަ ތަހުގީގުކޮށް ނިމިފައިވާއިރު، ދައުވާކުރަން ފޮނުވައިފައިވަނީ އެކެއް އިންސައްތަ މައްސަލަކަން ފާހަގަކޮށްފައެވެ.

ހަމައެހެންމެ ކޮމިޝަންގައި ނުނިމި ގިނަ ދުވަސްވީ ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކޮށްފައިވާއިރު، ތަހުގީގު ނިމުމަށްފަހު ވެސް ޕީޖީއަށް މައްސަލަތައް ފޮނުވުމުގައި ގިނަ ދުވަސްތަކެއް ހޭދަވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި ތަހުގީގު ނިންމުމަށްފަހު، ޕީޖީއަށް ފޮނުވާ ގިނަ މައްސަލަތަކެއް އަނބުރާ ފޮނުވައިލާ ކަން ފާހަގަކޮށް، މިކަންކަން ހައްލުކުރެވޭނީ ކޮމިޝަންގެ މެންބަރުން ބަދަލުކޮށްގެން ކަމަށް ބުނެފައިވެއެވެ.

ރިޕޯޓުގައި ވަނީ އޭސީސީގެ މަސައްކަތްތައް އާދަޔާ ހިލާފަށް ލަސް ކަމަށާއި ދައުލަތަށް ނަގައިދޭން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުނެގިވާ ކަމަށް ބުނެފައެވެ. އެގޮތުން މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ދައުލަށް ނަގައިދީފައިވަނީ 11 ހާސް ރުފިޔާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

comment ކޮމެންޓް