"ޝާލިން މަޑުކުރައްޗޭ ކޮންމެސް މީހަކު އެބަ ޓަކިޖަހާ..." އިރަމް ބުންޏެވެ.

ދޮރު ހުޅުވައިލުމާއިއެކު އިރަމް ދިޔައީ ސިއްސައިގެންނެވެ.

********

ދޮރުމަތީގައި ހުރީ އިރަމް އުޅޭ ގޭގެ ވެރިމީހާ ޖަމްޝީދާއެވެ. ދެއުކުޅުގައި އަތް ވިދެލައިގެން ހުރިއިރު، އޭނާ ދެލޯ ބޮޑުކޮށްލައިގެން ހުރިގޮތުން އިރަމްގެ މޫނުމަތިން ފެނުނީ ޖެހިލުންވުމުގެ އަސަރެވެ.

"ގޭގެ ކުލި..." އަތް ދިއްކޮށްލަމުން ޖަމްޝީދާ އެދުނެވެ.

"މުސާރަ ލިބުނީމަ ދޭނަން..." އިރަމް ބުންޏެވެ.

"ނުކުމޭ... ހަމަ މިހާރު ނުކުމޭ..." ޖަމްޝީދާ ހަޅޭއްލަވައިގަތެވެ.

"ދެ ދުވަސް ދީ ދައްތާ..." އިރަމް އާދޭހާއިއެކު އެދުނެވެ.

ޖަމްޝީދާ ރުޅިގަދަވެގެން އިރަމް އާއި ދިމާއަށް ހިތަށް އައިހާ އެއްޗެއް ކިޔެވެ. އެ ހުރިހާއިރުވެސް ކެތްކޮށްލައިގެން އިރަމް ހުއްޓެވެ. ޖަމްޝީދާ ވަރުބަލިވެގެން ހުއްޓައިލުމުން، އިރަމް އަވަހަށް ދޮރުޖެހިއެވެ.

އިރަމްމެންގެ އަޑު އިވޭ ހިސާބުގައި ހުރި އައިޒަކްގެ އަތް ވަނީ މުށްކެވިފައެވެ. އެ އަންހެންކުއްޖާ އުޅޭ ހާލު ފެނުމުން، އޭނާގެ ހިތުގައި އުފެދުނު ހަމްދަރުދީގައި އިސްކުރެވުނީ ރުޅިއެވެ. ފާރުގައި ގޮށްމުށުން ޖެހިއިރު، އައިޒަކްގެ ދެބުމަ ވަނީ ގޮށްޖެހިފައެވެ. ވަށައިގެންވި ފާރުތަކުން އެކަނިވެސް، އެ އިމާރާތުގައި އިރަމް އުޅޭނޭ ހާލު އޭނާއަށް ވަޒަންކޮށްލެވުނެވެ. ހިތުގައި އެތައް ޝަކުވާއެއް އުފެދުނުއިރު، އެ ޝަކުވާތައް އިރަމްގެ ކުރިމަތީގައި ބަންޑުންކޮށްލަން އައިޒަކްގެ ހިތް އެދުނެވެ. އިރަމް އެހާލުގައި އުޅެނީ ކީއްވެ ހެއްޔެވެ؟ އަމިއްލަ އާއިލާގެ އެހީތެރިކަން ނުހޯދަނީ ކީއްވެ ހެއްޔެވެ؟

އިރަމް އާއި ދިމާއަށް އެއްޗެހި ކިޔަމުން ފަސްއެނބުރުނު ވަގުތު ކުރިމަތީގައި ހުރި އައިޒަކް ފެނި، ޖަމްޝީދާގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. ނަފުރަތުން ފުރިފައިވާ އައިޒަކްގެ ދެލޯ އަމާޒުކޮށްލާފައިވީ މީހަކު ނުސިހޭނޭ ވަރަކަށް ނޫނެވެ.

********

"ކަންތަކާ ލައްވާލީ ދޯ؟..." އިރަމް ހަލޯއޭ ބުނުމާއިއެކު ޝާލިން ބުންޏެވެ. "އިރޫގެ ހާލު ތީ... އަހަންނަށް ވެގެންވާނަމަ، އިރޫއަށް ތިތާ އުޅޭކަށް ނުކެރޭނެ..."

"އިތުރު ގޮތެއް ނެތޭ އަދި..." އިރަމް ގޮސް އެނދުގައި ޖައްސާލިއެވެ.

"ދެންވެސް ރިޝްވާނަށް ގުޅާބަލަ...." ޝާލިން ބުންޏެވެ.

"އަހަރެން ދުވަހަކުވެސް އެކަހަލަ ކަމަކު ނުކިޔަމޭ އޭނަ ކައިރިއަކު..." އިރަމްއަށް ޝާލިންގެ ހިޔާލު ކަމަކު ނުދިޔައެވެ.

"ބައްޕަ ކައިރީ ބުނަންވީނު ދެން..." ޝާލިން އެހެން ހިޔާލެއް ދިނެވެ.

"އަހަރެން ނުބުނާނަން..." އިރަމް ދެކޮޅު ހެދިއެވެ. "ބައްޕައަށްވެސް ބައްޕަގެ ޒިންމާތައް ވިސްނެންވާނެ މީހަކު ނުބުންޏަސް..."

"ޕިސްޕިސް... އެއްކަހަލަ ދެމީހުންނޭ... ގޮތްދޫނުކުރާތި ކޮންމެސް ކޮންމެސް..." ޝާލިން ބުންޏެވެ.

"ދެން އަހަންނަށް ކޮން ގޮތެއްތަ އޮތީ؟..." ޝަކުވާގެ ރާގަކަށް އިރަމް އަހައިލިއެވެ.

"ދެން ވަރިހަމަތަ ތިހެން ހުރެ، ހަލާކުވެގެން ދިޔަސް؟..." އަޑަށް ބާރުލަމުން ޝާލިން ސުވާލުކުރިއެވެ. "އޭރުވެސް ބުނިން ޕްރައިވެޓް ތަންތަނުން ލޯނު ނުނަގާށޭ... ދެން އެމީހުން ކަންނޭނގެ ބޮލަށް އަރަން އަންނާނީ... ދަރަނި ބޮލުގަ އެޅިއެޅި، ތިކުއްޖާ ތިހުރީ އަމިއްލަ ގުނަވަންތައްވެސް ވިއްކާލާ ހިސާބުގަ..."

"އާނ... ދެން ތިކަން ކުރަންވީ... ކިޑްނީ ވިއްކާލަންވީ..." ވިސްނައިލުމެއްނެތި އިރަމް ބުންޏެވެ.

"ބައްޕަ ނޫނީ ރިޝްވާން... އިރޫއަށް އެކަން ނުވަންޏާ، އަހަރެން އައިޒަކް ކައިރީ ބުނެފާނަން..." އިރަމް ބުނި އެއްޗަކުން ހިތްހަމަނުޖެހުނު ވަރުން، ޝާލިންއަށް ވާހަކަ ދެއްކުނީ އަމުރުވެރި ރާގަކަށެވެ.

"ނޯ... ރިޝްވާނަށް މިގުޅަނީ..." ޝާލިން އައިޒަކްގެ ވާހަކަ ބުނުމުން އިރަމް އަވަސް އަވަހަށް އެހެން ބުނެފައި، ފޯނު ކަނޑައިލިއެވެ.

********

ޖަމްޝީދާގެ ދެލޮލުން ފެންނަމުންދިޔައީ ދުނިޔޭގެ އެދުންވެރިކަމެވެ. އައިޒަކް ޖީބުން ނެގި ވޮލެޓަށް އޭނާ ބަލަން ހުރީ ދަހިވެތި ނަޒަރަކުންނެވެ. އައިޒަކް އޭނާގެ ވޮލެޓުގައިވާ އެއްހާސް ރުފިޔާގެ ނޫޓުތައް ނަގައި ޖަމްޝީދާ އާއި ދިމާއަށް ދިއްކޮށްލިއެވެ. ބަނޑުހައިވެފައިވާ ޖަނަވާރެއް ފަދައިން، ޖަމްޝީދާ އެފައިސާތައް ދަމައިގަތެވެ.

ރޭގަނޑުގެ ވަގުތެވެ. ރިޝްވާން ބުނި ގަޑިއަށް ރެސްޓޯރެންޓަށް ދިޔުމަށް އިރަމް ގެއިން ނުކުންނަން ދިޔައީ ހަލުވި ފިޔަވަޅުތަކެއްގައެވެ. ދޮރާށި ހުޅުވައިލި ވަގުތު ގޭތެރެއަށް ވަންނަން އައި ޖަމްޝީދާގެ ގައިގައި ޖެހިފައި އިރަމްގެ އަތުގައި އޮތް ފޯނު ވެއްޓުނެވެ. ރުޅި އައިސް ހަޅޭއްލަވައިގަންނަން ތައްޔާރުވެލި ޖަމްޝީދާއަށް އިރަމް ފެނުމާއިއެކު، ހުރިހާ ދަތެއް ފެންނަ ވަރަށް ހީލިއެވެ.

"ބޭރަށް ދަނީތަ؟..." ޖަމްޝީދާ ހިނިއައިސްފައިހުރެ އަހައިލިއެވެ.

އިރަމް ބޯ ޖަހައިލުމުން، ކައިރިވެލާފައި ބުރަކަށީގައި ފިރުމައިލިއެވެ. އެއަށްފަހު ވެއްޓިފައި އޮތް ފޯނު ނަގައި، ކަމެއްވެފައި އޮތްތޯ ބެލުމަށްފަހު، އިރަމްގެ އަތަށް ލައިދިނެވެ.

"ނަސީބަކުން އެއްވެސް ކަމެއް ނުވޭ..." ޖަމްޝީދާ ބުންޏެވެ. "ބޭރުގަ އުޅޭއިރު ބަލައިގެން އުޅެއްޗޭ..."

ގޭތެރެއަށް ދާންގޮސްފައިވެސް، އެއްޗެއް ހަނދާންވާ ފަދައިން ޖަމްޝީދާ ހުއްޓުނެވެ.

"ދައްތަ ބުނީ، ކުލި ދެއްކުން ލަސްވިޔަސް އެންމެ ރަނގަޅޭ އިނގޭ..." ފުޅާ ހިނިތުންވުމެއް ހަދިޔާކޮށްލަމުން ޖަމްޝީދާ ބުންޏެވެ.

އަނގަ ހުޅުވުނުގޮތަށް ލައްޕަންވެސް ނޭނގިފައި އިރަމް ހުއްޓެވެ. ދުވަހަކު ހެޔޮހިތުން އަނގައިން ނުބުނާ ޖަމްޝީދާއަށް ވެފައިހުރީ ކިހިނެއް ހެއްޔެވެ؟ އަނެއްކާ ޖަމްޝީދާއަށް އޭނާއަކީ ކާކުކަން އޮޅުނީ ހެއްޔެވެ؟ ނޫނީ، އެއީ ހުވަފެނެއް ހެއްޔެވެ؟ އޭގެ ކުރިން މަސްނިމެން ދެ ދުވަހަށް ނުވަނީސް، ޖަމްޝީދާގެ ދުލުކުރިން ފައިސާއޭ ކިޔައިގެން ނޫނީ އެންމެ ލަފުޒެއްވެސް ބޭރެއް ނުވާނެއެވެ.

އިރަމް ރެސްޓޯރެންޓަށް ދިޔައިރު، ރިޝްވާން އިނީ އިރަމްގެ އިންތިޒާރުގައި ސައިކަލުގައި އިށީނދެލައިގެންނެވެ. ޑިއުޓީ ނިންމާލި ގޮތަށް ސިފައިންގެ ޔުނީފޯމާއިވެސް އެކުގައެވެ.

"ހާދަ ދުވަހެއް ފަހުންނޭ މި ދިމާވީ..." އިރަމް ފެނުމުން، ރިޝްވާން ހިނިތުންވެލިއެވެ. "ހުރިހާ ޝުކުރެއް އިރޫގެ މަންމައަށް..."

ރިޝްވާން ސައިކަލުން ފައިބައިގެން ގޮސް އިރަމްގެ ކައިރީގައި ހުއްޓިލިއެވެ. ރިޝްވާނަކީ އިސްކޮޅުން ދިގު މީހެކެވެ. ހަމުގެ ކުލަ މާ އަލި ނޫންނަމަވެސް، ފިރިހެންވަންތަ ސިފަތަކެއް ލިބިފައި ވިއެވެ. ރީތި ހިނިތުންވުމެކެވެ. ހީލާއިރު، ދެކޮލަށް އެޅޭ އަޑިކޮޅަކީ، އޭނާގެ ފިރިހެންވަންތަކަން އިތުރުކޮށްދޭ އެއް ސިފައެވެ. ކަސްރަތީ ހަށިގަނޑެކެވެ. ކަޅުކަންގަދަ ބުމައެކެވެ. އިސްތަށިގަނޑު، ދެފަރާތުން ތުނިކޮށް ކޮށާލާފައިވާއިރު، މެދުން މައްޗަށް ހިއްލާލާފައިވާގޮތުން، އޭނާގެ ޒުވާންކަމާއި ހައިބަތު ދައްކުވައިދެމުން ދިޔައެވެ.

ދެމީހުން އެކުގައި ރެސްޓޯރެންޓްގެ ތެރެއަށް ވަންއިރު، ތަން އޮތީ ފުރިފައި ކަހަލަ ގޮތަކަށެވެ. އިރުކޮޅަކު މަސައްކަތް ކޮށްލައިގެން މޭޒެއް ލިބޭވަރު ވިއެވެ. އިރަމް އިށީނުމަށް ގޮނޑި ދަމާލަދިނީ ރިޝްވާނެވެ. އިރަމް ހިނިތުންވެލަމުން އެ ގޮނޑީގައި އިށީންނަން އުޅުނު ވަގުތު، ފެނުނު ސޫރައަކުން ގޮނޑިން ނުވެއްޓުނީ ކިރިޔާއެވެ.

"އައިޒަކް..." އިރަމްއަށް ހިތާއިހިތުން ބުނެވުނެވެ.

އައިޒަކްގެ ތޫނު ނަޒަރު އިރަމްއަށް ހުއްޓިފައިވާއިރު، ދެބުމަ ގޮށްޖަހާލައިގެން އިންގޮތުން އިރަމްގެ ހިތް ތެޅިގަތެވެ.

"އަންނަހާ ތާކުން އެބަ ދިމާވެޔޭ.. ޔަގީން އަހަންނަށް ފާރަލަނީކަން..." އިރަމްގެ ބޯ ގޮވިއެވެ. "އަވަލާފަ އިން ޖިންނިގަނޑެއް..."

"ކީކޭ؟..." އިރަމް އެއްޗެއް ބުނިހެން ހީވެގެން ރިޝްވާން އަހައިލިއެވެ. "އެއްޗެއް ބުނިންތަ؟..."

އިރަމް އަވަހަށް ބޯ ހޫރައިލިއެވެ.

"ހިނގާ އެހެން ތަނަކަށް..." އިރަމް އުޅުނީ ތެދުވާށެވެ.

"މާ މީހުން ގިނައީ ދޯ... މިގަޑީ އެހެން ތަންތަންވެސް ވަރަށް ފުލްވާނެ..." ރިޝްވާން އިނީ އިންތަނުން ތެދުވާ ކަހަލަ ގޮތަކަށް ނޫނެވެ. "ހުސް މޭޒެއްވެސް ކިހާ ހާލަކުން މި ލިބުނީ... ދެން ތިބެމާ ދޯ..."

އިރަމް ގަދަކަމުން ހީލިއެވެ. އައިޒަކް ބަލަން ފެށުމުން، އޭނާ ރިޝްވާނާއި ކުޑަކޮށް ނިވާވެލިއެވެ.

އައިޒަކްގެ ނޭވާ ވަނީ އަވަސްވެފައެވެ. އިރަމްގެ ކައިރީގައި އިނީ ކާކު ހެއްޔެވެ؟ އެއީ އޭގެ ކުރިން އޭނާ ދެކުނު ޒުވާނެއް ނޫނެވެ. އެކަމަކު އެއީ އިރަމްއާއި ހާއްސަ ގުޅުމެއް އޮތް މީހެއްކަން އައިޒަކަށް ކަށަވަރު ވިއެވެ. އިރަމްގެ މޫނުމަތިން އެހެންޏާ ނުފެންނަ ހިނިތުންވުމެއް އެ ޒުވާނާ އާއިއެކުގައި ހުއްޓާ ފެނުނީތީ އޭނާގެ ހިތަށް އުނދަގޫވަމުން ދިޔައެވެ. އެ ޒުވާނާ ގޮނޑި ދަމާލަދިނުމުންވެސް އިރަމް އިށީނީ، ލުއި ހިނިތުންވުމެއް ހަދިޔާކޮށްލާފައެވެ. ކަޅުކުލައިގެ ރޮނގުދެމި އަތްދިގު ޓީޝާޓެއް ލައިގެން އިންއިރު، އިރަމްގެ އިސްތަށިގަނޑު އޮތީ، ވޫލުކޮޅަކަށް އައްސާލާފައެވެ. އެހެން ފިރިހެނެއްގެ ކުރިމަތީގައި އިރަމްގެ ދޮން ކަނދުރާ ހާމައަށް ފެންނަގޮތަށް އޮތުމުން، އައިޒަކްއަށް ކެތްކުރަން އުނދަގޫވިއެވެ. އެތައް ފަހަރަކު އިންތަނުން ތެދުވެގެން ގޮސް އިރަމް އޭނާގެ ކައިރިއަށް ގެންދަން އައިޒަކްގެ ހިތަށް އެރިއެވެ.

"ކިހިނެއްވީ؟..." އިރަމްގެ މޫނުމަތީގެ އަސަރުތައް ފެނުމުން، ރިޝްވާން ފަސްއެނބުރި ބަލައިލަން އުޅުނެވެ. "ދަންނަ މީހަކު އިނީތަ؟..."

"ނޫނޭ..." ރިޝްވާނަށް އައިޒަކް ފެނިދާނެތީ، އިރަމް އަވަހަށް ހުއްޓުވިއެވެ.

އައިޒަކް އާއިއެކު ކޮފީގައި ތިބި، އޭނާގެ ތިން އެކުވެރިން ކަމަށްވާ، މާކިން އާއި އަމީނުގެ އިތުރުން ފައިޒާން ހުއްޓާނުލައި ވާހަކަ ދައްކަމުން ދިޔައެވެ. އިތުރު ކަމަކާ ވިސްނޭ ވަރަށްވުރެ އައިޒަކްގެ ހާލު ބޮޑެވެ. އިރަމް އެހެން ފިރިހެނަކާއިއެކު އިންދާ ފެނުމުން، އޭނާގެ އެތެރެހަށި އަނދަމުން ދިޔައެވެ. އޭނާއަށް ވެގެންވާނަމަ، ރިޝްވާން އިން ގޮނޑީގައި އިތުރު މީހަކު އިނަކަ ނުދޭނެއެވެ.

"ކޯއްޗެއް މިރޭ ކާނީ؟... މިރޭ ދާންވާނީ ދެން ކައިގެން..." މެނޫ ގެންނަން ވޭޓަރަށް އިޝާރާތް ކުރަމުން ރިޝްވާން ވާހަކަ ދެއްކިއެވެ.

"ރައިސްއެއް ރަނގަޅުވާނެ... އެހާ ވަރަކަށް ކާހިތެއްވެސް ނެތް އެކަމް..." މަންމަ ކައިރިއަށް ދާންޖެހޭތީ އިރަމް އިނީ ނުތަނަވަސްވެފައެވެ.

"ތިހެން ނުކައި ހުރެހުރެ، މާ ވަރަކަށް ތި ހިކެނީ... ސިފަ ގެއްލިދާނެ ތިހެން އުޅެނިކޮށް..." މެނޫ ބަލަން އިނދެ، ރިޝްވާން ވާހަކަ ދެއްކިއެވެ.

ކާއެއްޗަކަށް އޯޑަރު ދީފައި ރިޝްވާން އޭނާގެ ޖީބުން ނެގި ސިޓީއުރަ އިރަމްގެ ކައިރިއަށް ޖައްސާލަދިނެވެ.

"ދިހަ ހާސް އޮންނާނެ ތީގަ..." ރިޝްވާން ބުންޏެވެ. "ކޮންމެހެން އަވަސް އަރުވާލައިގެން ތި ދައްކާނެ ކަމެއް ނެތް... ހަމަޖެހިލައިގެން ދެއްކީމަ ރަނގަޅުވާނެ... އިތުރަށް ބޭނުމިއްޔާވެސް އަހަރެން ކައިރީ ބުނާނީ..."

"ތޭންކްޔޫ..." އިރަމް އިސްޖަހައިލިއެވެ.

އެ ދަރަޖައަށް ވެއްޓެންޖެހުމުން އިރަމް ލަދުގަތެވެ. އެކަމަކު އެނޫންގޮތެއްވެސް އޭނާއަކަށް ނެތެވެ.

"އަހަރެން ހީކުރީ، މަންމަމެން މެރީކުރީމަ އިރަމް އަހަންނާ ރުޅިވީ ކަމަށް..." ލުއި ހިނިގަނޑެއް ޖަހައިލަމުން ރިޝްވާން އެހެން ވާހަކައެއް ފެށިއެވެ.

"ނޫނޭ..." އިރަމް ބޯ ހޫރައިލިއެވެ. "އަހަރެން އެކަހަލަ ކަންކަމާ އަޅައެއް ނުލަން... އެއީ އެމީހުންގެ އަމިއްލަ ދިރިއުޅުމެއްނު..."

"ރަނގަޅު ވާހަކައެއް... ފުރަތަމަކޮޅު އަހަންނަށްވެސް އުނދަގޫވި... އެކަމަކު މިހާރު ހަމައަކަށް އެޅިއްޖެ..." ރިޝްވާން ހިނިތުންވެލިއެވެ. "އަހަރެންވެސް މިހާރު މިއުޅެނީ ވަކިން... މަންމަމެންގެ ޕްރައިވެސީ ގެއްލިދާނެތީ އެތާ އުޅޭކަށް ނުކެރުނު..."

ރިޝްވާން ލާނެތް ރާގަކަށް އެހެން ބުނިގޮތުން އިރަމްއަށް ހެވުނެވެ. ރިޝްވާންވެސް އެ ހުނުމުގައި ބައިވެރިވިއެވެ. ހެމުންދިޔަ އިރަމްގެ ކަޅި އައިޒަކްއަށް ހުއްޓުމާއިއެކު، ވަގުތުން ހިނިގަނޑު ހުއްޓުނެވެ. އައިޒަކްގެ މޫނުމަތީގެ އަސަރުތައް ހުރީ މީހަކު ބިރު ނުގަންނަ ގޮތަކަށް ނޫނެވެ. އިރަމްއަށް ބަލަން އިނދެފައި، އައިޒަކް އޭނާގެ ދެ އިނގިލި ލޮލާއި އަމާޒުކޮށްލުމަށްފަހު، އިންޒާރެއްދޭފަދަ އިޝާރާތެއް ކޮށްލިއެވެ. އިރަމް އަނެއްކާވެސް ރިޝްވާނާއި ނިވާވެލިއެވެ. އައިޒަކް ބޯ އަރިކޮށްގެން އިރަމް ފެނޭތޯ އުޅެންފެށިއެވެ.

އިރަމްގެ ފަހަތުގައި ހުރި މޭޒު ކައިރީގައި ޖާނުން ވަރުގަދަ ތިން މީހަކު ތިއްބެވެ. އައިޒަކްގެ ހަރަކާތްތައް އެންމެ ރަނގަޅަށް ފެނުނީ އެމީހުންނަށެވެ. އެތަނުން އެކަކު ކޮޅަށް ތެދުވިއިރު، މޫނުމަތިން ހީވަނީ އަލިފާންކަނި ބުރަމުންދާހެންނެވެ. އެމީހާ ހީކުރީ، އައިޒަކް އިންޒާރުދިނީ އޭނައަށް ކަމަށެވެ. އޭނާ ދެއަތް މުށްކަވައިލަމުން އައިޒަކާއި ދިމާއަށް ހިނގައިގަތްތަން ފެނި އިރަމްވެސް އިނީ ވާނުވާ ނޭނގިފައެވެ.

އެމީހަކު ގޮސް އައިޒަކްގެ ކުރިމަތީގައި ހުއްޓުނުއިރު އައިޒަކް އިނީ ފޯނު ނަގައިގެން އިރަމްއަށް މެސެޖެއް ލިޔާށެވެ. ކައިރީގައި މީހަކު ހުއްޓުނުކަމުގެ އިހުސާސާއިއެކު، އައިޒަކް އިސްއުފުލައިލަން އުޅުނެވެ. އެވަގުތު، މާކިން އޭނާގެ ގައިގައި ޖެހިގަނެފައި އިންތަނުން ތެދުވިއެވެ. ކަމެއް ކުރާނޭ ފުރުސަތު ނުލިބުނީ އައިޒަކަށެވެ. ކައިރީގައި ތިބި އެކުވެރިން ދުވެ ފިލިއެވެ. އައިޒަކްގެ ނަޒަރު އެމީހާގެ ފައިން ފެށިގެން މޫނަށް ހުއްޓުނުތަނާހެން އެމީހަކު އޭނާ ލައިގެން އިން ޓީޝާޓުގެ ކަނދުރާ އާއި ދިމާއިން ހިފައިގަނެފައި، މައްޗަށް އުފުލައިލިއެވެ.

"ފާޑުފާޑަށް އިންޒާރު ނުދޭތި!..." އައިޒަކްގެ ލޮލާއި ދިމާއަށް އިނގިލި ދިއްކޮށްލަމުން އެމީހާ އިންޒާރު ދިނެވެ.

އައިޒަކަށް ބޯ ޖަހައިލެވުނު ގޮތްވެސް ނޭނގުނެވެ. އެމީހާ ދިޔުމުން އޭނާއަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ. ވަރަށް ނުކެރި އިނދެ، އިރަމް އިން ދިމާއަށް އޭނާ ބަލައިލިއެވެ. އޭރު އިރަމް އިނީ އަނގަމަތީގައި އަތް އަޅައިގެން ހޭށެވެ. އިރަމް އޭނާގެ އަތުގެ އިޝާރާތުން ފަހަތުގައި ތިބި މީހުން އައިޒަކަށް ދައްކައިލިއެވެ. އިރަމް މަލާމާތްކުރަނީކަން އެނގުމުން، އައިޒަކަށް އޭނާގެ ބޮލުގައި އަތުން ޖަހައިލެވުނެވެ.

އިރަމް ހަމަ ކާން ފެށި ތަނާ، ރަހުމާ ގުޅަން ފެށިއެވެ. ސަމުސަލާއި އޫ، ތަށިތެރެއަށް ދޫކޮށްލާފައި އޭނާ ތެދުވިއެވެ. ފޯނު ކަންފަތުގައި ޖަހައިގެން ހުރެ އިރަމް ނުކުތީ ރެސްޓޯރެންޓުން ބޭރަށެވެ. އިރަމްގެ ހަރަކާތްތަކަށް ބަލަން އިން އައިޒަކްވެސް ތެދުވިއެވެ. އިރަމްގެ ފަހަތުން އޭނާވެސް ގޮސް ބޭރަށް ނުކުތެވެ.

ރަހުމާ ފޯނު ބޭއްވުމުންވެސް ޖެހި ބުދެއްހެން އިރަމް ހުއްޓެވެ. މަންމަގެ ޖުމްލަތަކުން އޭނާ ހުރީ ފެންކަޅިވެފައެވެ. އަމިއްލަ ހިތް ހަމައަކަށް އަޅުވަން މަސައްކަތްކުރަމުން އިރަމް އޭނާގެ ލޮލުން އަންނަމުންދިޔަ ކަރުނަތައް ފޮހެލިއެވެ. ގަދަކަމުން ހިނިތުންވާން މަސައްކަތް ކުރިއެވެ. އެހުރިހާ މަންޒަރެއް ބަލަން ހުރި އައިޒަކަށް ދުރުގައި ނުހުރެވިގެން އިރަމް އާއި ދިމާއަށް ހިނގައިގަތެވެ. އިރަމް ފަސްއެނބުރި ހިނގައިގަތް ވަގުތު އެދިމާއަށް އައި އައިޒަކް ފެނި، ހުއްޓުންއެރިއެވެ. އެ ހިތާމަވެރި ވަގުތުކޮޅުގައި އައިޒަކްގެ އަތުގެ ހިމާޔަތަށް އޭނާގެ ހިތް އެދެވުނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު