ރަހުމާ ފޯނު ބޭއްވުމުންވެސް ޖެހި ބުދެއްހެން އިރަމް ހުއްޓެވެ. މަންމަގެ ޖުމްލަތަކުން އޭނާ ހުރީ ފެންކަޅިވެފައެވެ. އަމިއްލަ ހިތް ހަމައަކަށް އަޅުވަން މަސައްކަތްކުރަމުން އިރަމް އޭނާގެ ލޮލުން އަންނަމުންދިޔަ ކަރުނަތައް ފޮހެލިއެވެ. ގަދަކަމުން ހިނިތުންވާން މަސައްކަތް ކުރިއެވެ. އެހުރިހާ މަންޒަރެއް ބަލަން ހުރި އައިޒަކަށް ދުރުގައި ނުހުރެވިގެން އިރަމް އާއި ދިމާއަށް ހިނގައިގަތެވެ. އިރަމް ފަސްއެނބުރި ހިނގައިގަތް ވަގުތު އެދިމާއަށް އައި އައިޒަކް ފެނި، ހުއްޓުންއެރިއެވެ. އެ ހިތާމަވެރި ވަގުތުކޮޅުގައި އައިޒަކްގެ އަތުގެ ހިމާޔަތަށް އޭނާގެ ހިތް އެދެވުނެވެ.

********

"ކާކު އެއީ؟..." އައިޒަކް ސުވާލުކުރީ، އިރަމް އެއްޗެއް ނުބުނެ ހިނގައިގަތުމުންނެވެ.

އިރަމްގެ ހިތުގެ ހާލު އެނގޭތީ، އައިޒަކްގެ މަގުސަދަކަށްވީ، ހިތާމަތަކާއި ދުރުކުރުމެވެ. އެހެނަސް، އައިޒަކްގެ ކުރިމަތީގައި ހިތުގެ ހާލު ބޭޒާރުވެދާނެތީ، އިރަމް ހުރީ ބިރުންނެވެ. އޭނާ އައިޒަކަށް ޖަވާބެއް ނުދިން ތަނުގައި، ނުވެސް ހުއްޓުނެވެ.

"ކޮންއިރަކުތަ ތިހާ ބޯ ހަރުވީ؟..." އައިޒަކް ގޮސް އިރަމްގެ ކުރިބެއްދިއެވެ. "ކާކުކަން ބުނެފަ ދެވޭނީ... ބިޓެއްތަ؟... ނޫނީ..."

"ކީއްވެތަ އަބަދު ފަހަތުން ތިއުޅެނީ؟..." ޝަކުވާގެ ރާގަކަށް އިރަމް އަހައިލިއެވެ.

"އަނެއްކާވެސް ބުނަންވީތަ ކީއްވެކަން؟..." އައިޒަކް ހުރީ މަޖާ މޫޑެއްގައެވެ.

"ތީ ޖިންނިއެއްތަ މީހުންނަށް އަވަލާން؟..." އިރަމް ލޯ އަޅައިލިއެވެ.

"ޖިންނިއަކަށްވާނަމަ ކިހާ ރަނގަޅުވީސް..." އައިޒަކް ލާނެތް ރާގަކަށް ބުންޏެވެ. "އޭރުން އަހަންނަށް ނޭނގި، މިކުއްޖާއަށް އެއްވެސް ތާކަށް ނުދެވޭނެ..."

"ހައް..." އިރަމް ބޯ ހޫރައިލިއެވެ.

"މަޑުކޮށްބަލަ... އަހަރެން އަދި ހުއްދައެއް ނުދެމޭ ދާކަށް..." އިރަމް ހިނގައިގަތުމުން އައިޒަކް އިރަމްގެ އަތުގައި ހިފެހެއްޓިއެވެ.

"ދޫކޮށްލާ..." ވަށައިގެން ނަޒަރު ހިންގައިލަމުން އިރަމް އެދުނެވެ. "އައިޒަކްއަށް ނޭނގޭތަ އަހަރެން މިހުރީ މީހަކާ އެކީ ކަމެއް މިތަނަށް އައިއްސަ..."

"އެހެން މީހަކާއެކީ އައީމައޭ މައްސަލައަކީ... ކީއްވެ އަހަންނާއެކީ ނާންނަންވީ؟..." އައިޒަކް އަހައިލިއެވެ.

"ޕޮލިހަށް ގުޅަނީ..." އިރަމް ބުންޏެވެ.

"އޯކޭ... އަހަންނަށް މައްސަލައެއް ނެތް ކޮންމެ މީހަކާ އެކީ ކޮންމެ ތާކަށް ދިޔަސް..." އިރަމްގެ އަތުން ދޫކޮށްލަމުން އައިޒަކް ބުންޏެވެ. "އެކަމަކު އަހަރެންގެ ޝަރުތެއް އެބައޮތް..."

"ނޯ އިންޓްރެސްޓް..." އިރަމް ބޯ ހޫރައިލިއެވެ.

"އެކެއް، އަހަރެން ނޫން މީހަކާއެކީ އުޅޭއިރު، މި ކަނދުރާ ފެންނަ ގޮތަށް ނުބޭއްވުން..." އިރަމްގެ ބޮލުގައި އައްސާލާފައިވާ ވޫލުކޮޅު ދަމައިގަންނަމުން އައިޒަކް ބުންޏެވެ.

އިރަމް ރުޅި އައިސްފައި ވޫލުކޮޅު އަތުލަން އުޅުމުން އައިޒަކް އޭނާގެ އަތް ކޮށްޕައިލީ ޖީބަށެވެ.

"ދޭއް، އެހެން މީހުންގެ ކުރިމަތީ، ހިނިތުންވެގެން ނުވާނެ..." އިރަމް ހިނގައިގަތުމުން އައިޒަކް ވާހަކަ ދެއްކީ ތަންކޮޅެއް ބާރަށެވެ. "ތިނެއް، އަހަރެން ގުޅީމަ، ވަގުތުން ފޯނަށް ޖަވާބުދޭންވާނެ..."

ހިތުގެ އަޑިން ކުދިކިޔަމުން އިރަމް ގޮސް ރިޝްވާންގެ ކުރިމަތީގައި އިށީނެވެ. އިނދެވުނީ މޫނުހަދައިގެން ކަން އިރަމްއަށް އެނގުނީވެސް، ރިޝްވާން އޭނާގެ ލޮލުގެ އިޝާރާތުން ވީ ކީއްތޯ ސުވާލު ކުރުމުންނެވެ. އިރަމް ބޯ ހޫރައިލަމުން ކަމެއް ނުވާ ކަމުގައި ބުންޏެވެ.

"މަންމަ ކީކޭ ބުނީ؟..." ރިޝްވާން އަހައިލިއެވެ.

"އަވަހަށް ދާން ބުނީ..." އިރަމް އިސްޖަހައިލީ އެވާހަކަ ދައްކަން އުނދަގޫވެގެންނެވެ.

"އިރަމް... އަހަންނަށް އެނގޭ އިރަމްއަށް ފަސޭހަ ނުވާނެކަން އަބަދު ތިހެން އުޅެން... އެކަމަކު އިތުރު ގޮތެއްވެސް ނެތެއްނު... ދަރިންނެއް ކަމަކު، ހަމަ މައިންބަފައިން ބުނާ ކޮންމެ ކަމެއް ގަޑިން ގަޑިއަށް ކޮށްނުދެވިދާނެކަން އިރަމްވެސް ވާނެ މަންމައަށް ވިސްނަދޭން.... މަންމަ އެހެން ބުންޏަސް، ކައިގެން ހަމަޖެހިލައިގެން ދާނީ... އަހަރެން އިރަމް ގެންގޮސްދޭނަމޭ..." ރިޝްވާން ބުންޏެވެ.

އިރަމްއަށް ރަނގަޅަށް ކެވޭގޮތެއް ނުވިއެވެ. ތަށީގެ ބޮޑުބައި ވީ އިސްރާފެވެ. ރިޝްވާން ބިލް ދައްކަން ދިޔުމުން، އިރަމް ނުކުތީ ބޭރަށެވެ. އިރަމްމެން ސައިކަލުގައި ނައްޓައިލިތަން ފެނުމުން، އައިޒަކް އިސްޖަހައިލިއެވެ. ފިރިހެނެއްގެ ސައިކަލު ފަހަތަށް ނާރާ އިރަމް، އެ ޒުވާނާގެ ސައިކަލު ފަހަތަށް އަރާނީ، އެ ދެމެދުގައި ގާތް ގުޅުމެއް އޮތީމައިކަން އޭނާއަށް އެނގުނެވެ.

********

ބްލޫ ލައިޓް ގޭގެ ކުރިމައްޗަށް ރިޝްވާންގެ ސައިކަލު ހުއްޓާލުމާއިއެކު، ޝުކުރު އަދާކޮށްފައި އިރަމް ފޭބިއެވެ.

"އިރަމް އަންނަންދެން އަހަރެން މަޑުކޮށްލާނަން..." ރިޝްވާން ބުންޏެވެ.

"ނޫން ދެން އޯކޭ ދިޔަސް... ނާޒީއަށް ލަސްވާނެ..." އިރަމް ހިނިތުންވެލިއެވެ.

"ނާޒީ ކޮލެޖް ނިމޭނީ އަދި ތިރީހަކަށް މިނެޓު ފަހުން... އިރަމްއާއެކީ އައިކަން އެނގުނީމަ ބުނި ފްރެންޑަކާ އެކީ ގެއަށް ގޮސްލާނީއޭ މިރޭ..." ރިޝްވާން ބުންޏެވެ.

"އޯކޭ އަންނާނަން ވަރަށް އަވަހަށް..." ގޭތެރެއަށް ވަންނަމުން އިރަމް ބުނެލިއެވެ.

އިރަމް އެތެރެއަށް ވަންއިރު، ރަހުމާ ހުރީ ދެކޮޅަށް ހިނގާލަ ހިނގާލައެވެ. ރަހުމާ އަކީ ލޭ މައްޗަށްދާ މީހަކަށް ވާތީ އާއިއެކު، ރުޅި ހުންނަނީ އޭނާގެ ނަފުސުގެ މައްޗަށް ބާރު ފޯރުވޭ ވަރަކަށް ނޫނެވެ. އިރަމް ފެނުމާއިއެކު ސިންގާއެއްހެން ދިމާއަށް ފުންމައިލިގޮތުން، އިރަމްއަށް މޭގައި އަތް ޖައްސައިލެވުނެވެ. ރަހުމާ އިރަމްގެ އިސްތަށިގަނޑުގައި ހިފައި ދަމައިގަތެވެ. މޫނުގައި ތަޅައިގަތީ، ދިލަ ނަގައިގެން ދާނެހައި ބާރަށެވެ. އެވަރުންވެސް އަޑެއްވެސް ލައްވާނުލައި އިރަމް ހުއްޓެވެ. އެކަމަކު، ދެލޮލުން ކަރުނަ އައީ، މައެއްގެ ލޯބިން މަހުރޫމްވެފައިވާކަން އެނގުމުން ކުރެވުނު އިހުސާސެއްގެ ސަބަބުންނެވެ. އެއީ އިރަމްއަށް އައުކަމެއް ނޫނެވެ. އެންމެ ކުޑައިރޫއްސުރެ ވަކި ދިރިއުޅުމެއް އުޅުމާއި ހަމައަށް އިރަމްއަށް އެ އަނިޔާތަކާއި، ބަދު ބަސްތަކާއި ކުރިމަތިލާން ޖެހުނެވެ.

"އަދި ބުންޏެއްނު މިރޭ އަންނާނަމޭ... ނިކަން ބަލާބަލަ ގަޑި... ބާރަޖެހީއޭ އެއޮއް..." ފާރުގައި ހަރުކޮށްފައިވާ ގަޑި ދައްކައިލަމުން ރަހުމާ ހަޅޭއްލަވައިގަތެވެ.

ރަހުމާގެ ހަޅޭކުގެ އަޑަށް ކޮޓަރީގައި އުޅެފައި އިރަމްގެ ކޮއްކޮ އައިނީ ނުކުތެވެ. އައިނީ އަކީ ނަވާރަ އަހަރުގެ އަންހެންކުއްޖަކަށްވާތީ، މަންމަގެ ކަންތައް ހުންނަގޮތް އޭނާއަށް ވިސްނެއެވެ. ރަހުމާގެ ޖުމްލަ އަޑު އިވުމުން އައިނީއަށް ގަޑިއަށް ބަލައިލެވުނެވެ. ސިޓިންގްރޫމުގައިވާ ގަޑިން ހުރީ ބާރަޖަހާ ބޮޑުވެފައެވެ.

"މަންމާ... ގަޑި ހުއްޓިފައޭ ހުރީ..." އައިނީ ބުންޏެވެ. "މިއަދު މެންދުރުވެސް މަންމަ ކައިރީ އެވާހަކަ ބުނީމެއްނު..."

ގަޑި ހުރީ ހުއްޓިފައިކަން އެނގުމުން ރަހުމާ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅުނެވެ.

"ރުފިޔާ ހިފައިގެންތަ ތިއައީ؟..." ހަރުކަށި ރާގަކަށް ރަހުމާ ސުވާލު ކުރިއެވެ.

އިރަމް ދަބަހުން ސިޓީއުރަ ނަގާފައި ދިއްކޮށްލުމާއިއެކު ރަހުމާ އެ ދަމައިގަތީ ކެތްތެރިކަން ކުޑަ ގޮތަކަށެވެ. ސިޓީއުރަ ހުޅުވައިގެން އޭގައިވާ ފައިސާތައް ގުނަމުން ދިޔައިރު، ހިތް ފަޅައިގެން ގޮސްފައިވާ އިރަމްއަށް ކޮޅަށް ހުރެވެނީއެއްވެސް ނޫނެވެ. ހިތުގައި ޖެހުނުވަރުން އިރަމް ދުވެފައި ކަހަލަ ގޮތަކަށް ބޭރަށް ނުކުތެވެ.

"އަބަދު ދޮންތައަށް ތޮޅުން ނޫންކަމެއް މަންމައަށް ކުރަން ނޭނގެނީތަ؟... ދޮންތައެއް ނޫންތަ ހުރިހާ ކަމެއް އެ ކޮށްދެނީ... މަންމަ ތިހާ ވަރަށް ތޮޅޭއިރުވެސް، ހަމަ ބުނެލާއިރަށް ކޮންމެސް ތާކުން ހޯދައިގެންވިޔަސް، ބުނި އަދަދަކަށް ރުފިޔާ ހިފައިގެން އެ އަންނަނީ... މިހާރު ކާކު އެވަރުން އުޅޭނީ؟... މަންމައަށް ދުވަހަކު ނުވިސްނޭނެ..." އައިނީ ތުންއަނބުރައިލުމަށްފަހު، ކޮޓަރިއަށް ވަދެ، ބަންލާފައި ދޮރު ޖެހިއެވެ.

ރޮމުން ނުކުތް އިރަމް ފެނި، ރިޝްވާނަށް ސައިކަލުން ފޭބުނު ގޮތްވެސް ނޭނގުނެވެ. އިރަމްގެ ރަތްވެފައިވާ މޫނާއި ހޭވިފައިވާ އިސްތަށިގަނޑު ފެނި، އޭނާއަށް ކޮންމެވެސް ވަރަކަށް ވީގޮތް އެނގުނެވެ. އެއްޗެއް ބުނަން އުޅެފައިވެސް، އިރަމްގެ ހިތުގެ ހާލު އެނގޭތީ ރިޝްވާން ހިޔާރުކުރީ ހިމޭންކަމެވެ. އިރަމްގެ ކޮނޑުގައި އަތް ޖައްސާލައިގެން ހުރެ އޭނާ ސައިކަލާއި ހަމައަށް ދިޔައެވެ. ރިޝްވާން އިރަމްގެ ބޮލުގެ އިސްތަށިގަނޑިގައި ފިރުމާލާފައި އިސްތަށިގަނޑު ރީތިކޮށްލަދިނެވެ.

އިރަމް ކެތްކޮށްލައިގެން އިނީ ގެއާއި ހަމައަށް ދެވެންދެންނެވެ. އެވަރުންވެސް އެ ބޮޑު ދެލޯ ފުރިގެން ކަރުނަތައް ބަންޑުންވަމުން ދިޔައެވެ.

"އޯކޭތަ؟..." އިރަމްގެ ގެއާއި ތަންކޮޅެއް ދުރުގައި ސައިކަލު ޕާކު ކުރުމަށްފަހު، ރިޝްވާން ސައިކަލުން ފޭބިއެވެ.

އިރަމް ބޯ ޖަހައިލުމުން ރިޝްވާން އިރަމްގެ ބޮލުގައި ފިރުމައިލިއެވެ.

"ހިނގާ... އަހަރެން ގެއާއި ހަމައަށް ދާނަން..." ރިޝްވާން އުޅުނީ އިރަމް އާއިއެކު ހިނގައިގަންނާށެވެ. އިރަމް ދެކޮޅު ހެދިއެވެ. އެންމެފަހުން ރިޝްވާނަށް ޖެހުނީ އިރަމް އެކަނި ހާލަށް ދޫކޮށްލާފައި، ދާށެވެ. ހިތާއި ދެކޮޅަށް އޭނާ ސައިކަލަށް އަރައި ސްޓާޓްކޮށްލިއެވެ.

"ގެއަށް ގޮސް ގުޅާން..." ދަމުން ރިޝްވާން ބުންޏެވެ.

ރިޝްވާން ދިޔުމުން، އިރަމް އޭނާގެ ގެއާއި ދިމާއަށް ހިނގައިގަތެވެ. އިރަމްގެ ގޭ ދޮރު ކައިރީގައި ހުރި އައިޒަކްއަށް ފެނުނު މަންޒަރުން ހިތް ކުދިކުދިވިއެވެ. ދެލޮލަށް ކަރުނަ ޖަމާވިނަމަވެސް އެ ކަރުނަތައް ފޮރުވާކަށް އޭނާ މަސައްކަތެއް ނުކުރެއެވެ. ގެއަށް ވަންނަން ހިނގައިގަތް އިރަމްއަށް އައިޒަކް ފެނުމުން ފިޔަވަޅުތައް މަޑުޖެހުނެވެ. އެހެނަސް އިތުރަށް މަޑުކުރަން ނުހަދާ ގޭތެރެއަށް ވަނުމަށް އޭނާ ހިނގައިގަތެވެ. އައިޒަކް ވަގުތުން އިރަމްގެ އަތުގެ މުލައްދަނޑީގައި ހިފެހެއްޓިއެވެ.

"ކިހާ ދުވަހަކު ތިގޮތަށް އަހަރެން އިގްނޯ ކުރާނަންތަ؟..." އަސަރުން ފުރިގެންވީ ރާގަކަށް އައިޒަކް އަހައިލިއެވެ. "އަހަންނަކަށް ކެތެއް ނުވޭ އިރަމް ތިގޮތަށް އެހެން މީހުންނާއެކީ އުޅޭތަން ބަލާކަށް..."

"ދޫކުރޭ..." އިރަމް އެދުނެވެ.

"ކާކު އެއީ؟..." އައިޒަކް އެހީ އަމުރުވެރި ރާގަކަށެވެ. "އިރަމްއާ އޭނައާ އޮތީ ކޮން ގުޅުމެއް؟... އޭނައާ އެކީ ސައިކަލުގަ ތަންތަނަށް ގޮސް ހަދާއިރު، އަހަންނާއެކީ އިރަމްއަށް ނުދެވެނީ ކީއްވެ؟..."

"މިހާރު އަހަންނަށް ފާރަލާންވެސް ފެށީތަ؟..." ހިތާމަ އާއި ހިތްދަތިކަން އެކުވުމުން، އިރަމްއަށް އިސްކުރެވުނީ ރުޅިއެވެ.

އިރަމް އައިޒަކްގެ އަތް ފޮޅުވައިލުމާއިއެކު ،އައިޒަކް ކުރިއަށްވުރެ ބާރަށް އިރަމްގެ އަތުގައި ހިފެހެއްޓިއެވެ.

"އަހަރެންގެ ހިތަށް ވަރަށް ތަދުވޭ... ވަރަށް ތަދުވޭ... އެކަމަކުވެސް އަހަންނަކަށް އިރަމްއަކަށް ނަފުރަތެއް ނުކުރެވުނު..." އައިޒަކް ނޭފަތް ދަމައިލިއެވެ.

"ދެން ކުރަންވީނު... ކީއްވެ ރުޅި ނައިސް ތިހުރީ..." އިރަމް ރޮމުން ހަޅޭއްލަވައިގަތެވެ.

"އިރަމް..." އައިޒަކްގެ އަޑު މަޑުވިއެވެ.

"އާނ.. އަހަރެން އެންމެންނަށްވެސް އޮޅުވާލީ... ދޮގުހެދީ... އަހަންނަށް ހެޔޮ އެންމެން އަހަރެންދެކެ ރުޅި އަޔަސް..." އިރަމްގެ އަޑު ތުރުތުރުއަޅަމުން ދިޔައެވެ.

"ކީއްވެތަ އިރަމް އަހަންނަށް ތިހާ ވަރަށް ނަފުރަތު ކުރަނީ؟... އަހަރެން ކޮން ކުށެއް ކޮށްގެންތަ؟..." އައިޒަކް ހުރީ އިންތިހާއަށް ހިތުގައި ޖެހިފައެވެ.

"އަހަރެންގެ އަތުން ދޫކޮށްލާ..." އިރަމް އެދުނެވެ.

"ނުކުރާނަން... މިރޭ އިރަމްއަށް ދެވޭނީ އަހަރެންގެ ސުވާލަށް ޖަވާބު ދީފަ..." އައިޒަކް ހުރީ ދޫކުރާގޮތަކަށް ނޫނެވެ.

"ބުނެފީމެއްނު ދޫކުރާށޭ..." އިރަމްއަށް ގިސްލެވެން ފެށުނެވެ.

"ޖަވާބު ދިނީމަ ނޫނީ ދުލެއް ނުކުރާނަން..." ކުރިއަށްވުރެ ހަރުކަށި ރާގަކަށް އައިޒަކް ބުންޏެވެ.

"އޯކޭ... ދޫނުކޮށް ހުރޭ... އެންމެންވެގެން އަހަންނަށް އަނިޔާވެސް ކުރޭ... މަރުވަންދެންވެސް ކުރޭ..." އިރަމްއަށް ގިސްލަގިސްލާފައި ރޮވެން ފެށުނެވެ.

އައިޒަކްއަށް ވަގުތުން އިރަމްގެ އަތުން ދޫކޮށްލެވުނެވެ. އިރަމް ދުވެފައި ގޮސް ގޭތެރެއަށް ވަނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު