މިދިޔަ މަހު އެންމެ ގިނައިން ރިޕޯޓުކުރީ ކުޑަކުދިންނަށް ޖިންސީ ހާނިއްކަ ކުރުމުގެ މައްސަލަ

ރޭޕް ކުރުމާއި ޖިންސީ އަނިޔާއާއި ދެކޮޅަށް މާލޭގައި ކުރިއަށް ގެންދިޔަ ހިގާލުމެއްގެ ތެރެއިން -- ސަން ފައިލް ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މިދިޔަ މަހުގެ ތެރޭގައި ޖެންޑާ މިނިސްޓްރީއަށް ރިޕޯޓްކުރި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ކުޑަކުދިންނަށް ޖިންސީ ހާނިއްކަ ކުރުމުގެ މައްސަލަތައް ކަމަށް އެ މިނިސްޓްރީގެ ތަފާސްހިސާބުން ދައްކައިފިއެވެ.

އެ މިނިސްޓްރީން އިއްޔެ އާއްމު ކުރި ތަފާސްހިސާބުތަކުން ދަައްކާ ގޮތުގައި، މިދިޔަ މަހު ޖުމްލަ 184 މައްސަލައެއް އެ މިނިސްޓްރީން ވަނީ ބަލާފައެވެ.

އެގޮތުން، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ ގޮތުގައި މިދިޔަ މަހު 84 މައްސަލަ ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި ޖިންސީ ހާނީއްކައިގެ 29 މައްސަލަ ހިމެނުނެވެ.

މީގެ އިތުރުން އިހުމާލުގެ 21 މައްސަލައާއި ޖިސްމާނީ ހާނީއްކައިގެ 17 މައްސަލައިގެ އިތުރުން ނަފްސާނީ ހާނީއްކައިގެ ހަ މައްސަލައަކާއި ގަނާގެ ޝިކާރައަކަށްވުމުގެ ފަސް މައްސަލައެއް އަދި ގެވެށި އަނިޔާ ކުރާތަން ފެނުނު ހަތަރު މައްސަލައަކާއި ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދެ މައްސަލައެއްވެސް ރިޕޯޓު ކުރި ކަމަށް ޖެންޑާއިން ބުންޏެވެ.

އާއިލީ މައްސަލައިގެ ގޮތުގައި މިދިޔަ މަހު 26 މައްސަލައެއް ޖެންޑާއަށް ރިޕޯޓު ކޮށްފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ކުދިންނާ ބައްދަލު ކުރުމުގެ 19 މައްސަލައަކާއި ކުދިން ބެލުމާ ގުޅުން ހުރި ހަތް މައްސަލައެކެވެ.

ހަމައެއާއެކު، ކުދިންނަށް ކުރާ ގެވެށި އަނިޔާގެ މައްސަލަތަކާއި ކުދިންގެ އަހުލާގީ މައްސަލަތަކުގެ އިތުރުން އަމިއްލަ ނަފުސަށް ގެއްލުން ދިނުމުގެ މައްސަލަވެސް މިނިސްޓްރީއަށް ރިޕޯޓުކޮށްފައިވެއެވެ. އަދި ކުދިން ހައްގުތަކުން މަހުރޫމު ކުރުމުގެ ފަސް މައްސަލައެއް ރިޕޯޓްކޮށްފައިވާއިރު ގާނޫނުގައި ގަވާއިދާ ހިލާފު ވުމާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ވެސް ޖެންޑާއަށް ވަނީ ހުށަހަޅާފައެވެ.

މިދިޔަ މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ޖުމްލަ 208 ކުއްޖަކު ތިބި ކަމަށް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

comment ކޮމެންޓް