"ގުލިސްތާން"ގެ ދިވެހި ބަހުގެ ތަރުޖަމާ ނެރެފި

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ ނަސީމާ މުހައްމަދު ކަލޭފާނު ފޮތް ނެރެދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހުސައިން

ފާރިސްކަރައިގެ ޅެންވެރިޔާ ޝައިޚު މުސްލިހުއްދީން ސައުދީ ޝީރާޒީ ލިޔުއްވި "ގުލިސްތާން" ނުވަތަ "ފިނިފެންމަލުގެ ބަގީޗާ" ފޮތް ދިވެހިބަހަށް ތަރުޖަމާކޮށް ނެރެފިއެވެ.

މި ފޮތަކީ ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. ހަސަން ހަމީދު ތަރުޖަމާކޮށްދެއްވާފައިވާ ފޮތެކެވެ.

ފޮތުގެ ބޮޑުބައި ޅެންބަހުން ލިޔުއްވައިފައިވާ މި ފޮތަކީ ނަސޭހަތާއި ވާހަކަތަށް ހިމެނޭ އަދަބިއަޔާތު މުއްސަނދި ފޮތެކެވެ. މި ފޮތް ލިޔުއްވައިފައި ވަނީ ފަރީސީ ޅެންވެރިއެކެވެ.

ގައުމީ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ފޮތް ނެރެދެއްވީ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ ނަސީމާ މުހައްމަދު ކަލޭފާނެވެ.

ޑރ. ހަސަން މި ފޮތް ތަރުޖަމާ ކޮށްދެއްވާފައި ވަނީ 1258 ވަނަ އަހަރު ސައުދީ ލިޔުއްވި ފޮތުގެ އިނގިރޭސި ތަރުޖަމާއިންނެވެ. ޅެންބަހުން ލިޔެފައިވާ މި ފޮތް ޑރ. ހަސަން ތަރުޖަމާ ކޮށްދީފައިވަނީ ކިޔުމުގެ ނަޒަރިއްޔާތުންނެވެ.

ފޮތްތެރިކަން އިޙްތިލާފުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ޑރ. ހަަސްން ހަމީދު --- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހުސައިން

ގައުމީ ޔުނިވާސިޓީން ފޮތް ޝާއިޢު ކުރަން ފެށި ފަހުން މިއީ ޝައިޢު ކުރެވޭ ދެ ވަނަ ފޮތެވެ.

"ފޮތް ޝާއިޢުކުރުމުގައި ޔުނިވާސިޓީގެ މަގްސަދަކީ، ޗާޕުކުރެވޭނޭ ގޮތެއް ނެތިގެން، އަގުހުރި އަތުލިޔުމެއް، ކަތުރުފަނިކައި، ނެތިގެން ދިޔަ ނުދިނުން. ޔުނިވަރސިޓީގެ އެއް މަސައްކަތަކީ، އިލްމު، ޚާއްސަކޮށް ދިވެހީންނަށް ފައިދާ ކުރާނޭ އިލްމު ފެތުރުން. މިއީ މިގޮތުގެ މަތީން ކުރެވޭ ކަމެއް" ގުލިސްތާނު ފޮތް ނެރެދެއްވުމުގެ ހަފްލާގައި ވާހަކަ ދައްކަމުން ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފް ވިދާޅުވިއެވެ.

ފޮތް ނެރެދިނުމުގެ ރަސްމިއްޔާތުގައި ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފް ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހުސައިން

"ގުލިސްތާން" ފޮތް ނެރުމުގެ ހަފްލާގައި ފޮތްތެރިކަން އާލާ ކުރުމުގެ ގޮތުން ގައުމީ ޔުނިވާސިޓީގެ 14 މުވައްޒަފަކަށް ވަނީ ފޮތް ލިޔުމުގެ ގްރާންޓު ދީފައެވެ.

comment ކޮމެންޓް