ޝަރީއަތަށް ސިއްރުން ފުލުހަކު ހަރަކާތްތެރިވުމުން ގާޒީގެ އިންޒާރެއް

ކުރިމިނަލް ކޯޓު ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ: ޝަރީއަތަށް ސިއްރުން ފުލުހަކު ހަރަކާތްތެރިވުމުން ގާޒީ ވަނީ އިންޒާރެއް ދެއްވާފައި ---ސަން ފައިލް ފޮޓޯ: މުހައްމަދު އަފްރާހް

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށްގެންދިޔަ ޝަރީއަތުގެ މަޖިލީހެއްގައި ފަރުދާގެ ފުރަގަހުގައި ހުރެގެން ފުލުހަކު އިރުޝާދު ދިނުމުން އެކަން ތަކުރާރުނުކުރަން ނަސޭހަތްތެރިވެ ގާޒީ އިންޒާރެއް ދެއްވައިފިއެވެ.

ވައްކަމުގެ މައްސަލައެއްގައި, އޯޑިއޯ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އިއްޔެ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ މުއްދަތު މަޖިލީހުގައި ފުލުހުންގެ ފަރާތުން ބައިވެރިވެފައިވަނީ އިންވެސްޓިގޭޝަން އޮފިސަރެއް އެކަންޏެވެ. ނަމަވެސް ވީޑިއޯއަށް ނާރާ ގޮތަށް އިތުރު މީހަކު އިންވެސްޓިގޭޝަން އޮފިސަރަށް ކަން ކުރާނެގޮތް ކިޔައިދެމުންދާކަން ޝަރީއަތުގެ ސަމާލުކަމަށް ވަނީ އައިސްފައެވެ.

ޝަރީއަތަށް އެކަން ފާހަގަވުމުން ގާޒީ ދީބާނާޒް ފަހުމީ ވަނީ އެކަމާ ގުޅޭ ގޮތުން ސުވާލުކުރައްވާފައެވެ. އަދި ވީޑިއޯއަށް ނާރާ ގޮތަށް ސީނިއާ އޮފިސަރަކު އިންނެވި ކަމަށް ވަނީ ބުނެފައެވެ.

ގާޒީ އެދުނީ އެ އޮފިސަރު ސްކްރީން ކުރިމައްޗަށް އެރުއްވުމަށެވެ. އެއާއެކު ދީބާނާޒް ފަހުމީ ވަނީ ސުޕްރީމް ކޯޓުން ދާދި ފަހުން ހަދާފައިވާ ގަވާއިދު ފުލުހުންގެ ސަމާލުކަމަށް ގެންނަވައިފައެވެ. އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް ކޯޓުތަކުގެ އަޑުއެހުންތަކާއި ޝަރީއަތްތައް ކުރިއަށް ގެންދިޔުމާ ބެހޭ ގަވާއިދުގެ 14 ވަނަ މާއްދާގައި ބުނެފައިވަނީ, ޝަރީއަތުގެ ހުއްދައެއް އަދި އެނގުމެއްނެތި މީހުން ނުވެއްދޭނެ ކަމަށެވެ.

ގާޒީ ވަނީ އެކަން އެނގޭތޯ ސުވާލު ކުރައްވާފައެވެ. ޖަވާބުގައި ސީނިއާ އޮފިސަރު ވިދާޅުވީ, އެކަން އެނގޭ ކަމަށް ވިދާޅުވެފައެވެ. އަދި ގާޒީގެ އެދުމުގެ މަތިން ގަވާއިދާ ހިލާފަށް އެކަން ކުރި ސަބަބު އޮފިސަރު ކިޔައިދެއްވިއެވެ. އެގޮތުން އޮފިސަރު ވިދާޅުވީ, ބަންދުގެ މަޖިލީހުގައި އިންނެވި އިންވެސްޓިގޭޝަން އޮފިސަރު އެފަދަ އަޑުއެހުމެއްގައި ބައިވެރިވަނީ ފުރަތަމަ ފަހަރަށް ކަމަށާއި އެހެންކަމުން އޭނާއަށް އެހީތެރިވުމުގެ ގޮތުން ފަހަތުގައި އިންނެވީ ކަމަށެވެ.

ނަމަވެސް އެކަން ކުރެއްވޭނި ރީތި ގޮތެއް އޮތްކަން ގާޒީ ވިދާޅުވިއެވެ. އެއީ ޝަރީއަތަށް ފެންނަ ގޮތަށް ދެ އޮޮފިސަރުން އެކުގައި އިނދެ މަޝްވަރާ ކުރެއްވުމަށްފަހު ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދެއްކެވުން ކަމަށް ގާޒީ ވިދާޅުވިއެވެ.

ގާޒީ ދީބާނާޒްގެ ވާހަކަތަކަށްފަހު ޝަރީއަތުގައި ސިއްރުން އިންނެވި އޮފިސަރު ވަނީ އެ އަމަލު ތަކުރާރު ނުކުރައްވާނެ ކަމަށް ވިދާޅުވެ މައާފަށް އެދިވަޑައިގެންފައެވެ.

އޮފިސަރުގެ މައާފު ޝަރީއަތުން ބަލައިގަންނަން ނިންމި ނަމަވެސް ފުލުހުންނަކީ ގާނޫނާ އެއްގޮތަށް އަމަލުކުރަންޖެހޭ އަދި ގާނޫނު ތަންފީޒުުކުރާ މުއައްސަސާއަކަށްވާއިރު, އެގޮތަށް އަމަލުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ގާޒީ ވިދާޅުވިއެވެ. އަދި އެއީ އެފަދަ އަމަލެއް ފުލުހުންގެ ފަރާތުން ފާހަގަވި ފުރަތަމަ ފަހަރު ނޫން ކަން ފާހަގަކޮށް ގާޒީ ވަނީ, އިތުރަށް އެ އަމަލު ތަކުރާރުކޮށްފިނަމަ ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބަލައި ފުލުހުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

comment ކޮމެންޓް