"ޖަވާބު ދިނީމަ ނޫނީ ދުލެއް ނުކުރާނަން..." ކުރިއަށްވުރެ ހަރުކަށި ރާގަކަށް އައިޒަކް ބުންޏެވެ.

"އޯކޭ... ދޫނުކޮށް ހުރޭ... އެންމެންވެގެން އަހަންނަށް އަނިޔާވެސް ކުރޭ... މަރުވަންދެންވެސް ކުރޭ..." އިރަމްއަށް ގިސްލަގިސްލާފައި ރޮވެން ފެށުނެވެ.

އައިޒަކްއަށް ވަގުތުން އިރަމްގެ އަތުން ދޫކޮށްލެވުނެވެ. އިރަމް ދުވެފައި ގޮސް ގޭތެރެއަށް ވަނެވެ.

********

ޖެހިގެން އައި ދުވަހު އިރަމްއަށް ހޭލެވުނީ އޮފީހަށްދާ ގަޑި ޖެހެން ދޮޅު ގަޑިއިރަށްވެފައި ވަނިކޮށެވެ. އަވަހަށް ތައްޔާރުވެލައިގެން އޭނާ ގެއިން ނުކުތީ ކާރަކަށް ގުޅާފައެވެ. އިރަމް ނުކުތްއިރު، ދޮރުމަތީގައި ކާރު އޮތްތަން ފެނުމުން ދުވެލާފައި ކަހަލަ ގޮތަކަށް ގޮސް ކާރަށް އެރިއެވެ. ދާންވީ މަންޒިލް ބުނެލުމަށްފަހު އިރަމް އަވަސްވެގަތީ، އަތްދަބަހުގައި އެއްޗެހިތައް ހަމައަށް ހުރިތޯ ބަލާށެވެ. ފޯނާއި ވޮލެޓު ނެތްކަން އެނގުނުއިރު، ކާރު ނައްޓާލައިގެން މާދުރަށް ގޮސްފިއެވެ.

ކާރުގައި އިން ޒުވާނާގެ ތުންފަތުގައިވީ ލުއި ހިނިތުންވުމެކެވެ. އެއީ ޓެކްސީއެއް ނޫންކަން އެ އަންހެންކުއްޖާއަށް އެނގުމުން ވާނީ ކިހިނެއްބާއޭ އޭނާގެ ހިތަށް އެރިއެވެ. ޒުވާނާ ކާރު ހުއްޓައިގެން އިނީ، ފަހަރެއްގައިވެސް އަންހެންކުއްޖަކު އައިސް އެ ކާރަށް އަރާނެ ކަމަކަށް ނޫނެވެ. މުހިއްމު ކޯލެއް އައިސްގެން އެ ކޯލަށް ޖަވާބުދޭށެވެ. އެހެން ނަމަވެސް ކުއްލިއަކަށް އިރަމް އެ ކާރަށް އެރުމުން، ފޯނު ކޯލުގެ މަތީންވެސް އޭނާ ހަނދާންނެތުނެވެ. އިރަމްގެ ރީތި ސޫރަ ފެނުމުން، އޭނާގެ ބަސް ހުއްޓުނު ކަހަލައެވެ. އަންހެންކުއްޖަކު އޭނާގެ ހިތާއި ކުޅެލި އެއީ ފުރަތަމަ ފަހަރެވެ. އޭނާ ދޭތެރެއަކުން ކާރުގެ ލޯގަނޑުން އިރަމްއަށް ބަލައިލައެވެ. އެކުއްޖާ އުޅެމުންދިޔަގޮތް ފެނުމުން އޭނާއަށް މަޖާވިއެވެ. އިރަމް އޭނާގެ ބޮލުގެ އިސްތަށިގަނޑު އައްސައިލިއެވެ. އައިޒަކްގެ މަތީން ހަނދާންވެގެން ހަމަ އެހާ އަވަހަށް ވޫލުކޮޅު ނައްޓައިލިއެވެ. އިސްތަށިގަނޑުގައި އަތްފުނާ އަޅައި ރީތިކޮށްލުމަށްފަހު، ތުންފަތުގައި ކުލަ ޖައްސައިލިއެވެ. އިރަމް އެދުނު މަންޒިލަށް ދަތުރުކުރަމުންދިޔައިރު، ޒުވާނާގެ ހިތުގައި އެ އަންހެންކުއްޖާއާއިމެދު ޝައުޤުވެރިކަމެއް އުފެދިފައިވިއެވެ.

ކާރު ގޮސް މަންޒިލަށް ހުއްޓާލުމާއިއެކު އިރަމް ކާރުން ފޭބިއެވެ. ޖެހިލުންވެހުރެ ގޮސް، ކުރީ ޝީޓުގެ ކައިރީގައި ހުއްޓިލުމާއިއެކު، ޒުވާނާ ކާރުގެ ބިއްލޫރިގަނޑު ތިރިކޮށްލިއެވެ. އިރަމްގެ ނަޒަރު އެތެރޭގައި އިން ޒުވާނާއަށް ހުއްޓުނެވެ. ހުދުކުލައިގެ އަތްދިގު ގަމީހަކާއި ނޫ ޖީންސްގައި ޒުވާނާ ފެންނަލެއް ހިތްގައިމެވެ. ތުނިކޮށް ބަހައްޓާލާފައިވާ ތުނބުޅި އާއި، އާދައިގެ ވަރަކަށް ކޮށާލާފައި އޮތް އިސްތަށިގަނޑުން އޭނާއަކީ ތަރުތީބުން ކަންތައް ކުރުމަށް ލޯބިކުރާ ޒުވާނެއްކަން ހާމަކޮށްދެމުންދިޔައެވެ. އުޅަނބޮއްޓާއި ހަމައަށް ގަމީހުގެ އަތުކުރި އޮޅާލާފައި އޮތްއިރު، އަތުކުރީގައި އަޅާފައިވާ ގަޑިން އޭނާގެ ހައިބަތު ދައްކުވައިދިނެވެ. ޒުވާނާ އިރަމްއަށް ބަލާލުމާއިއެކު، ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. އޭނާގެ ތޫނު ދެލޯ އިރަމްއަށް ހުއްޓާލައިގެން އިންގޮތުން، އިރަމް ޖެހިލުންވެގެން އެހެން ދިމާއަކަށް ނަޒަރު ބަދަލުކޮށްލިއެވެ.

"ސޮރީ އަވަސްކުރަން ހަދައިގެން ވޮލެޓުނުލާ މިއާދެވުނީ... ފޯނުވެސް..." އިރަމް ހުރީ ލަދުން ހަލާކުވާވަރުވެފައެވެ. "ފަހުން ޓްރާންސްފާރ ކޮށްލިޔަސް އޯކޭތަ؟..."

ޒުވާނާ އެއްވެސް އެއްޗެއް ނުބުނުމުން އިރަމް ލަދުގަތެވެ. އަވަހަށް ދަބަހުން ކާޑެއް ނަގާފައި ޒުވާނާގެ އަތަށް ދިއްކޮށްލިއެވެ.

"ތީ އަހަރެންގެ ނަންބަރު... އެކައުންޓް ނަންބަރު މެސެޖުކޮށްލަދީ..." އިރަމް އެދުނެވެ.

ޒުވާނާ ވަކި އެއްޗެއް ނުބުމުން އިރަމް އެނބުރި އޮފީހާއި ދިމާއަށް ހިނގައިގަތެވެ. އިރަމްއަށް އޮފީހަށް ވަދެވުނީ އެހެން ދުވަސްދުވަހަށްވުރެ ލަހުންނެވެ. ގަޑިޖެހިގެން ދެތިން މިނެޓު އިތުރަށް ހިނގާފައިވާތަން ފެނުމުން އޭނާ މާޔޫސްވިއެވެ. ކައުންޓަރުގެ ކައިރީގައި ހުރި އައިޒަކް ފެނުމުން އިރަމް އަވަހަށް ފާރަކާއި ނިވާވެލިއެވެ. ރޭގެ ހާދިސާގެ ސަބަބުން، އައިޒަކްގެ ކުރިމައްޗަށް އަރަން އިރަމް ހުރީ ޖެހިލުންވެފައެވެ.

ކެބިންއަށް ވަދެގެން ދިޔަ އިރަމް ސިހުނީ، މޭޒުދަށުން ނުކުތް ސުހާ ފެނުމުންނެވެ. އިރަމްއަށްވުރެ ބޮޑަށް، ސުހާ ސިހުނެވެ. ތޫލި އަޑަކުން ހަޅޭއްލަވައިގަނެފައި، އަތުގައި އޮތް ކަރުދާސްތައް އުކާލިއެވެ. ހަމަ އެހާ އަވަހަށް އޭނާ ހީގެންފިއެވެ. ދުވަހަކު އަވި އައިނެއް ނާޅާ އިރަމް، އެހާ ހެނދުނާ އަޅައިގެން ހުރި ބޮޑު އައިނުގެ ސަބަބުން ސުހާއަށްވީ މަޖާކަމަކަށެވެ.

"ލޯބޮޑު ބުރަތްކެއް ހެންނޭ ހީވަނީ..." ހިނިގަނޑު މައިތިރިކުރަމުން ސުހާ ބުންޏެވެ.

"އޯކޭ އިނގޭ މަލާމާތް ކުރިޔަސް..." އައިނު ނަގައި ދަބަހަށް ލަމުން އިރަމް ގޮސް ގޮނޑީގައި އިށީނެވެ.

"ހާދަ ވަރަކަށް ރޮއެފަ ތިހުރީ..." އިރަމްގެ މޫނު ފެނުމުން ސުހާ ކަންބޮޑުވިއެވެ.

"ސައިބޯނި އެޅުނީ..." ސުހާގެ ސުވާލުތަކުން ސަލާމަތްވުމަށް އިރަމްއަށް ޖެހުނީ ދޮގެއް ހަދާށެވެ.

"އޭތް އިނގޭތަ، ވަރަށް އެހެންކަހަލަ ވާހަކައެއް އަޑުއަހައިފީމޭ..." އިރަމްގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީންނަމުން ސުހާ ބުންޏެވެ.

"ކޮން ވާހަކައެއް؟..." އިރަމް ކުޑަކޮށް ސިހިފައި އަހައިލިއެވެ.

"އައިޒަކްގެ ވާހަކައެއް..." ސުހާ ބުންޏެވެ.

"ކޮން ވާހަކައެއްތަ؟..." އިރަމްގެ ހިތް ތެޅިގަތެވެ.

"އޭނަގެ އަސްލު ޕޭރެންޓްސްއެއް ނޫނޯ ސައްތާރުމެންނަކީ..." ސުހާ ވަރަށް ގަޔާވެލާފައި ވާހަކަ ފެށިއެވެ. "ކާކުދޯ މިޒަމާނުގަ ބޭރު ހިލޭ މީހެއްގެ ދަރިއަކަށް އަމިއްލަ ވިޔަފާރި ހަވާލުކުރާނީ؟... ގަބޫލުކުރެވޭތަ؟..."

"މިޒަމާނުގަ އަމިއްލަ ދަރިންނަށް ވަކި އިތުބާރުކުރެވޭތަ؟..." އިރަމް ގަދަކަމުން ހީލިއެވެ.

"ތިވެސް ތެދެއް... އިނގޭތަ، ކެންސަރުޖެހިގެންނޯ އައިޒަކްގެ މަންމަ މަރުވީ... ހަމަ އެދުވަހު އޭނަގެ ލައިފްގަ ހުރި ހަމައެކަނި އަންހެންކުއްޖާވެސް އޭނައަށް ދޯކާދީފަ ފިލީޔޯ... ނުބައި އަންހެނުންވެސް އުޅޭދޯ... ނުވެސް ވާނެއެއްނު އެފަކީރު އެހާ ހިތާމާގަ އުޅެނިކޮށް އެހެން ހަދަންވެސް..." ސުހާ ދެފަރާތަށް ބޯ ހޫރައިލިއެވެ.

"އޭނ؟..." ސުހާގެ ވާހަކައިން އިރަމްއަށް ލިބުނީ ސިހުމެކެވެ.

"އާނ... ވިސްނާލާ އެފަކީރު ދެރަވާނެވަރު... އެހެން ހެދީމަ ކަންނޭނގެ އޭނަ އެހުންނަނީ އަންހެންކުއްޖަކާ ދިމާއަށް ބަލާލަންވެސް ބޭނުންނުވެފަ..." ސުހާ ބުންޏެވެ. "އިތުބާރު ގެއްލޭނެތާ..."

އިރަމް ފުންމައިގެން ތެދުވިއެވެ. ސުހާ ގޮވަގޮވާ ހުއްޓައި އޭނާ ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ކެބިންއިން ނުކުތެވެ.

********

ފޯނުގެ އިސްކްރީނަށް ނަޒަރު ހުއްޓާލައިގެން ހުރި އައިޒަކްއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. ވިޝްކާގެ މެސެޖުތަކުން އޭނާއަށް ލިބިފައިވީ، ނުތަނަވަސްކަމެވެ. އިރަމްއާއިއެކު ފެނުނުފަހުން ވިޝްކާގެ ކަމަކީ، ޝަކުވާ ކުރުމެވެ. މެސެޖުތަކަށް ޖަވާބު ނުދޭނަމަ، ސައްތާރު ނުވަތަ ޒަރީނާ މެދުވެރިކޮށް އައިޒަކަށް ގުޅާހަދައެވެ.

އިރަމް އައިޒަކްގެ ކެބިންގެ ދޮރު ހުޅުވައިލީ، އައިޒަކް ކުޑަދޮރުގެ ކައިރީގައި ހުއްޓައެވެ. ފުރަގަސްދީގެން ހުރުމުން އެތެރެއަށް ވަނީ ކާކުކަމެއް އައިޒަކަކަށް ނޭނގުނެވެ. އޭނާ ހީކުރީ، މާކިން ކަމަށެވެ. ފަސްއެނބުރި ބަލައިލަންވެސް އައިޒަކް ހުރީ ކަންނެތްވެފައެވެ.

"އަހަރެން ބޭނުން ވާހަކަ ދައްކާލަން..." ދެފިކުރެއްގައި ހުރެފައި އިރަމް ބުންޏެވެ.

އިރަމްގެ އަޑު އިވުމުން އައިޒަކް ސިހިފައި ފަސްއެނބުރި ބަލައިލިއެވެ. އިރަމް ފެނުމާއިއެކު އޭނާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އައިޒަކް ހީކުރީ ކަންތައްވީގޮތުން އިރަމް އެދުވަހު އޮފީހަށް ނާންނާނޭ ކަމަށެވެ.

"އިށީނދޭ..." ގޮނޑިއަށް އިޝާރާތްކުރަމުން އައިޒަކް ބުންޏެވެ.

"މިތަންވެސް އޯކޭ..." އިށީންނާކަށް އިރަމް ބޭނުމެއް ނުވިއެވެ.

"އެހެންވިއްޔާ ކޮފީއެއް ގެނެސްދީ..." އައިޒަކް އެދުނެވެ.

އިރަމް ތުންފިއްތައިގެން ހުރެ ގޮސް، ކޮފީއެއް ގިރިއެވެ. އައިޒަކާއި މެދުގައި ހިތުގައި އުފެދުނު ހަމްދަރުދީއެއްގެ ސަބަބުން ދެކޮޅު ހަދަން އޭނާ ބޭނުންނުވީއެވެ. އައިޒަކްގެ މަންމަ ނިޔައުވިކަމެއް އޭގެ ކުރިން އިރަމް ނުދެނަހުއްޓެވެ. އިރަމްއަށް ހަމައެކަނި އެނގޭ ކަމަކީ އައިޒަކް އޭނާގެ މަންމަދެކެ ނުހަނު ލޯބިވާކަމެވެ. އިރަމް ކޮފީ ހިފައިގެން އައުމުން އައިޒަކް އެދުނީ މޭޒުމަތީގައި ހުރި ލިޔުންތައް ތަރުތީބުކޮށްލަދިނުމަށެވެ. ރުޅި އައިސްގެން ހިތާއިހިތުން ކުދި ކިޔަކިޔާފައިވެސް އައިޒަކް އެދުނު ކޮންމެ ކަމެއް އިރަމް ކޮށްދެމުން ދިޔައެވެ. ފަހަރަކު ކަމެއް ނިންމުމުން އިތުރު ކަމެއް ކުރަން އައިޒަކް އެދޭތީ، އިރަމްއަށް އެކަން ބަރުދާސްތުކުރެވޭގޮތެއް ނުވިއެވެ.

"އަހަރެންމީ އައިޒަކްގެ އެސިސްޓެންޓެއް ނޫނޭ..." ކަބަޑު ފުހެން ހުރެފައި އިރަމް އައިސް ފޮތިގަނޑު ބޭއްވީ، އައިޒަކްގެ މޭޒުމަތީގައެވެ. "ޒިމްނާއަށް ގޮވަންތަ؟... އައިޒަކް ބުނެފިއްޔާ އޭނަ ކޮންމެ ކަމެއްވެސް ކޮށްފާނެ..."

"އަހަރެން ބޭނުންވަނީ ހަމައެކަނި އެންމެ އަންހެންކުއްޖަކު ލައްވާ އަހަރެންގެ ހުރިހާ ކަމެއް ކުރުވަން..." އައިޒަކް ބުނީ މާނަފުން ޖުމްލައެކެވެ.

"އެހެންވިއްޔާ އެކުއްޖަކު ކައިރީ ބުނަންވީނު..." އިރަމް ބުންޏެވެ.

"އެކުއްޖަކީ ތީ..." އިރަމްގެ ޖުމްލަ ފުރިހަމަނުވަނީސް، އައިޒަކް ބުނެލިއެވެ.

"ތިއުޅެނީ އަހަރެންގެ ކިބައިން ބަދަލެއް ހިފަންތަ؟..." އިރަމް ނުރުހިފައި ސުވާލުކުރިއެވެ.

"ނޫން... އަހަރެންގެ ހިތް ބޭނުންވާތީ..." އައިޒަކް ބުންޏެވެ.

"އަހަރެން ބޭނުމެއްނޫނޭ..." އިރަމް ދެކޮޅުހެދިއެވެ.

"އިރަމްއަށް އޯކޭތަ އިރަމް ނޫން މީހަކު ލައްވާ އަހަރެންގެ ހުރިހާ ކަމެއް ކުރުވިޔަސް؟..." އައިޒަކް ސުވާލުކުރިއެވެ.

"ކީއްކުރަން އަހަރެން ކައިރީ އަހަނީ؟..." އިރަމް ލޯ އަޅައިލިއެވެ.

"އިރަމްގެ ހުއްދަ ހޯދަން ބޭނުންވާތީ..." އައިޒަކް ބުންޏެވެ.

"ވައި؟..." އިރަމް އަހައިލިއެވެ.

"އެއީ... އެއީ... އަހަރެން އަދިވެސް... އިރަމް ދޫކޮށްނުލާތީ..." އައިޒަކް ވާހަކަދެއްކީ އުނދަގުލުންނެވެ.

އިރަމް ގަނޑުވިއެވެ. އެއްޗެއް ބުނަން އަނގަ ހުޅުވައިލާފައިވެސް އައިޒަކްގެ ޖުމްލަ އަޑުއިވުމުން އޭނާއަށް އިތުރު އެއްޗެއް ބުނެވޭގޮތެއް ނުވިއެވެ. އައިޒަކްގެ ދެލޮލުން އޭނާ ބުނި ޖުމްލައިގެ ތެދުކަން ހާމަކޮށްދިނެވެ.

"ސޮރީ..." އިރަމް އިސްޖަހައިލީ ކުށްވެރިއަކު ފަދައިންނެވެ.

އިރަމް މަޢާފަށް އެދުމުން އައިޒަކަށް ނެގުނީ މުޅީން އެހެން މާނައެކެވެ.

"ކޮންކަމަކާ؟..." އަސަރެއް ނެތްގޮތަކަށް އައިޒަކް އަހައިލިއެވެ.

"އައިޒަކްގެ ތި އެދުން އަހަންނަށް ފުރިހަމަކޮށްނުދެވޭނެތީ..." އައިޒަކް ދެރަވިޔަސް، އިރަމް ފާޅުކުރީ ހަގީގަތެވެ.

އައިޒަކްގެ ހިތާމަތަކުގެ މައްޗަށް އުފަންވެގެން އައި ރުޅިވެރިކަމުގެ ޖަޒުބާތުތައް އޭނާގެ ޚިއްސުތަކުގައި ހުޅު ރޯކުރިއެވެ. ރުޅި އައިސް ފުންމައިގެން ގޮނޑިން ތެދުވިއިރު، އެ ދެލޯ ކޮންމެވެސް ވަރަކަށް ފެންކަޅިވެފައި ވިއެވެ.

"ކީއްވެ؟... އިރަމް ލޯބިވާ މީހަކު ހުރީތަ؟..." އައިޒަކް އަހައިލިއެވެ. "އަހަންނަށް ހަމަ އެންމެ ސުވާލެއްގެ ޖަވާބު ދީ... ކީއްވެ އަހަންނަށް އޮޅުވާލީ؟..."

"އަހަރެން ބުނީމެއްނު އަހަންނަކީ ރަނގަޅު މީހެއް ނޫނޭ... އައިޒަކްއަށް މާ ރަނގަޅު ކުދިން ވާނެ..." އިރަމް އިސްޖަހައިލިގޮތަށް އިސްއުފުލައިވެސް ނުލާ ހުރެ ވާހަކަ ދެއްކިއެވެ.

"އަހަންނަށް ރަނގަޅު މީހުންނާ ނުރަނގަޅު މީހުން ބުނެދޭންތަ އިރަމް އައިސް ތިހުރީ..." ރުޅި އައިސް މޭޒުމަތީގައި ގޮށްމުށުން ޖަހައިލަމުން އައިޒަކް ބުންޏެވެ.

"އަހަންނަށް އޭރު މަޖުބޫރުވީ އެހުރިހާ ކަމެއް ކުރަން..." އިރަމް ހިތްވަރުކޮށްފައި ވާހަކަ ދައްކަން ފެށިއެވެ. "އަހަރެން..."

"އޯހް... އިރަމް ތިބުނަނީ، އަހަންނާ މެރީކުރަން ރަންކީވެސް އިރަމްއަށް މަޖުބޫރުވެގެންނޭތަ؟..." އިރަމްގެ ވާހަކަ ހުއްޓުވަމުން އައިޒަކް އަހައިލިއެވެ.

ވަގުތަކީ މާކިން އައިސް އައިޒަކްގެ ކެބިންގެ ދޮރު ހުޅުވައިލަން ތަޅުގައި ހިފައިލި ވަގުތެވެ. އައިޒަކްގެ ޖުމްލަ މާކިންއަށް އަޑު އިވުމުން، ދޮރު ކުޑަކޮށް ހުޅުވާލައިގެން ބޭރުގައި އިރުކޮޅަކު މަޑުކޮށްލިއެވެ. އައިޒަކްއަށް އެ މަންޒަރު ފެނުމުން ފުންނޭވާއެއް ދޫކޮށްލިއެވެ. މާކިންއަށް އިރަމް ފެނުމުގެ ކުރިން، އޭނާ އިރަމްގެ އަތުގައި ހިފައި ގެންގޮސް ދޮރުގައި ޖައްސައިލިއެވެ. އެއަށްފަހު، ދޮރު ލައްޕައި ތަޅުލިއެވެ.

"އަހަރެން ބޭނުން އިރަމްއާ މެރީކުރަން..." އިރަމްގެ ލޮލާއި ލޯ ސީދާކޮށްލަމުން އައިޒަކް ބުންޏެވެ. "އިރަމްއަށް އަހަރެން ނޫން މީހަކާ މެރީއެއް ނުކުރެވޭނެ..."

އިރަމްގެ މުޅި ގައިން ހީބިހި ނަގައިގަތެވެ. އެހާ ކައިރީގައި ހުރެ، އައިޒަކް ކައިވެންޏަށް އެދުމުން، ބުނާނެ ހަމަ އެއްވެސް އެއްޗެއް އޭނާއަކަށް ނޭނގުނެވެ. އައިޒަކްގެ މޭގައި އަތްއަޅައި ދުރުކޮށްލަން އުޅުނު ނަމަވެސް އިރަމްއަށް އެކަމެއްވެސް ނުވިއެވެ. އައިޒަކްގެ ބާރުގަދަ ދެއަތުން ދޮރުގެ ދެފަރާތުގައި ހިފަހައްޓާލައިގެން ހުރީ، އިރަމްއަށް ދުރުކޮށްލެވޭނޭ ވަރަކަށް ނޫނެވެ.

އިރަމް ދުރަށްޖެހެން މަސައްކަތް ކުރި ވަރަކަށް އައިޒަކްގެ ރުޅި ގަދަވަމުން ދިޔައެވެ. އިރަމްގެ ދެއަތުގައި ހިފައި މައްޗަށް ނެގުމަށްފަހު، ދޮރުގައި ޖައްސާ ހައްޔަރުކޮށްލީ، ގުޑިވެސް ނުލެވޭނޭ ވަރަށެވެ. އެއަށްފަހު އިރަމްގެ މޫނާއި ކައިރިވެލިއެވެ. އިރަމް ހާސްވެގެން ދެލޯ މަރައި ބާރުކޮށްލަމުން މޫނު އަނެއް ފަރާތަށް އަނބުރައިލިއެވެ.

"ޒެކް... ދޮރު ހުޅުވާލަބަލަ..." މާކިން ދޮރުގައި ޓަކި ޖަހާފައި ގޮވަން ފެށީ ކަމެއް ގޯސްވެއްޖެހެން ހީވުމުންނެވެ.

އައިޒަކްއަށް މަޖުބޫރުވީ، އިރަމްއާއި ދުރަށްޖެހޭށެވެ. ލިބުނު ފުރުސަތުގެ ބޭނުންހިފައި ދޮރު ހުޅުވައިގެން އިރަމް ބޭރަށް ނުކުތެވެ. އިރަމް ފެނުމުން މާކިންއަށް ލިބުނީ ސިހުމެކެވެ. ދުވެފައި ގޮސް ކެބިންއަށް ވަން އިރަމްއަށް ބަލަން ހުރެފައި، އޭނާ އެތެރެއަށް ވަންއިރު އައިޒަކް ހުރީ ބޮލުގައި ދެއަތުން ހިފަހައްޓާލައިގެންނެވެ.

"އެއީތަ؟... އިރަމްތަ އެކުއްޖަކީ؟..." މާކިން އަހައިލިއެވެ.

އައިޒަކްގެ ހަނދާނަށް އަންނަމުންދިޔައީ، އޭނާގެ މަންމަގެ ފަހުވަގުތުކޮޅު ދެއްކި ވާހަކަތަކެވެ. ކައިވެންޏަށް ރަންކިޔާފައި އިރަމް ފިލައިގެން ދިޔުމުން، އެ މަންމަ ދެރަވެގެން ރުއި ރުއިން އޭނާގެ ހިތުން ފިލުވައެއް ނުލެވުނެވެ. އެ މަންމަގެ ފަހުވަގުތުކޮޅުގައިވެސް ދެއްކީ އިރަމްގެ ވާހަކައެވެ. އިރަމްއަށް ނަފުރަތުކުރަން ކިތަންމެ ބޭނުންވި ނަމަވެސް، އެކަން ނުކުރެވޭތީ، އައިޒަކްއަށް އޭނާގެ އަމިއްލަ ނަފުސު ކުށްވެރިކުރެވެމުން ދިޔައެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު