ސެކިއުލަރިޒަމްގެ ނުރައްކާ ރާއްޖޭގައި ބޮޑުވަނީ!

ބަޔަކު ގުރުއާން ކިޔަވަން މިސްކިތުގައި: އިސްލާމް ދީނާ ދެކޮޅަށް ރާއްޖޭގައި މަސައްކަތްތަކެއް އެބަ ކުރޭ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގާނޫނު އަސާސީގައި ލިޔެގެން ހުރިހާ ދިވެހިންނަކީ މުސްލިމުން ކަމަށް ކަނޑައަޅައިގެން ތިބި ނަމަވެސް އެއީ ހަގީގަތްތޯއެވެ؟ ހަސަން ކުރުސީގެ ނަމުގައި ޓްވިޓާގައި ދިވެއްސަކު ހިންގާ ފޭކް ޓްވިޓާ އެކައުންޓާއި އެފަދަ އެހެން ސޯޝަލް މީޑިއާ އެކައުންޓްތަކުގެ އިތުރުން ދިވެހިން ހިންގާ ބައެއް ޖަމިއްޔާތަކުން އާއްމުކޮށްފައިވާ ރިޕޯޓްތަކުން ހާމަވަނީ ކޮންކޮން ކަމެއްތޯއެވެ؟ މިސްކިތްތަކަށް ގެއްލުން ދިނުމާއި ކީރިތި ގުރުއާނާއި އިސްލާމް ދީނަށް ފުރައްސާރަ ކުރުން ކުއްލިއަކަށް އިތުރު މިވީ ހަމަ އިއްތިފާގަކުން ތޯއެވެ؟ އިސްލާމް ދީނާ ދެކޮޅަށް ފާޅުގައި ކަންކަން ކުރާއިރު އެކަންކަން ހުއްޓުވަން އެކަށީގެންވާ ފިޔަވަޅު ނޭޅުމަކީ ގަސްތަކާ ނުލައި ކުރާ ކަމެއް ތޯއެވެ؟

އެ ހުރިހާ ސުވާލަކަށް އަމިއްލައަށް ޖަވާބު ދިނުމުން ވަރަށް ބޮޑު ކަމެއް އެބަ ސާފުވެއެވެ. ސައްތައިންސައްތަ އިސްލާމީ ގައުމެކޭ ކިޔައިގެން ތިއްބަސް ހާލަތު އޮތީ އެހެން ނޫން ކަމެވެ. ގިނަ ދިވެހީންނަކީ އިސްލާމް ދީނަށް ލޯބި ކުރާ އަދި ދީނީ ކަންކަމަށް ސަމާލުކަން ދޭ މީހުންނެވެ. ނަމަވެސް މަދުން ނަމަވެސް އިސްލާމް ދީނާ ދެކޮޅު ދިވެހީން އެބައުޅެއެވެ. ބައެއް ދިވެހީން ފާޅުގައި އިސްލާމް ދީން ގަބޫލު ނުކުރާކަން ހާމައެބަކުރެއެވެ. އަނެއް ބައި މީހުން އެހެން ދީންތަކަށް ޖާގަ އޮންނަން ޖެހޭނެ ކަމަށް ބުނެ އެކަމާ އެބަ ވަކާލާތު ކުރެއެވެ. މާތް ﷲ ހަރާމް ކުރައްވާފައިވާ ކަންކަމަކީ އިންސާނީ ހައްގުތައް ކަމަށް ބުނެ އެކަން ރާއްޖޭގައި ކުރެވެން ޖެހޭނެ ކަމަށް ފާޅުގައި އެބަބުނެއެވެ.

އެހެން ދީންތައް ރާއްޖޭގައި ފެތުރުމުގެ މަސައްކަތަކީ އެންމެ ކުރީންސުރެން ހިނގި ކަންކަމެވެ. އެ އަވާގައި މަދުން ނަމަވެސް ދިވެހީން ޖެހިފައިވެސް އެބަތިއްބެވެ. އަމާން މި ރާއްޖެއަށް އޮތް ނުރައްކާތަކުގެ ތެރޭގައި ދީނީ ގޮތުން ހައްދުފަހަނަ އަޅައި ދިއުން ހިމެނެއެވެ. ހަމައެއާއެކު ދީންތަކާ އިދިކޮޅު ފިކުރު ކަމަށްވާ ސެކިއުލަރިޒަމްގެ ފިކުރަކީ ވެސް ރާއްޖެއަށް އޮތް ބޮޑު ބިރެކެވެ. އިސްލާމީ ވަންތަ ރީތި ސިފަތަކާއި ރިވެތި އަހުލާގުގެ އިތުރުން ހަމަހަމަ ކަމާއި އަމާންކަމަށް އެ ފިކުރުން ހުރަސް އަޅައެވެ. ދިވެހީން ހިންގާ ބައެއް ޖަމިއްޔާތަކާއި ސޯޝަލް މީޑިއާ އެކައުންޓްތަކުން ވެސް ސެކިއުލަރިޒަމް ފަތުރަން ޕްލޭންއެއްގެ ދަށުން ކުރަމުން އަންނަ މަސައްކަތް އެބަ ފެނެއެވެ.

https://sun.mv/158864

ސެކިއުލަރިޒަމްއަކީ ކޮބާ؟

ސެކިއުލަރިޒަމްގެ މަފްހޫމަކީ އިންސާނީ ހަޔާތުގައި ހިނގާ ކަންކަމުގެ ތެރެއަށް ދީން ނުވެއްދުމެވެ. ސެކިއުލަރިޒަމުގެ މާނައަކީ އެއްވެސް ދީނީ ކަމެއް ނެތި ހަޔާތުގެ ކަންކަމުގައި ހައްލު ހޯދައި އޭގެ މައްޗަށް ކަންކަން ނިންމުމަށް ގޮވައިލާ ފިކުރެވެ. ސެކިއުލަރިޒަމަކީ، މުޖުތަމައު ބައްޓަން ކޮށް ހިންގުމުގައި، އަދި މުޖުތަމައު އޮންނާނޭ ގޮތް އެކަށައެޅުމުގައި، ތައުލީމީ ދާއިރާގެ ކަންކަމާއި، ސިޔާސީ ކަންކަމާއި އެފަދަ އެހެނިހެން ވެސް ކަންކަމުގައި، ދީނުގެ އެއްވެސް ދައުރެއް އޮވެގެން ނުވާނޭ ކަމަށް ދެކޭ ދެކުމަށް ނުވަތަ ފިކުރަށް ކިޔާ ނަމެކެވެ.

ސެކިއުލަރިޒަމުގެ އެކިއެކި މަޒުހަބުތައް ހުރެއެވެ. އެއްކޮށް ސެކިއުލަރިޒަމާއި ބައިކުޅަބައި ސެކިއުލަރިޒަމް ވެސް ހުރެއެވެ. އެއްކޮށް ސެކިއުލަރިޒަމަކީ އިންސާނީ ހަޔާތުން އެއްކޮށް ދީން ބޭރުކޮށްލުމަށް ގޮވައިލާ ފިކުރެވެ. ބައިކުޅަބައި ސެކިއުލަރިޒަމަކީ ހަޔާތުގެ ބައެއް ދާއިރާތަކުން ދީން އެއް ފަރާތް ކުރަން ޖެހޭނެ ކަމަށް ދެކޭ ފިކުރެވެ. މިއިން ކޮންމެ މަޒުހަބެއްގެ ވެސް އަސާސަކީ ދީން އެއް ފަރާތް ކުރުމެވެ. ތަފާތަކީ ދީން އެއް ފަރާތް ކުރަން ޖެހޭނެ ކަމަށް ދެކޭ ދާއިރާތަކެވެ.

އެ ފިކުރުގެ މީހުން ދެކޭގޮތުގައި ދައުލަތަކުން ވަކި ދީނެއް ނަގައިގެން ނުވާނެއެވެ. ދީނާ ސިޔާސަތަކީ އެ މީހުންނަށް ދެ އެއްޗެކެވެ. އަނެއް ކޮޅުން އެ މީހަކު ބޭނުން ދީނަކަށް އުޅެވެން ޖެހޭނެ ކަމަށް އެ މީހުން ގަބޫލު ކުރެއެވެ. ޒިނޭ ކުރުމާއި މަސްތުވުން ފަދަ ބޮޑެތި އަދި ކުދި ފާފަތަކަށް އިލާހީ ގާނޫނުން ކަނޑައަޅާފައިވާ ހުކުމްތައް އެ ފިކުރުގެ މީހުން ގަބޫލެއް ނުކުރެއެވެ. އެ މީހުންނަށް އެކަންކަން ފެންނަނީ އިންސާނީ ހައްގުތަކުގެ ސިފައިގައެވެ.

ސެކިއުލަރިޒަމްގެ ފިކުރަކީ، މީލާދީން 17 އާއި 18 ވަނަ ވަނަ ގަރުނުގައި، ހުޅަނގުގައި އުފެދިގެން އައި ފިކުރެކެވެ. ހާއްސަކޮށް، ފަރަންސޭސިވިލާތުގައި އިލްމީ ބަޣާވާތް އުފެދިގެން އައި ދުވަސްވަރާ މިފިކުރު ގުޅުވިދާނެއެވެ. އޭގެ ކުރިންވެސް އިޤްރީކުގެ ބައެއް ފަލްސަފާވެރިންގެ ކިބައިން މިފިކުރުގެ ހިޔާލު އައިސްފައިވާ ކަމަށް ލިޔުންތައް ބުނެއެވެ. އެ ފިކުރު ފެތުރިގެން ދިޔައީ އޭރު ހުޅަނގުގެ ގައުމުތައް ކޮންޓްރޯލް ކުރަމުން ދިޔަ ފާދިރީންގެ އުނދަގޫ ބޮޑުވެ އެކަމުން ސަލާމަތް ވުމަށް ކުރި މަސައްކަތްތަކުގެ ތެރެއިންނެވެ.

މިކަން ފަތުރަނީ ކިހިނެއް؟

ސެކިއުލަރިޒަމްއާ ގުޅޭގޮތުން ގިނަ ދިރާސާތަކެއް ހައްދަފާވައިވާ ޝެއިހް ޝަފީއު އަބްދުﷲ ވިދާޅުވާގޮތުގައި ސެކިއުލަރިޒަމް ފެތުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަނީ ތައުލީމީ ދާއިރާ އާއި މީޑިއާގެ އިތުރުން ގާނޫނީ ދާއިރާ މެދުވެރިކޮށެވެ.

ތައުލީމަކީ ސިކުޑީގެ ކާނާ ކަމަށް ވާއިރު އެ ދާއިރާގެ ތެރެއިން ދީނީ މައުލޫމާތާއި ހައްގުގޮތް އެންމެ ފުރިހަމައަށް ބުނެ ނުދެވޭނަމަ ދީންވެރި ކުދިންތަކެއް އުފެއްދުމަށް ހުރަސް އެޅޭނެއެވެ. ޝަފީއު ވިދާޅުވާގޮތުގައި ޒަމާނުއްސުރެ، ރާއްޖޭގެ މަދަރުސީ ތައުލީމުގައި ދީނީ ތަރުބިއްޔަތު ދެވެނީ ވަރަށް ހީނަރުގޮތެއްގައެވެ.

"ދީނުގައި ހިމެނޭ ބޮޑަތި ބައެއް އިލްމުތަކުން ބައެއް އިލްމުތަކުގެ މަދު މިންވަރެއް އެންމެ މާއްދާއަކަށް ކުރުގަޅުވާލުމަށްފަހު، ހަފްތާއަކު މަދު ގަޑިއިރުތަކެއް ކިޔަވާދޭ ގޮތަށް ހަދައިފައިވުމުގެ ސަބަބުން، ދީނީ އިލްމާއި ތަރުބިއްޔަތުގެ ގޮތުން އިސްލާމީ ޖީލަކަށް ބޭނުންވާނެ މިންވަރާ ގާތަށްވެސް ދީނީ ތައުލީމާއި، ތަރުބިއްޔަތާއި، އަހުލާގީއްޔަތާއި، ގިޔަމުތަކެއް ދަރިވަރުންނަށް ލިބިފައި ނުހުރޭ،" ޝަފީއު ވިދާޅުވިއެވެ.

"މިކަމުގެ ނަތީޖާއަކަށްވެފައި ވަނީ، މަދުރަސީ ތައުލީމު ނިމިގެން ނުކުންނަ ކުއްޖާގެ ގައިގައި، ދީނީ ތައުލީމާއި ތަރުބިއްޔަތު ނެތުމުގެ ސަބަބުން، އޭނަ އަކީ ހަމައެކަނި މާއްދިއްޔަތަށް ލެނބޭ ކުއްޖަކަށް ނޫނީ ނުވޭ. އޭނައަށް ދީން ވެފައިވަނީ ސަގާފީ އާދަކާދައިގެ ތެރޭގައި ހިމެނޭ ވިރާސަތުން ލިބިފައިވާ އެއްޗަކަށް. އެއީ މާބޮޑު ސަމާލުކަމެއް ދެވޭ އެއްޗެއް ނޫން."

ސޯޝަލް މީޑިއާގެ ތަފާތު ވަސީލަތްތައް މެދުވެރިކޮށް އިސްލާމު ދީނާ ދުރުކުރުމަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރުމަށް ހިންގާ ހަރަކާތްތަކާ އެއްވަރުގެ ހަރަކާތްތަކެއް ދީނަށް އަހުލުވެރިކުރަން ނުހިންގެނީ އެވެ. އަދި ހިންގާ ހަރަކާތްތަކަކީ ވެސް ޒުވާނުންގެ ބޮލަށް ވަންނަ ގޮތަށް ހުށަހަޅާ ޕްރޮގްރާމްތަކަށް ނުވަނީ އެވެ. ނަތީޖާއަކީ އިސްލާމްދީނާ ގުޅޭ ގޮތުން ނުބައި ސުވާލުތަކެއް ހިތުގައި އުފެދި އެސުވާލުތަކަށް ޖަވާބު ނުލިބުމުން މީހާ ދީނާ ދުރަށް ދިއުމެވެ.

ޑރ. ޒާކިރް ނައިކް ރާއްޖޭގައި ދަރުސް ދެނިކޮށް ދީން ގަބޫލްނުކުރާކަން އިއުލާންކުރި އަދި މިހާރު ތައުބާވެ ހައްޖު ކޯޕަރޭޝަންގައި މަސައްކަތް ކުރަމުންދާ މުހައްމަދު ނާޒިމް އޭނާގެ ތަޖުރިބާ ހިއްސާކުރަމުން ކުރިން ބުނިގޮތުގައި ދިވެހިން އިސްލާމް ދީން ގަބޫނުކޮށް އުޅޭ މައިގަނޑު ސަބަބަކީ އެމީހުންގެ ހިތުގައި އުފެދޭ ދީނާ ގުޅޭ ތަފާތު ސުވާލުތަކަށް ޖަވާބު ނުލިބޭތީ އެވެ.

"ދީނީ ސުވާލުތައް ކުރަން ބޭނުންނުވޭ، އެލަދު ބޮޑު، އޮޅުން ފިލުވާކަށް ނޫޅޭ، އެހެންވެ އެސުވާލްތަކަށް ޖަވާބު ނުލިބިވަނިކޮށް އެކަން ނެގަޓިވްވެ ދީން ގަބޫލް ނުކުރަނީ،" ނާޒިމް ވިދާޅުވި އެވެ.

ގާނޫނު ހެދުމަށާއި ގާނޫނު ތަންފީޒު ކުރާ މަރުހަލާގައި މި ފިކުރު ފެތުރިއްޖެނަމަ އެ ގައުމެއް އެ ފިކުރުގެ މަތީގައި އޮތުމުގެ ފުރުސަތު ވަރަށް ބޮޑުވެއެވެ. އެއީ ހަދާ ގާނޫނު ތަކާއި ތަންފީޒު ކުރާއިރު އެ ފިކުރުގެ ކަންކަން ވަރަށް ބޮޑަށް ހިމަނައިގެން އެކަން ކުރާނެތީއެވެ. އެހެން ކަމުން ސެކިއުލަރިޒަމް ފެތުރުމަށް ގާނޫނީ ދާއިރާއަށް ވަރަށް ބޮޑަށް ޓާގެޓް ކުރެއެވެ.

ހުކުރު މިސްކިތުގައި ބަޔަކު ނަމާދު ކުރަނީ -- ސަން ފައިލް ފޮޓޯ

އިސްލާމް ދީނާ އިދިކޮޅު ފިކުރެއް

މުސްލިމުންނަކީ އިލާހީ ޝަރީއަތެއްގެ ވެރި ބައެކެވެ. މުސްލިމުންގެ ހަޔާތުގެ ދުސްތޫރަކީ އިލާހީ ވަހީއެވެ. މާތް ﷲ ގެ ކަލާމްފުޅާއި ކީރިތި ރަސޫލާގެ ސުންނަތެވެ. އިންސާނާ އުޅޭނެ ގާނޫނާއި މައިގަނޑު ގަވާއިދުތަކާއި އުސޫލުތައް ދީނުގައި ބަޔާން ކޮށްފައިވެއެވެ. މުސްލިމަކު މުސްލިމަކަށް ވަނީ އިސްލާމްދީނަކީ އެންމެ ފުރިހަމަ ޝަރީއަތް ކަމަށް ގަބޫލުކުރުމާއި، މިއީ މާތް ﷲ ރުހިވޮޑިގަންނަވާފައިވާ ހަމައެކަނި ދީން ކަމުގައި ހިތުގެ އަޑިން ގަބޫލު ކުރާނަމައެވެ. މިއީ މުސްލިމެއް ނަމަ ކޮންމެހެން ގަބޫލު ކުރަން ޖެހޭ ކަންކަމެވެ.

ޝެއިހް ޝަފީއު ވިދާޅުވާގޮތުގައި އިސްލާމީ ނަޒަރަކުން ސެކިއުލަރިޒަމްގެ ފިކުރަށް ނަޒަރު ހިންގާލާއިރު، އެއީ ދީނާ މުޅިން ހިލާފު ފިކުރެކެވެ. ސަބަބަކީ އިސްލާމްދީނަކީ ފުރިހަމަ ޝާމިލު ދީނަކަށް ވުމެވެ. އިސްލާމްދީނުގައި އިންސާނީ ހަޔާތުގެ ހުރިހާ ދާއިރާއަކަށް ވެސް ގަވާއިދުތަކާއި އުސޫލުތަކެއް ކަނޑައަޅުއްވާފައިވާތީއެވެ.

"އިސްލާމްދީނަކީ ހަމައެކަނި ޢިބާދާތުގެ ނުވަތަ އަޅުކަންތަކުގެ ދީނެއް ނޫން. އިސްލާމްދީނަކީ މުއާމަލާތުގެ ވެސް ދީން. ސިޔާސީ، އިގްތިސާދީ، ފަރުދީ، އިޖުތިމާއީ، އަހްލާގީ، ތައުލީމީ މިހިރަމިހިރަ ހުރިހާ ދާއިރާއެއް ވެސް ހިމެނޭ ދީނެއް. ދީނުގެ އާންމު ގަވާއީދާއި އުސޫލުތަކާ ހިލާފަށް މިއިން އެއްވެސް ދާއިރާއެއްގައި މުސްލިމަކު އުޅުމަކީ ހުއްދަވެގެން ވާ ކަމެއް ނޫން،" ޝަފީއު ވިދާޅުވިއެވެ.

"އެހެންކަމުން ދީނީ ނަޒަރަކުން ބަލާއިރު، ސެކިއުލަރިޒަމް ފިކުރަކީ ދީނާ މުޅިން އިދިކީލަ ފިކުރެއް. ދީނާ ދެކޮޅު ފިކުރެއް. ދީން އެއް ފަރާތް ކޮށްލާ ފިކުރެއް. މިއީ އިސްލާމްދީނުގައި އެއްވެސް ހާލެއްގައި ހުއްދަ ވާނެ ކަމެއް ނޫން."

ސެކިއުލަރިޒަމް ފެތުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ދީނީ އިލްމުވެރިންނާއި ދީނީ ހުކުމްތައް ދެކެ މީހުން ފޫހިކުރުން ހިމެނެއެވެ. ދީނަކީ ބޯދާ ވިސްނުމެއް ކަމާއި އޭގެ ސަބަބުން ހައްގުތައް ގެއްލި އުޅެން އުނދަގޫކަން ވިސްނައިދެއެވެ.

އިސްލާމް ދީނުގެ ކަންކަން ބެލެހެއްޓުމަށް ހާއްސަ މިނިސްޓްރީއެއް ރާއްޖޭގައި ހުންނައިރު އެތަނަށް އެކަން ވޭތޯ މިއީ ގިނަ ބަޔަކު ކުރާ ސުވާލެކެވެ. ސެކިއުލަރިޒަމް ރާއްޖޭގައި ފަތުރަން ކުރާ މަސައްކަތްތައް ހުއްޓުވުމަށް އަޅާ ފިޔަވަޅުތަކާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތްނުވެފައެވެ.

ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި ދެމި އޮތުމަކީ ރާއްޖެއަށް އޮތް ނަސީބެކެވެ. ތަފާތު ދީންތަކާއި ދީން ގަބޫލު ނުކުރާ ފިކުރަށް ރާއްޖޭން ފުރުސަތު ދީފިނަމަ އެއީ ހަމަނުޖެހުންތަކަކަށް ގައުމު ވެއްޓިގެން ދާނެކަމެކެވެ. ސެކިއުލަރިޒަމް އަކީ އެހެން ދީންތަކަށް ފުރައްސާރަ ކުރާ ވެސް ފިކުރެކެވެ. ރާއްޖެ މިހާ ހިސާބަށް މިގޮތަށް ދެމިއޮތުމުގެ އަސްލަކީ ވެސް އިސްލާމް ދީނެވެ. ނަމަވެސް ދެން އެގޮތުގެ މަތީގައި އޮތުމަށް ކުރަން ޖެހޭ މަސައްކަތްތައް ވަރަށް ގިނައެވެ. ސަބަބަކީ ސެކިއުލަރިޒަމްގެ ނުރައްކާ ރާއްޖެއަށް ބޮޑުވެފައިވާތީއެވެ.

ހަރުކަށި ދީނީ ފިކުރުގެ ސަބަބުން ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން ދާއިރު އެކަން ހުއްޓުވުމަށް ވެސް މަސައްކަތްތަކެއް އެބަކުރެއެވެ. ހަމައެއާއެކު ސެކިއުލަރިޒަމް ހުއްޓުވުމަށް ވެސް މަސައްކަތްތަކެއް ކުރަން ޖެހެއެވެ. ސަބަބަކީ އެއީ ވެސް ނުރައްކާތެރި ފިކުރަކަށް ވާތީއެވެ.

comment ކޮމެންޓް