ބޯޑަރު ހުޅުވި ފަހުން އެންމެ ގިނަ ފަތުރުވެރިން އައި ދުވަހަކީ އިއްޔެ

މާޗް 29، 2021: ފަތުރުވެރިން ރާއްޖެ އައުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އަހަރުގެ ޖުލައި މަހު ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވި ފަހުން އެއް ދުވަހެއްގެ ތެރޭ އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައީ އިއްޔެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނީ އިއްޔެ ރާއްޖެއަށް 6،955 ފަތުރުވެރިން އައި ކަމަށެވެ. އެއާއެކު މިމަހުގެ ފަސް ވަނަ ދުވަހުގެ ރެކޯޑު ވަނީ މުގުރާލެވިފައެވެ. އެ ދުވަހު ރާއްޖެ އައީ 6،269 ފަތުރުވެރިންނެވެ.

މިދިޔަ ހުކުރު ދުވަހު ޓޫރިޒަމް މިނިސްޓްރީން ވަނީ، މިއަހަރު ޓޫރިސްޓުން ރާއްޖޭގައި ހޭދަކޮށްފައިވާ ރޭގެ އަދަދު ނުވަތަ ބެޑްނައިޓްސް 10.7 މިލިއަނަށް އަރާފައިވާ ކަމަށް ބުނެފައެވެ. އަދި މި މަސް ނިމުމުގެ ކުރިން އެ އަދަދު 11 މިލިއަނަށް އަރާނެ ކަމަށް އެ މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ.

ހަމައެއާއެކު، ފަތުރުވެރިކަމުގެ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ، ވޯލްޑް ޓްރެވަލް އެވޯޑްސްގެ "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" އެވޯޑު މި މަހު ރާއްޖެއަށް ވަނީ ލިބިފައެވެ. މިދިޔަ އަހަރުވެސް އެ އެވޯޑު ލިބުނީ ރާއްޖެއަށެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމު ކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ އޮގަސްޓް މަހާއި އޮކްޓޯބަރު އަދި ނޮވެމްބަރު މަހު ވެސް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު، މިދިޔަ ދެ އަހަރު އެ މުއްދަތުގައި ރާއްޖެ އައި ފަތުރުވެރިންގެ އަދަދަށް ވުރެ އިތުރެވެ.

މި މަސް ތެރޭގައި ރާއްޖެއަށް 74،498 ފަތުރުވެރިން އައިސްފައިވާ އިރު މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 1.2 މިލިއަނަށް އަރައިފައެވެ.

comment ކޮމެންޓް