ކޮމަންޑޫ ދާއިރާގެ އެމްއެންޕީ ޓިކެޓު ހަންނާނަށް

އަބްދުލް ހަންނާނު އިދުރީސް --

ށ. ކޮމަންޑޫ ދާއިރާއަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓުގައި ވާދަކުރާނީ އަބްދުލް ހަންނާނު އިދުރީސް ކަމަށް އެ ޕާޓީން ނިންމައިފިއެވެ.

އެ ޕާޓީގެ އޮފިޝަލަކު ވިދާޅުވީ އެ ޕާޓީން ކޮމަންޑޫ ދާއިރާއަށް ކުރިމަތިލީ ހަންނާނު އެކަނި ކަމަށެވެ.

ކޮމަންޑޫއަށ އުފަން ހަންނާނު އެކަނި އެ މަގާމަށް ކުރިމަތި ލާފައި ވުމުން އެ ޕާޓީން ނިންމާފައި ވަނީ އޭނާއަށް ތާއީދު ކުރުމަށެވެ.

ހަންނާނަކީ މިގެ ކުރިން ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި ބޭފުޅެއް ކަމަށް އެމްއެންޕީން ބުންޏެވެ. އޭގެ ތެރޭގައި ފަސް ސްކޫލެއްގެ ޕްރިންސިޕަލްގެ މަގާމާއި ވިލާ ކޮލެޖުގެ ފެކަލްޓީއޮފް ޝަރީއާ އެންޑް ލޯގެ މެނޭޖަރުކަން ހިމެނެއެވެ. މިހާރު ހަންނާނު އުޅުއްވަނީ އަމިއްލަ ވިޔަފާރިއެއްގެ މަސައްކަތުގައެވެ.

ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރަނީ ށ. ފޯކައިދޫ ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ރާޝިދެވެ. އަދި ކޮމަންޑޫ ދައިރާގެ ގޮނޑިއަށް ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވުމުގެ ޓިކެޓު ދީފައި ވަނީ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓްރު މޫސާ ފަތުހީ އާދަމަށެވެ.

ށ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަމްސް ކޮމިޝަނުން ނިންމާފައި ވަނީ އެ ދާއިރާގެ މެންބަރު ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެންނެވެ.

ހުސައިން ވަހީދު އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލްގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ދަންވަރުއެވެ.

comment ކޮމެންޓް