2019ގެ ބެޑްނައިޓްސް ރެކޯޑް މުގުރާލައި، އައު އަމާޒެއް ކަނޑައަޅައިފި

ފަތުރުވެރިން ރާއްޖެއައިސް ވެލާނާ އެއާރ ޕޯޓްގައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރު ތެރޭ ޓޫރިސްޓުން ރާއްޖޭގައި ހޭދަކޮށްފައިވާ ރޭގެ އަދަދު ނުވަތަ ބެޑްނައިޓްސް 10.7 މިލިއަން ހުރަސްކޮށް، ކަނޑައެޅި އަމާޒު ހާސިލު ވެއްޖެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ދެހާސް ނަވާރައިގެ ޓޫރިޒަމް ބެޑްނައިޓްސް ރެކޯޑު މި އަހަރު ތެރޭގައި މުގުރާލެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ މި މަހުގެ ކުރީކޮޅު އަންދާޒާ ކުރައްވާފައެވެ.

މިއަދު ޓޫރިޒަމް މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ، އެ އަމާޒު ހާސިލު ވެއްޖެ ކަމަށެވެ. އެއާއެކު މިހާރު ލަފާކޮށްފައި ވަނީ މި މަސް ނިމުމުގެ ކުރިން ބެޑްނައިޓްސް 11 މިލިއަނަށް އަރާނެ ކަމަށެވެ.

ރާއްޖެއިން އެ ރެކޯޑު ގާއިމުކުރީ، ފަތުރުވެރިކަމުގެ އެންމެ ޝަރަފުވެރި އެވޯޑް ވިދިވިދިގެން ދެވަނަ ފަހަރަށް ރާއްޖެއަށް ލިބުނު ފަހުންނެވެ. އެއީ މިދިޔަ އަހަރުވެސް ރާއްޖެއަށް ލިބުނު، ވޯލްޑް ޓްރެވަލް އެވޯޑްސްގެ "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" އެވޯޑެވެ.

https://sun.mv/160168

މި އަހަރުގެ އޮގަސްޓް މަހާއި އޮކްޓޯބަރު އަދި ނޮވެމްބަރު މަހު ވެސް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު، މިދިޔަ ދެ އަހަރު އެ މުއްދަތުގައި ރާއްޖެ އައި ފަތުރުވެރިންގެ އަދަދަށް ވުރެ އިތުރެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި މަސް ތެރޭގައި ރާއްޖެއަށް 74،498 ފަތުރުވެރިން އައިސްފައިވެއެވެ.

މި މަހު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ މި މަހުގެ ފަސް ވަނަ ދުވަހެވެ. އެ ދުވަހު 6،269 ފަތުރުވެރިން ރާއްޖެ އައެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިހާރު ވަނީ 1.2 މިލިއަނަށް އަރައިފައެވެ.

comment ކޮމެންޓް