އާރަށު މައްސަލާގައި ޔާމީނަށް ކުރާ ދައުވާގެ ޝަރީއަތްތައް ފަށަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް --- ސަން ފޮޓޯ/ އަޙްމަދު އައިމަން އަލީ

ޓުއަރިސްޓް ރިޒޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑުއެހުންތައް ފަށަން ތައްޔާރުވެއްޖެއެވެ.

އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލައިފައިވަނީ މަނީލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސިކިއުޓާ އަހްމަދު ޝަފީއު "ސަން"އަށް މިރޭ ވިދާޅުވީ މި މައްސަލައިގެ ޝަރީއަތްތައް އަންނަ ޖެނުއަރީ މަހުގެ ދެ ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ފެށުމަށް ތާވަލްކޮށްފައިވާ ކަމަށެވެ.

ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ބޭރުގެ ކުންފުންޏަކަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޔޫއެސް ޑޮލަރު ނަގައި ރައީސް ޔާމީން ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށް ޕީޖީ އޮފީހުން މީގެ ކުރިން ވަނީ ބުނެފައެވެ.

އެ މައްސާލަގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ.

މިހާތަނަށް ރައީސް ޔާމީންގެ މައްޗަށް ފަސް ދައުވާއެއް އުފުލާފައިވެއެވެ. އެންމެ ފުރަތަމަ އެމަނިކުފާނުގެ މައްޗަށް އުފުލި މަނީލޯންޑަރިންގެ ދައުވާ ސާބިތުވެ، ފަސް އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން 2019 ވަނަ އަހަރު ކުރި ހުކުމް، މިދިޔަ މަހުގެ 30 ވަނަ ދުވަހު ސުޕްރީމު ކޯޓުން ވަނީ ބާތިލްކޮށްފައެވެ.

comment ކޮމެންޓް