އަތޮޅުތެރެއަށް ކުރި ދަތުރުތަކުގައި ރައްޔިތުންގެ ފަރާތުން އިވުނީ ހުސް ޝަކުވާ: ނާޒިމް

ޖުލައި 26، 2021: އަލަށް އުފެއްދުމަށް މަސައްކަތްކުރަމުންދާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ފާއިތުވީ ދެމަސް ދުވަސް ތެރޭގައި އަތޮޅު ތެރެއަށް ކުރި ދަތުރު ތަކުގައި ރައްޔިތުންގެ ފަރާތުން އަޑުއިވުނީ ހުސް ޝަކުވާ ކަމަށް އެ ޕާޓީގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ އެމްއެންޕީގެ ފަރާތުން އަތޮޅު ތެރޭގެ ބައެއް ދާއިރާތަކަށް ކުރި ދަތުރުތަކުގެ މައުލޫމާތު މީޑިއާއަށް ދިނުމަށް ޓަކައި ދެއްވި ޕްރެސްގައި ވާހަކަ ދައްކަވަމުންނެވެ.

ދަގެތީ ދާއިރާގެ މެމްބަރު ވިދާޅުވީ އެ ޕާޓީގެ ފަރާތުން އަތޮޅު ތެރެއަށް ކުރި ދަތުރުތަކުގައި ކުލަބް ޖަމުއިއްޔާ ތަކަށާއި ރައްޔިތުންނާއި ބައްދަލުކުރި ކަމަށެވެ. އެގޮތުން ފާއިތުވީ ދެމަސް ދުވަސް ތެރޭގައި ޒިޔާރަތްކުރި ރަށްރަށުން އިވުނީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ނުކޮށްދެވޭ ކަމުގެ ޝަކުވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ޕާޓީގެ ފަރާތުން ކުރި އެ ދަތުރުގައި އައްޑޫ ސިޓީއަށާއި ފުވައްމުލަކަށާއި ގދ. އަތޮޅަށާއި ތ. އަތޮޅުގެ އިތުރުން ހދ. އަތޮޅަށް ޒިޔާތް ކުރެއްވި ކަމަށެވެ.

އަތޮޅު ތެރެއިން އިވުނު ޝަކުވާތަކާއި ކަންބޮޑުވުންތަކުގެ ވާހަކަ ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ އެންމެން ވެސް ދައްކަމުން މި އަންނަނީ ކައުންސިލްތަކާއި ރައްޔިތުން ބާރުވެރި ކުރުވާ ވާހަކަ ކަމަށެވެ. ނަމަވެސް ފެނުނީ، ލާމަރުކަޒީ ގާނޫނެއް އުފެއްދި ކަމުގައިވިޔަސް ކައުންސިލުތަކުގެ އަތް ބަނދެ، އެ ކައުންސިލް ތަކަށް އެކަށީގެންވާ ބާރު ނުދީ، ހިފަހައްޓައިގެން އުޅޭ މަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ ފަރާތުން ހުށަހެޅި އެއް ޝަކުވާއަކީ ގިނަ ބާރުތަކެއް މައި ސަރުކާރުގައި ހުރެމެ، ގާނޫނު ތަންފީޒު ކުރުމުގެ ފުރުސަތު ނުދޭ މައްސަލަ ކަމަށެވެ.

"ވަރަށް މުހިއްމު އެއްކަމެއް އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނު. އެއީ ރަށުގެ ތަރައްގީއަށް ބޭނުންވާ ލޭންޑް ޔޫސް ޕްލޭންގެ މައްސަލަ. ވަރަށް ގިނަ ރަށްތަކުން މި ޕްލޭން ތައްޔާރުކުރުމަށްފަހު، ކަމާބެހޭ ވުޒާރާއަށް ހުށަހަޅައިފި. ނަމަވެސް ތަފާތު ބަހަނާތައް ދައްކައިގެން އެކަންކަން ނުކުރެވި ހުރުމުގެ ސަބަބުން ރަށްތައް ތަރައްގީ ކުރުމަށް ޓަކައި ކައުންސިލް ތަކަށް މިދަނީ ވަރަށް ބޮޑެތި ގޮމްޖެހުންތަކެއް ކުރިމަތިވަމުން،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ޕާޓީގެ ވިސްނުމަކީ ލާމަރުކަޒީ ގާނޫނުގައި މިހާރު ހުރި ބައެއް ކަންކަމަށް އިސްލާހު ހުށަހެޅުން ކަމަށެވެ.

އެގޮތުން ލޭންޑްޔޫސް ޕްލޭނަކީ ސަރުކާރުގެ މައި އިދާރާއަކަށް ހުށަހަޅައިގެން ތިން މަސް ދުވަސް ތެރޭގައި ހުއްދަދޭން އޮންނަ އޮތުން ބަދަލު ކުރާން ހުށަހަޅުއްވާނެ ކަމަށެވެ. އަދި ރައްޔިތުންނާއި ކައުންސިލްތަކާ ގުޅިގެން އެކުލަވައިލާ ލޭންޑްޔޫސް ޕްލޭން، އިތުރު ފަރާތަކާއެކު މަޝްވަރާ ކުރުމެއް ނެތި ފާސް ކުރެވޭނެ ގޮތެއް ހަމަޖެއްސުމަށް ޓަކައި ޕާޓީން ވިސްނަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

"އިރާދަ ކުރެއްވިއްޔާ މި އަންނަ ދައުރަށް އަޅުގަނޑުމެންގެ ވިސްނުމާ އެކީގައި ރައްޔިތުންނާއި ކައުންސިލްތައް ބޭނުންވާ ގޮތަށް ލޭންޑްޔޫސް ޕްލޭން ހެދުމަށްފަހު، ވީހާ ވެސް އަވަހަކަށް އެ ފާސް ކުރެވޭނެ ގޮތަކަށް ގާނޫނު ބަދަލު ކުރުމަށް ޓަކައި އިސްލާހު ހުށަހަޅާނަން،" ނާޒިމް ވިދާޅުވިއެވެ.

ކުރީ ސަރުކާރުގެ ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި ނާޒިމް ވިދާޅުވީ ރަށްރަށް ތަރައްގީ ކުރުމަށް ޓަކައި ކުރަމުން އަންނަ ގިނަ މަސައްކަތްތަކުގައި ކައުންސިލްގެ ހިއްސާ ނޯންނަކަން ފާހަގަ ކުރެވުނު ކަމަށެވެ. އަދި ގިނަ ޕްރޮޖެކްޓްތައް ކުރިއަށް ގެންދަނީ ވެސް ކައުންސިލްތަކާ މަޝްވަރާ ނުކޮށް، ކައުންސިލްތައް ބާކީ ކުރުމަށްފަހުގައި ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޕާޓީގެ ފަރާތުން އައްޑޫ ސިޓީއަށް ކުރި ދަތުރުގައި ވެސް ރައްޔިތުންގެ މޫނުމަތިން ފެނުނީ މާޔޫސްކަމުގެ ކުލަވަރު ކަމަށެވެ. އެގޮތުން ވޭތުވެދިޔަ، ދެ ސަރުކާރެއްގައި ދައްކަމުން ދިޔައީ އެއާޕޯޓު ތަރައްގީ ކުރާނެ ކަމުގެ ހުވަފެންތައް ކަމަށް ވިދާޅުވިއެވެ.

"އެތަނުގައި ހުރި ރިސޯޓުތަކުގެ ތެރެއިން އިސްމަހެލާ ފިޔަވާ އެއްވެސް ރިސޯޓެއް އަދި އޮޕަރޭޝަނަކަށް ނުގެނެވެ. އެތަނުގައި އުޅުނު މުވައްޒަފުން ތިބީ ބިކަވެ، މަގުމަތިވެފަ. އަޅުގަނޑުމެންނާ އެމީހުންނާ ބައްދަލުވި. އެމީހުންގެ އިހްސާސްތައް ކިޔައިދިން. އެ ރިސޯޓުތައް މިހާރުން މިހާރަށް އޮޕަރޭޝަނަށް ގެނައުމަށް ސަރުކާރަށް އަޅުގަނޑު ގޮވާލަން،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ޕާޓީގެ ފަރާތުން ފުވައްމުކަށް ކުރި ދަތުރުގައި ވެސް ފާހަގަވީ މާޔޫސްކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ އެ ސިޓީގެ ކަރަންޓު މައްސަލަ އަދިވެސް ވަނީ ހައްލުނުވެ، ކަމަށާއި ފެންނަނީ ހަމައެކަނި ބިންގާ އަޅައި މަންޒަރު ކަމަށެވެ. އަދި ވިދާޅުވީ މުޅި ސަރަހައްދު ވެސް ވަނީ ގަސްބޯވެ، ބޮޑުބައެއްގައި ޖަންގަލި ހެދިފައި ކަމަށެވެ.

އޭނާ ވިދާޅުވީ މީގެ އިތުރުން އެތަނުގެ ފާހާނާ ނިޒާމު ހަލާކުވެ، ފެންބޮޑުވާ ކޮންމެ ވަގުތަކުމެ، ނަޖިސް އަރާވަރުން ރައްޔިތުންނަށް ތަކުލީފަކަށް ވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އެރަށުގައި ތިބިއިރު، އިހުސާސް ކުރެވުނު ދުއްވާ ކާރު ތެރެއިން ވެސް ދުވަނީ ނަޖިސް ވަސް. މުޅި ފެންގަނޑުތެރެ ވަނީ ތަގައްޔަރުވެފައި. އެހެންވީމަ އެމްއެންޕީގެ ފަރާތުން ސަރުކާރަށް އިސްތިމާސް ކުރަނީ މި ކަންކަމަށް ވީ އެންމެ އަވަހަކަށް ހައްލު ގެނެސްދެއްވައި ރައްޔިތުން އެކަމުން ސަލާމަތް ކޮށްދިނުމަށް،" ނާޒިމް ވިދާޅުވިއެވެ.

ޕާޓީގެ ފަރާތުން ގދ. އަތޮޅަށް ކުރި ދަތުރާބެހޭގޮތުން ނާޒިމް ވިދާޅުވީ ފްލައިޓް ޖެއްސި ވަގުތުގައި ވެސް ފެނުނީ ވަރަށް ހިތާމަވެރި މަންޒަރެއް ކަމަށެވެ.

އޭނާ ވިދާޅުވީ އެތަނުގައި އޮތް އެއާޕޯޓަކީ ރައީސް މައުމޫނުގެ ވެރިކަމުގައި ހަދާފައިއޮތް އެއާޕޯޓެއް ކަމަށާއި އެއަށްފަހު، އެތަނަށް އިތުރު އެއްވެސް ބަދަލެެއް ގެނެސްފައިނުވާ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރާއި އަމިއްލަ ކުންފުންޏަކާ ދޭތެރޭގައި އުފެދިގެން އުޅޭ މައްސަލަގަނޑެއްގެ ތެރޭގައި އެއާޕޯޓު އޮތީ ތާށިވެފައި ކަމަށެވެ.

އެ ސަރަހައްދަށް އަންނަ ފަތުރުވެރީންނަށް ހިދުމަތް ނުދެވޭކަން ފާހަގަ ކުރައްވައި ނާޒިމް ވިދާޅުވީ އެތަނުގެ ގެސްޓް ހައުސްތަކާއި ކައިރި ރިސޯޓުތަކުގެ މީހުން ތިބީ ހާސްކަމުގެ ތެރޭގައި ކަމަށެވެ.

"އެމްއެންޕީގެ ފަރާތުން ސަރުކާރަށް އިލްތިމާސް ކުރަން އެއާޕޯޓު އެ އަމިއްލަ ކުންފުނީގެ އަތުން ނަގައި އެތަން ތަރައްގީ ކުރުމުގެ މަސައްކަތް މިހާރުން މިހާރަށް ފެށްޓެވުމަށް،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އެމްއެންޕީގެ ވެރިކަމެއްގައި ކާޑެއްދޫ އެއާޕޯޓަކީ ބައިނަލް އަގްވާމީ އެއާޕޯޓަކަށް ބަދަލު ކުރާނެ ކަމަށެވެ. އެއަށްފަހު، ކައިރި ރިސޯޓު ތަކަށާއި ގެސްޓް ހައުސް ތަކަށް ބޭނުންވާނޭ ހިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި އެތަނުން ދޭން ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް