ކޮވިޑްއާ ދެކޮޅަށް ބޭނުންކުރަން އެމެރިކާގައި ހުއްދަދިން ބޭހަކީ 90 އިންސައްތަ ކާމިޔާބު ބޭހެއް

ވޮޝިންޓަން (ޑިސެމްބަރު 23) : އެމެރިކާގައި ބޭހާއި ވެކްސިން އުފެއްދުމަށް މަޝްހޫރު ފައިޒާ ކުންފުނިން ކޮވިޑް-19 އާ ދެކޮޅަށް އުފެއްދި ބޭހަކީ ގާތްގަނޑަކަށް ނުވަދިހަ އިންސައްތަ ކާމިޔާބު ބޭހެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ފައިޒާއިން އުފެއްދި ބޭސް ބޭނުންކުރުމުގެ ހުއްދަ އެމެރިކާގެ "ފުޑް އެންޑް ޑްރަގް އޮތޯރިޓީ" (އެފްޑީއޭ) އިން ދިނުމާ ގުޅިގެން އެކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ "ޕެކްސްލޮވިޑް" ނަމަކަށްކިޔާ ގުޅަބޭހެއްކަމަށާ މިބޭސް ބޭނުންކުރާނަމަ ކޮވިޑް ގެ ސަބަބުން ފުރާނައަށް ނުރައްކާވާ ހާލަތަށް ދިޔުމުގެ ފުރުސަތު ނުވަދިހަ އިންސައްތައަށް ކުޑަވެގެންދާނެކަމުގައެވެ.

ފައިޒާ ބުނާގޮތުން "ޕެކްސްލޮވިޑް" އަކީ ކޮވިޑްގެ ޑެލްޓާ، ބީޓާ އަދި އޮމިކްރޯން ފަދަ ވޭރިއަންޓްތަކާ ދެކޮޅަށްވެސް ރަނގަޅަށް މަސައްކަތްކުރާ ބޭހެކެވެ. ނަމަވެސް ހަށިގަނޑުގައި ހުންނަ އެހެން ބަލިތަކުގެ ސަބަބުންނާ އަދި މުސްކުޅި ބަލީގެ ސަބަބުން ސިއްހީ ހާލަތު ވަރަށްބޮޑަށް ދަށަށްގޮސްފައިވާ މީހުންނަށް ކޮވިޑްޖެހި ހާލަތު މާބޮޑަށް ގޯސްވުމުން މި ބޭހުގެ އަސަރު ނުކުރުމަކީ އެކަށީގެންވާ ކަމެއްކަމަށް ފައިޒާ އިން ބުނެފައިވެއެވެ.

ރިޕޯޓްތައް ބުނާގޮތުން "ޕެކްސްލޮވިޑް" ބޭނުންކުރުމުގެ ހުއްދަ ދީފައިވަނީ ޑޮކްޓަރުން ބަލިމީހާ ބެލުމަށްފަހު ދޭ ބޭސްސިޓީއަށް އަދި އެ ބޭސް ސިޓީގައި ބުނާ އިންސްޓްރަކްޝަންތަކާ އެއްގޮތަށެވެ. "ޕެކްސްލޮވިޑް" ދިނުމަށް ފައިޒާ ކުންފުނީގެ ސައެންޓިސްޓުން ހުއްދަދީފައިވަނީ ކޮވިޑް ޖެހުމާއެކު އެ ބަލީގެ ސަބަބުން އާދައިގެ ވަރަކަށް ހާލަތު ގޯސްވާ މީހުންނަށާއި މެދުމިނުގެ ފެންވަރަށް ހާލަތު ގޯސްވާ މީހުންނަށެވެ. ފުރާނައަށް ނުރައްކާވާ މިންވަރަށް ހާލަތު ގޯސްވުމުން މިބޭސް ދިނުމަށް ފައިޒާއިން ރެކޮމެންޑެއް ނުކުރެއެވެ.

މި ބޭސް ބޭނުން ކުރަން ޖެހެނީ ކޮވިޑަށް ޕޮޒިޓިވްވާތާ ފަސް ދުވަހުގެ ތެރޭގައެވެ. ކޮވިޑްގެ ސަބަބުން ހާލަތު އެންމެ ބޮޑަށް ގޯސްވެ ވެންޓިލޭޓަރަށް ލާހިސާބަށް ދިޔުމުން މިބޭސް ބޭނުންކުރުން ރަނގަނޅެއް ނޫނެވެ. މިބޭސް ރަނގަނޅު ވަގުތުގައި ޑޮކްޓަރެއްގެ އިރުޝާދުގެ ދަށުން ބޭނުންކުރާ މީހުންގެ ތެރެއިން 90 އިންސައްތަ މީހުން ފުރާނައަށް ނުރައްކާ ހިސާބަށް ސިއްހީ ހާލަތު ގޯސްނުވާނެކަމަށް ފައިޒާގެ ސައެންޓިސްޓުން ބުނެއެވެ.

އެމެރިކާގެ "ފުޑް އެންޑް ޑްރަގް އޮތޯރިޓީ" ން "ޕެކްސްލޮވިޑް" ބޭނުންކުރުމުގެ ހުއްދަ ދީފައިވަނީ ކުއްލި ހާލަތްތަކުގައެވެ. ކޮވިޑްގެ ބަލިމަޑުކަން ހިމަނާފައިވަނީ ކުއްލި ހާލަތުގެ ތެރޭގައެވެ. "ޕެކްސްލޮވިޑް" އެމެރިކާގެ ބާޒާރަށް ނެރެފައި މިވަނީ އޮމިކްރޯން ވޭރިއަންޓާއެކު އެމެރިކާގައި ކޮވިޑް އިންތިހާއަށް ފެތުރެން ފަށާފައިވާ ދަނޑިވަޅެއްގައެވެ.

އޮމިކްރޯން އަކީ ވެކްސިންއަށް ނުގުޑާ ނުވަތަ ވެކްސިންގެ އަސަރު ވަރަށް ކުޑަކޮށްކުރާ ވޭރިއެންޓެއްކަމަށްވެފައި އެއީ އިންތިހާއަށް ބާރަށް ފެތުރޭ އެއްޗަކަށްވާތީ އޮމިކްރޯންގެ ސަބަބުން މީހުން މަރުވުމުގެ ފުރުސަތު ކުޑަނޫންކަމަށް ތަޖްރިބާކާރުން ވިދާޅުވެއެވެ.

އެމެރިކާގައި ވެކްސިންގެ ދެ ޑޯޒު ޖަހާފައިވާ މީހުންގެ ނިސްބަތް މަތިނަމަވެސް އެމެރިކާގެ ސްޓޭޓްތަކުގައި އޮމިކްރޯން މިހާރު ފަތުއަޑުކިޔާފައި ފެތުރެމުންދާކަމަށް އެމެރިކާގެ ސިއްހަތާބެހޭ އިދާރާތަކުން ބުނެއެވެ. އެމެރިކާގެ އިތުރުން އިނގިރޭސިވިލާތާއި ޔޫރަޕްގެ ބައެއްގައުމުތަކުގައި އޮމިކްރޯން ފެތުރެމުންދަނީ ވަރަށް ބާރަށެވެ. މިއާއެކު ނެދަލޭންޑްސް ގައި ވަނީ އަނެއްކާވެސް ފުރަބަންދުގެ ހަރުކަށިފިޔަވަޅުތައް އަޅާފައެވެ.

އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުންވަނީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް ހަރުކަށިކުރަން ޖެހިދާނެކަމުގެ އިންޒާރު ދީފައެވެ. އިނގިރޭސިވިލާތުންވަނީ އަންނަ ޖަނަވަރީމަހުގެ ތެރޭގައި އެގައުުގައި ދުވާލެއްގެ މައްޗަށް އެއްލައްކަ މީހުން އޮމިކްރޯން އަށް ޕޮޒިޓިވްވާނެކަމަށް ލަފާކޮށް އިންޒާރު ނެރެފައެވެ.

comment ކޮމެންޓް