އަހަރުގެ އެންމެ ގިނަ ކައިވެނި މިއަދު، ޖުމްލަ 57 އެއް

އޮގަސްޓް 31، 2018: މާލެއާއި ހުޅުލެ ގުޅާލާ ބުރިޖު (ސިނަމާލެ ބުރިޖު) މަތީ ކުރެވުނު ކައިވެނި ޕާޓީތަކުގެ ތެރެއިން: މިއަދު ވަނީ 57 ކައިވެނި ކުރުމަށް ތާވަލްކޮށްފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މިއަދު ރާއްޖޭގައި 57 ކައިވެނި ކުރުމަށް ހަމަޖެހިފައިވާ ކަމަށް ފެމެލީ ކޯޓުން ބުނެފިއެވެ.

ފެމެލީ ކޯޓުގެ ރެޖިސްޓްރާ އަހްމަދު ނަޝީދު 'ސަން' އަށް ވިދާޅުވީ, މިއަދު (21/12/21) ރާއްޖޭގައި 57 ކައިވެނި ކުރުމަށް ތާވަލްކޮށްފައިވާ ކަމަށާއި އެއީ މި އަހަރުގައި އެއް ދުވަހެއްގައި އެންމެ ގިނަ ކައިވެނި ކުރާ ފަހަރު ކަމަށެވެ.

ގިނަ ކައިވެނިތަކެއް މިއަދުކުރުމަށް ހަމަޖެހިފައިވާއިރު ވަރީގެ 11 މައްސަލައެއް ވެސް ކުރިއަށް ގެންދިއުމަށް ފެމެލީ ކޯޓުގައި ވަނީ ތާވަލްކޮށްފައެވެ.

ރީތި ތާރީހުގައި ކައިވެނި ކުރުމަކީ ރާއްޖޭގައި އާންމުކޮށް ކުރާ ކަމެކެވެ. މިއަދާ ދިމާކޮށް ކައިވެނި ހަފްލާތައް ބޭވުމަށް މާލޭގެ ގިނަތަންތަން ވަނީ ބުކް ކޮށްފައެވެ.

އާންމު ގޮތެއްގައި ފެމިލީ ކޯޓުގައި ދުވާލަކަށް ކުރާނީ 10 ވަރަކަށް ކައިވެނި ކަމަށް އެ ކޯޓުން ވަނީ ބުނެފައެވެ.

މި އަހަރުގެ މިހާތަނަށް އެއް ދުވަހެއްގައި 57 ކައިވެނިކޮށްފައިވާއިރު މިދިޔަ އަހަރު އެއް ދުވަހެއްގައި ވަނީ 66 ކައިވެނިކޮށްފައެވެ. އެއީ 20/2/20 އެވެ.

comment ކޮމެންޓް