ފީނާ ވޯލްޑް ޗެމްޕިއަންޝިޕްސްގައި ހަމްނާ ދެ ރެކޯޑެއް އައު ކޮށްފި

ފީނާ ވޯރލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް (25 މީޓަރ)ގައި ހަމްނާ އަޙްމަދު ޢަލީ ޤައުމީ- ފޮޓޯ / ސްވިމިންގް އެސޯސިއޭޝަން

އަބޫދާބީގައި މިހާރު ކުރިއަށްދާ 15 ވަނަ ފީނާ ވޯރލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް (25 މީޓަރ)ގައި ހަމްނާ އަޙްމަދު ޢަލީ ޤައުމީ ދެ ރެކޯޑެއް އައުކޮށްފިއެވެ.

ހަމްނާ އައުކޮށްފައިވަނީ ވުމެންސް ޝޯޓްކޯސް 50 މީޓަރު ބެކްސްޓްރޯކްގެ ގައުމީ ރެކޯޑް އަދި 100 މީޓަރު އިންޑިވިޖުއަލް މެޑްލޭގެ ޤައުމީ ރެކޯޑެވެ. މި މުބާރާތުގައި ހަމްނާ 50 މީޓަރ ބެކްސްޓްރޯކް ފަތާފައިވަނީ 00.32.78 އިންނެވެ. އަދި 100 މީޓަރ އިންޑިވިޖުއަލް މެޑްލޭ ފަތާފައިވަނީ 01.15.82 އިންނެވެ.

މީގެތެރެއިން 50 މީޓަރު ބެކްސްޓްރޯކް އިވެންޓްގެ ޤައުމީ ރެކޯރޑް ކުރިން ހޯލްޑްކޮށްފައިވަނީ އައިޝަތު ސައުސަން އެވެ. އެއީ 2019 ވަނަ އަހަރު ބޭއްވުނު 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި 00.33.89 އިން ރޭސް ފުރިހަމަކޮށްގެންނެވެ. 100 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓްގެ ޤައުމީ ރެކޯޑް މީގެ ކުރިން ހޯލްޑްކޮށްފައިވަނީ އާމިނަތު ރޫޔާ ހުސައިންނެވެ. އެ މުބާރާތުގައި ރާއްޖެ ތަމްސީލްކުރީ، މުބާލް އައްޒާމް އިބްރާޙީމް، އަލީ އިމްއާން، އައިޝަތު ސައުސަން އަދި، ހަމްނާ އަހުމަދެވެ.

މީގެ އިތުރުން އެމުބާރާތުގައި އަލީ އިމްއާން ވަނީ 100 މީޓަރު ބެކްސްޓްރޯކް އިވެންޓް 01:08.71 އިން އަދި 50 މީޓަރ ބެކްސްޓްރޯކް އިވެންޓް 00:31.16 އިން ފުރިހަމަކޮށް 2017 ވަނަ އަހަރު ފަސް ވަނަ އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސްގައި އިމްއާން އައުކޮށްފައިވާ ރެެކޯޑްތައް އައުކޮށްފައެވެ.

ހަމައެހެންމެ އެ މުބާރާތުގައި 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓް 02:26.35 އިން އަދި 200 މީޓަރ ފްރީސްޓައިލް އިވެންޓް 02:09.57 އިން ފުރިހަމަކޮށް މުބާލް އައްޒާމް އިބްރާހިމް ވަނީ 2017 ވަނަ އަހަރު ފަސް ވަނަ އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސްގައި އޭނާ ހަދާފައިވާ ގައުމީ ދެ ރިކޯރޑް އާކޮށްފައެވެ.

އެމުބާރާތަށް ކޯޗް އަދި ޓީމް ލީޑަރެއްގެ ގޮތުގައި ޓީމާ ހަވާލުވެގެން ގޮސްފައިވަނީ ގައުމީ ހެޑްކޯޗު، އިބްރާޙީމް މޫސާއެވެ.

މީގެ 15 އަހަރު ކުރިން 2005 ވަނަ އަހަރު ބޭއްވުނު ފުރަތަމަ އޭޝިއަން އިންޑޯ ގޭމްސްގައި ރޫޔާ ރޭސް ފުރިހަމަ ކޮށްފައިވަނީ 01.19.76 އިންނެވެ.

މި މުބާރާތް ކުރިއަށް ގެންދަނީ އުނައިޓެޑް އަރަބް އެމިރޭޓްސްގެ އަބޫ ދާބީގައި މި މަހުގެ 16 އިން 21 އަށެވެ.

comment ކޮމެންޓް