އެމްއެންޕީއަށް ފައިސާގެ އެހީތެރިކަން ދިނުމުގެ ފުރުސަތު ހުޅުވައިލައިފި

އެމްއެންޕީގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ---ސަން ފައިލް ފޮޓޯ

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)އަށް ފައިސާގެ އެހީތެރިކަން ދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވައިލައިފިއެވެ.

އެމްއެންޕީން ކުރިއަށް އޮތް ތަނުގައި އެ ޕާޓީގެ ގިނަ ހަރަކާތްތަކެއް ރާވާފައިވާއިރު، އެ ހަރަކާތްތައް އެންމެ އެދެވޭ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ފައިސާ ބޭނުންވާނެކަމަށް އެ ޕާޓީގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް "ސަން"އަށް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ޕާޓީގެ އިދާރީ ހުންގުމަށާއި ހަރަކާތްތައް ބޭއްވުމުގެ އިތުރުން ރަށްރަށުގައި ޕާޓީގެ ގޮފިތައް އެކުލަވާލުމުގެ މަސައްކަތުގައި މާލީގޮތުން އެހީތެރިވުމަށް މިހާރުވެސް ގިނަ ބަޔަކު އެދެމުން އަންނަ ކަމަށެވެ.

"ދެން އަޅުގަނޑުމެންނަށް ވަރަށް ގިނަ މީހުން ވިދާޅުވެފަ މި އޮތީ. އެ ފަރާތްތަކުން ބޭނުންވޭ އަޅުގަނޑުމެންނަށް އައެހީ ތެރިކަން ފޮރުކޮށްދޭން. މީގެއިތުރުން ޕާޓީއަކީ ވަކި މީހަކަށް ނިސްބަތްނުވާ ޕާޓީއަކަށް ހެދުމަށްޓަކައި ޕާޓީއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ އެންމެނަށް އެ ފުރުސަތު އޮތުމަކީ އަޅުގަނޑު ވަރަށް ގަބޫލުކުރާ ކަމެއް،" ނާޒިމް ވިދާޅުވިއެވެ.

ޕާޓީގެ އެންމެންނަށް އަދި ހެޔޮއެދޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ފަހި ކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއްކަމުގައިވެސް ނާޒިމް ވިދާޅުވިއެވެ. އެހެނިހެން ކުރިއަރާފައިވާ ސިޔާސީ ނިޒާމް ހިނގާ ގައުމު ތަކުގައި ވެސް ސިޔާސީ ޕާޓީ ހިންގަނީ ޕާޓީގެ މެންބަރުންނަށް އެހީތެރިވުމުގެ ފުރުސަތު ދީގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމްއެންޕީއަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން ފައިސާ ފޮނުވަންޖެހޭނީ އެމްއެންޕީގެ އިސްލާމިކް ބޭންކުގެ އެކައުންޓަށެވެ.

comment ކޮމެންޓް