މެލޭޝިއާގެ ދެބައިކުޅަ އެއްބައިގައި ފެންބޮޑުވެ އެތައް ހާސްބަޔަކު ހާލުގައި ޖެހިއްޖެ

މެލޭޝިއާގައި ފެންބޮޑުވެފައި

ކުއާލަލަންޕޫރު (ޑިސެމްބަރު 20): ފާއިތުވި ހަފްތާ ބަންދުގައި މެލޭޝިޔާއަށް ހުއްޓުމެއްނެތި ދެ ދުވަސްވަންދެން ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެގައުމުގެ ގިނަ ސަރަހައްދުތަކެއްގައި ފެންބޮޑުވެއްޖެއެވެ.

މެލޭޝިއާގެ ރަސްމީ ނޫސްއެޖެންސީ "ބެރްނާނާ" ބުނާގޮތުން އެންމެ ބޮޑަށް ފެންބޮޑުވެފައިވަނީ އެގައުމުގެ އެންމެ މުއްސަނދި އަދި އާބާދީ އެންމެ ބޮޑު ސަރަހައްދުކަމަށްވާ ސެލެންގޯ ގައެވެ. މެލޭޝިއާގެ 16 ސްޓޭޓްގެ ތެރެއިން އަށް ސްޓޭޓްގައި ފެންބޮޑުވެފައިވާކަމަށް "ބެރްނާނާ" ޚަބަރުދެއެވެ.

މެލޭޝިއާގައި ފެންބޮޑުވެފައި

މެލޭޝިޔާގެ ބޮޑުވަޒީރު އިސްމާޢީލު ސަބްރީ ވިދާޅުވިގޮތުގައި ފެންބޮޑުވުމުގެ ސަބަބުން ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މީގެތެރޭގައި 11 ހާސް މީހުންގެ ގެދޮރު ހަލާކުވުމާއި ބައެއް މަގުތަކާއި އެތައް އިމާރާތަކާއި ބައެއް ބްރިޖްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމާއި ކަނޑުމަގުން ކުރާ ވިޔަފާރިއަށް ބުރޫއެރުން ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ.

ރަސްމީ ނޫސްއެޖެންސީ "ބެރްނާނާ" ބުނާގޮތުން ފެންބޮޑުވުމުގެ ސަބަބުން މަދުވެގެން 21 ހާސް މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައެވެ. އަދި ފެންބޮޑުވެފައިވާ ސަރަޙައްދުތަކުގައި ތިބި ހާލުގައި ޖެހިފައިވާ މީހުންނަށް ފެނާއި ކާބޯތަކެއްޗާއި ބޭސް ފޯރުކޮށްދިނުމަށް ސަލާމަތީ ބާރުތަކާއި ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ބާރުތައް ހަރަކާތްތެރިވަމުން ދާކަން "ބެރްނާނާ" އިން ރިޕޯޓްކޮށްފައިވެއެވެ.

ހާލުގައި ޖެހިފައިވާ މީހުން

ބޮޑުވަޒީރު އިސްމާއިލް ސަބްރީ ވަނީ ހާލުގައި ޖެހިފައިވާ މީހުންނަށް އަވަސް އެހީ ފޯރުކޮށްދިނުމުގެ އިތުރުން ގެއްލުން ލިބުނު ގެތަކާއި ތަންތަން މަރާމާތު ކުރުމަށް މެލޭޝިއާގެ މައި ސަރުކާރުން 23.7 މިލިއަން ޑޮލަރު ޚަރަދުކުރާނެކަމަށް ވިދާޅުވެފައެވެ.

މެލޭޝިޔާގެ މޫސުމާބެހޭ އިދާރާއިން ވަނީ ކުރިޔަށް އޮތް ދުވަސްތަކުގައިވެސް އެގައުމުގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް އެލާޓްތައް ނެރެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް