އިދިކޮޅު ޕީޕީއެމް، ޕީއެންސީން "އިންޑިއާ އައުޓް" ކެމްޕެއިނު ކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވައްކަމުގެ މައްސަލަތައް ފޮރުވުމަށް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބު ރައީސް، ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
އެމްއެންޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރިޔާޒް ވިދާޅުވީ ސުޕްރީމް ކޯޓުން ނިންމި މައްސަލައިގެ އިތުރުން ވެސް ގިނަ މައްސަލަތަކެއް ހުރި ކަމަށެވެ. އަދި މި މައްސަލަތަކުގައި ދައުލަތުގެ ގިނަ ފައިސާތަކެއް ވެސް ގެއްލިފައިވާ ކަން ފާހަގަކުރެއްވިއެވެ.
ރިޔާޒް ވިދާޅުވީ އަވައްޓެރި ގައުމުތަކާ އިދިކޮޅުން ޖައްސައިލައިގެން އުޅެނީ ކޮރަޕްޝަނުގެ މި މައްސަލަތައް ފޮރުވުމަށް ކަމަށެވެ.
"މިކަންކަން [ކޮރަޕްޝަންގެ މައްސަލަތައް] ފޮރުވުމަށް ޓަކައި، މުޅި ވާހަކަ އޮއްބާލުމަށް ޓަކައި އެހެން ގައުމުތަކާ ޖައްސައިލައިގެން، ގައުމުގެ ރައްޔިތުންނަށް ގެއްލުންވާ ކަންކަމަކާ އަޅުގަނޑުމެން އެއްބަހެއް ނުވަން،" ރިޔާޒް ވިދާޅުވިއެވެ.
ރިޔާޒް އެ އިޝާރާތް ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްނަންގަވައިގެން އިދިކޮޅު ކޯލިޝަނުން އިންޑިއާއާ ދެކޮޅަށް ކުރަމުން އަންނަ "އިންޑިއާ އައުޓް" ކެމްޕެއިން"އަށެވެ.
އެމްއެންޕީން މިއަދު ވަނީ އިންޑިއާ އައުޓް ކެމްޕެއިނަށް އެ ޕާޓީން ތާއީދުނުކުރާ ކަން ހާމަކޮށްފައެވެ.
އެމްއެންޕީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ނާޒިމް މިއަދު ވިދާޅުވީ އިންޑިއާ އައުޓް ކެމްޕެއިނަކީ ރައީސް ޔާމީން ކުރައްވައިފައިވާ ގާނޫނާ ހިލާފު އަމަލުތައް ފޮރުވުމަށް ހިންގަމުން އަންނަ ޖަރީމާއެއް ކަމަށެވެ.
"މިއީ ވަކި ބޭފުޅަކު އެބޭފުޅެއްގެ ސަރުކާރުގައި ހިނގާފައިހުރި އެކި ކަހަލަ ކަންކަން ފޮރުވާ މަތިޖެހުމަށްޓަކާ ހިންގާ ކެމްޕޭނެއް. މިއީ ގައުމީ ކެމްޕެއިނެއް ނޫން. އެމްއެންޕީން ގަބޫލެއް ނުކުރަން މިއީ ގައުމީ ކެމްޕޭނެއް ކަމަކަށް،" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވަނީ މި ކެމްޕެއިނުގައި ދިވެހި ރައްޔިތުން ބައިވެރިނުވުމަށް ގޮވައިލައްވައިފައެވެ. އަދި މި ކެމްޕެއިނުގެ ސަބަބުން ރާއްޖެއަށް އިގްތިސޯދަށް ގެއްލުންވެ، އެކުވެރި ގައުމުތަކުގެ ތެރޭގައި ގުޅުން ހީނަރު ވެގެން ހިނގައި ދާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.