ގައްދޫ ކައުންސިލްގެ ރައީސް އެއް ދައުވާއިން ސަލާމަތްވެ، މިނިވަންވެއްޖެ

ގައްދޫ ކައުންސިލްގެ ރައީސަކަށް އިންތިހާބު ކުރި ގދ. ގައްދޫ ވިންސެންޓް، މުހައްމަދު އަހުމަދު (އެމްޑީ) --

ގދ. ގައްދޫ ކައުންސިލްގެ ރައީސް މުހައްމަދު އަހުމަދު (އެމްޑީ)ގެ މައްޗަށް ކުރި ދައުވާތަކުގެ ތެރެއިން އެއް ދައުވާއިން އޭނާ ސަލާމަތްވެ، މިނިވަންވެއްޖެއެވެ.

ޖުޑިޝަރީގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ، މުހައްމަދު އަހުމަދުގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ތެރެއިން އޭނާގެ މައްޗަށް ސާބިތު ނުވީ ކުޑަކުއްޖަކަށް އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ފޮނުވުމުގެ ދައުވާ ކަމަށެވެ. އެއީ މިދިޔަ އަހަރުގެ ތެރޭގައި އޭނާގެ މައްޗަށް ކުރި ދައުވާއެކެވެ.

އެ އޮފިޝަލް ވިދާޅުވީ، މުހައްމަދު އަހުމަދުގެ މައްޗަށް އެ ދައުވާ ސާބިތު ނުވީ ކުޑަކުއްޖާއަށް ފޮޓޯ ފޮނުވީ އޭނާކަން ކަށަވަރު ނުވާތީ ކަމަށެވެ.

އެގޮތުން ފޮޓޯ ފޮނުވާފައި ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ކަމަށާއި އެ އެކައުންޓު ހަދާފައި ވަނީ މުހައްމަދު އަހުމަދުގެ ނަމުގައި ކަމަށްވީ ނަމަވެސް އެއީ އޭނާގެ އެކައުންޓެއްކަން ފުލުހުންގެ ތަހުގީގުން ވެސް ސާބިތުނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި ކުޑަކުއްޖާ ވެސް ވަނީ ފޮޓޯ ފޮނުވީ މުހައްމަދު އަހުމަދުކަން ޔަގީން ނުވާ ކަމަށް ބުނެފައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެހެންކަމުން، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓައިފައިހުރި އަހުމަދު މުހައްމަދު މިވަގުތަށް މިނިވަންވެފައިވާ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

މުހައްމަދު އަހުމަދުގެ މައްޗަށް އުފުލައިފައިވާ އިތުރު ދައުވާތަކަކީ ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.

އޭގެ ތެރެއިން ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ އުފުލީ 2015 ވަނަ އަހަރު އޭނާ ކައުންސިލު ރައީސްކަމުގައި ހުރި އިރު ކުޑަކުއްޖަކާ އެކު ޖިންސީ އަމަލު ހިންގި ކަމުގެ ތުހުމަތުގައެވެ.

އެ މައްސަލައިގައި ހެކި ބަސް ނަގައި އަދި ނުނިމޭ ކަމަށް ޖުޑިޝަރީގެ އޮފިޝަލް ވިދާޅުވިއެވެ.

މިދިޔަ އޭޕްރިލް މަހު މުހައްމަދު އަހުމަދު ގައްދޫ ކައުންސިލުގެ ރައީސް ކަމަށް އިންތިހާބުވީ ޕީޕީއެމްގެ ޓިކެޓުގައެވެ. އޭނާ އިންތިހާބުވީ އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް 21 ވޯޓުގެ ތަފާތަކުންނެވެ.

އޭނާއަށް އިންތިހާބުގައި ވާދަ ކުރަން ފުރުސަތު ލިބުނީ އޭނާގެ މައްސަލަތައް ނިންމައި ހުކުމެއް ކޮށްފައި ނެތުމުންނެވެ. ނަމަވެސް އެ މައްސަލަތަކާ ގުޅިގެން އެއިރުވެސް އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

އޭގެ ފަހުން، މެއި މަހުގެ ތިން ވަނަ ދުވަހު އޭނާ ދޫކޮށްލަން ގައްދޫ މެޖިސްޓްރޭޓު ކޯޓުން ނިންމިއެވެ. ނަމަވެސް މެއި މަހުގެ 23 ވަނަ ދުވަހު ހައިކޯޓުން ގައްދޫ މެޖިސްޓްރޭޓު ކޯޓުގެ ނިންމުން ބާތިލުކޮށް، އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަނެއްކާވެސް ނިންމިއެވެ.



comment ކޮމެންޓް