ދެކުނު ކޮރެއާގެ ޗިޕް އުފެއްދުމުގެ ވިޔަފާރި 2018 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ދަށްވެއްޖެ

ދެކުނު ކޮރެއާގެ ޗިޕް އުފެއްދުމުގެ ވިޔަފާރި 2018 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ދަށަށް ހިނގައްޖެއެވެ.

އެގޮތުން ދެކުނު ކޮރެޔާގެ ސެމިކޮންޑަކްޓަރ ސިނާޢަތުން ފާއިތުވި ހަ މަސްދުވަހުގެ ތެރޭގައި ވިޔަފާރި ވަރަށްބޮޑަށް ދަށްވެ އެމީހުންގެ އުފެއްދުންތައް ސްޓޮކްގައި ބާކީވާން ވަނީ ފަށާފައެވެ. އޭގެ ސަބަބުން ހަތަރު އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޗިޕްއުފައްދާ ކުންފުނި ތަކުގެ އުފެއްދުންތެރިކަމުގެ ނިސްބަތް ދަށްކުރަން ވަނީ މަޖުބޫރު ވެފައެވެ.

ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލުކުރާ ގޮތުގައި މިމައްސަލަ ދިމާވެފައިވަނީ ކޮވިޑްގެ ސަބަބުންނާއި، ތަފާތު އެކިއެކި ސަބަބުތައް މެދުވެރިވެގެން ދުނިޔޭގެ އިގުތިސޯދީ ހީނަރުކަމަށް، ހާއްސަކޮށް އިލެކްޓްރޯނިކް މުދަލުގެ ބާޒާރަށް އަންނަމުންދާ ހީނަރުކަމުގެ ސަބަބުން ކަމަށެވެ.

ބްލޫމްބާރގް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ދެކުނު ކޮރެއާގެ ސެމިކޮންޑަކްޓަރ ސިނާޢަތުވަނީ އަހަރުން އަހަރަށް އުފެއްދުންތެރިކަން ދަށަށްގޮސް މިއަހަރުގެ އޮގަސްޓް މަހު 1.7 ޕަސެންޓް ދަށަށް ގޮސްފައެވެ.

ރިޕޯޓްތައް ބުނާގޮތުން މިފަދަ ގޮތަކަށް އުފެއްދުންތެރިކަން ދަށްވަމުންދާ ހަމައެކަނި ދާއިރާއަކީ މިއީއެއް ނޫނެވެ. އެގޮތުން އެމެރިކާގެ މެމޮރީ ޗިޕްސް އުފައްދާ އެންމެ ބޮޑު ކުންފުނި މައިކްރޯން އިންވެސް އިއްޔެ ވަނީ ވޯލް ސްޓްރީޓްގެ އަންދާޒާތަކަށް ވުރެ ގާތްގަނޑަކަށް ދެ ބިލިއަން ޑޮލަރު ދަށް އާމްދަނީ އެއް ލިބޭނެ ކަމަށް ލަފާކޮށްފައެވެ.

އަދި މީގެ އިތުރުން ފޯނު ވިޔަފާރީގެ ކުރިއަރާފައިވާ ސެމްސަންގުންވެސް ވަނީ 2022 ވަނަ އަހަރުގެ ދެވަނަ ބައި ވެގެންދާނީ އެކުންފުންޏަށްވެސް އާމްދަނީ ލިބުމުގައި އުނދަގޫ ހާލަތަކަށް ކަމަށް އިންޒާރު ދީފައެވެ. ސެމީކޮންޑަކްޓަރ ރޭންކް ކުރާ ވެބްސައިޓެއްކަމުގައިވާ އައިސީ އިންސައިޓްސް.ކޮމް އިން ބުނާ ގޮތުގައި މެއި މަހާއި ޖުލައި މަހާއި ދެމެދު ޗިޕާއި އެފަދަ ތަކެތި އުފެއްދުމުގެ ވިޔަފާރި މުޅި ދުނިޔޭގައިވެސް ދެބައިކުޅަ އެއްބަޔަށް ދަށްވެ އެގޮތުގައި ދުވަސްތަކަކަށް ދެމިހުރެދާނެކަމަށެވެ.

ދުނިޔޭގެ ބާޒާރު، ބައިނަލް އަޤުވާމީ ފެންވަރުގައި ދިރާސާކުރާ ފަރާތެއް ކަމުގައިވާ ޓްރެންޑްފޯސްގެ ފަހުގެ ރިޕޯޓެއްގައި ލަފާކޮށްފައިވާ ގޮތުގައި އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި މެމޮރީކާޑުގެ އަގުތައް 15- 20 އިންސައްތައާއި ދެމެދުގެ މިންވަރަކަށް ދަށަށް ދާނެ ކަމަށް ދިރާސާވެރިން ލަފާކުރެއެވެ. އެކަމަކު ކޮމްޕިއުޓަރުގެ ހާޑް ޑްރައިވް ފަދަ ޕްރޮޑަކްޓްތައް ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް މިއީ އުފާވެރި ޚަބަރަކަށް ވާއިރު، މި ކަމުގެ ސަބަބުން އުފެއްދުންތަކުގެ އަގުތައް އިތުރަށް ވެއްޓޭނެއެވެ.

ދުނިޔޭގެ މިހާރުގެ އިޤްތިޞާދީ ޙާލަތަކީ، މި މައްސަލައަށް ވަރަށްބޮޑު ގޮންޖެހުމެއް ކަމަށްވާއިރު، މިހާރު އަޅުގަނޑުމެންނަށް ފެންނަމުން މިދާ ގިނަ ކަންތައްތަކަކީ، ލޮކްޑައުނަށްފަހު ކުރާ އަސަރުތަކެއް ކަމަށް ބެލެވެއެވެ. މި ބަލިމަޑުކަމުގެ ނުރައްކާ އެންމެ ބޮޑުވިދުވަސްވަރު ދުނިޔޭގެ ގިނަ ބަޔަކު ބޭރަށް ނުކުތުން މަނާވެ ގޭގައި މަޑުކުރަން ޖެހުނުއިރު އިލެކްޓްރޯނިކް އާލަތްތަކަށް ބޭނުން ޖެހިފައިއޮތް މިންވަރު އިންތިހާއަށް އުފުލިގެން ދިޔަތަން ފެނުނެވެ.

ކަސްޓަމަރުންނާއި އެއްހަމައެއްގައި ކުންފުނިތަކަށް ނުހިފެހެއްޓުމުގެ ސަބަބުން އޭރު އުފެއްދުންތައް ބާޒާރުން ލިބެންހުރި މިންވަރު މަދުވެ، އަގުތައް ބޮޑުވެގެން ދިޔައެވެ. އެކަމަކު ފުރަބަންދުތަކާއި ގޭގައި މަޑުކުރުން ނިމުމަކަށް އައިސް މީހުންތައް އެމީހުންގެ ދިރިއުޅުމުގެ ކަންކަމުގައި އަވަދިނެތިވުމުގެ ސަބަބުން ގިނަ ޗިޕް ކުންފުނިތަކަށް ގެއްލުމާއި ކުރިމަތި ލާންޖެހުނެވެ.

comment ކޮމެންޓް