ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްއެންޕީން ވާދަކުރާނެ، ކެމްޕެއިން ފަށަނީ

މޯލްޑިވްސް ނެޝަނަލްް ޕާޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަންފޮޓޯ/ ނާއިލް ހުސައިން

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން އެ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރަން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އިން ނިންމައިފިއެވެ.

އެމްއެންޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ރައީސް އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވީ ކޮމަންޑޫ ދާއިރާއަށް އެ ޕާޓީން ރަނގަޅު ކެންޑިޑޭޓެއް ނެރޭނެ ކަމަށެވެ.

ކޮމަންޑޫ ދާއިރާގައި ވެސް އެމްއެންޕީގެ މެންބަރުން މިހާރު ތިބޭ ކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ އެ ޕާޓީގެ ޕްރައިމަރީއަށްފަހު އެ ދާއިރާއަށް ނެރޭނީ އެ ދާއިރާގެ މެންބަރެއް ކަމަށެވެ.

"އަޅުގަނޑުމެންގެ މެންބަރުން ހާއްސަކޮށް ކޮމަންޑޫ ދާއިރާގަ އެބަތިބި، އަޅުގަނޑުމެން ކޮމަންޑޫގެ ރައްޔިތަކު، ކޮމަންޑޫއަށް ނިސްބަތްވާ ބޭފުޅަކު މި ނެރެން ހިޔާލުކުރަނީ،" ނާޒިމް ވިދާޅުވިއެވެ.

އެމްއެންޕީގެ އިތުރުން ޕީޕީއެމްއާއި އެމްޑީޕީން ވަނީ ބައި-އިލެކްޝަންގައި ވާދަކުރާނެ ކަން އިއުލާނުކޮށްފައެވެ. މިކަމަށް އިޝާރާތް ކުރައްވައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނާޒިމް ވިދާޅުވީ އެމްއެންޕީއަކީ ވެސް މިހާރު ރައްޔިތުން ބަލައިގެންފައިވާ ޕާޓީއެއް ކަމަށާއި "ބޮޑެތި ޕާޓީ"ތަކާ ވާދަކޮށް ވެސް ކާމިޔާބު ލިބޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ބައި-އިލެކްޝަންގެ ކެމްޕެއިން ވަރަށް އަވަހަށް ފަށާނެ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރެއްގެ ގޮތުގައި ހުންނެވި ހުސައިން ވަހީދު, މިދިޔަ ހޯމަ ދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެންނެވެ.

އެ ދާއިރާގެ ބައި އިލެކްޝަން އަންނަ ފެބްރުއަރީ މަހުގެ ފަހެއްގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފައެވެ.

ކޮމަންޑޫ ދާއިރާގެ މެންބަރުކަމުގައި ހުންނަވަނިކޮށް ހުސައިން ވަހީދު އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ.

ހުސައިން ވަހީދު ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވާތާ ގާތްގަނޑަކަށް އަހަރެއްވެއްޖެއެވެ.

އޭނާ އަވަހާރަވިއިރު، އަނތްބަކާއި ތިން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ.

ފޯކައިދުއަށް ނިސްބަތްވެވަޑައިގަންނަވާ ހުސައިން ވަހީދު އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އަދި ދެވަނަ ދައުރަކަށް މަޖިލީހަށް އިންތިހާބުވެވަޑައިގަތީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައެވެ.

comment ކޮމެންޓް