ގުރުއާނުގެ އާޔަތްތައް ނުލިޔަން ބުނި ބުނުން ފަހުން ބާތިލު ކުރިން: މިނިސްޓްރީ

އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން - ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ގުރުއާނުގެ އާޔަތްތައް ފޮތްތަކުގައި ލިޔުމުގެ ބަދަލުގައި ރިފަރެންސް ދިނުމަށް ކުރިން ބުނި ނަމަވެސް، އެ ބުނުން ފަހުން ބާތިލު ކުރި ކަމަށް އެޑިއުކޭޝަން މިނިސްޓްރީ މިއަދު ބުނެފިއެވެ.

ސްކޫލްތަކުގައި ކިޔައިދޭ ގުރުއާން/ އިސްލާމް ފޮތްތަކުގައި ހުރި ގުރުއާނުގެ ބައެއް އާޔަތްތަކުގައި ކުށް ހުރި މައްސަލައެއް ފެންމަތިވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅުއެވެ.

އޭގެ ފަހުން އިތުރު ކުށް ހުރިތޯ ބެލުމާއި، ކުށް އިސްލާހު ކުރުމުގެ މަސައްކަތް މިނިސްޓްރީން ފެށިއެވެ. އޭގެ ފަހުން، ގުރުއާނާއި އިސްލާމް ފޮތުގައި ހުރި އާޔަތްތައް އުނިކުރަން އުޅޭކަމަށް ސޯޝަލް މީޑިއާގައި ހަބަރުތައް ދަރުރުވާން ފެށިއެވެ.

އެ ސިޓީގައި ވަނީ، ކަރިކިއުލަމް ރިވިޝަންގެ މަސައްކަތާއި ފޮތްތަކުން ފާހަގަ ކުރެވުނު މައްސަލަތައް އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުން ދާއިރު، ގްރޭޑް 12-1ގެ އިސްލާމް، ގުރުއާން ފޮތްތަކުގައިވާ ގުރުއާނުގެ އާޔަތްތައް އުނި ކުރުމަށް އަންގާފައެވެ.

އޭގެ ބަދަލުގައި އާޔަތުގެ ނަންބަރު ލިޔުމަށްފަހު ޚަތިމަށް ރެފަރެންސް ދޭން ވަނީ އެދިފައެވެ.

އަންނަ އަހަރާއި 2023 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ފޮތްތައް ޗާޕު ކުރާއިރު މިގޮތަށް ބަދަލު ކުރަން އެންގި ސިޓީ ފޮނުވާފައިވާ ތާރީހެއްކަމަށް ސިޓީގައި ލިޔެފައި ވަނީ މިދިޔަ މަހު 25 އެވެ.

އެ ސިޓީގައިވާ ކަންކަން އިތުރަށް ބެލުމަށް ކަމަށް ބުނެ، އެ ސިޓީ ބާތިލު ކުރަން އެދި މިނިސްޓްރީން ދެވަނަ ސިޓީއެއް ފޮނުވާފައި ވަނީ މި މަހުގެ 7 ވަނަ ދުވަހުއެވެ.

އެކަމާ ގުޅިގެން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެގޮތަށް ކަންތައް ކުރަން އުޅުނީ ގުރުއާނަށް ދޭ އަހައްމިއްޔަތުކަން ކުޑަކުރަން ނޫން ކަމަށާއި ލިޔާއިރު ޖެހޭ ކުށްތައް ތަކުރާރު ނުވާނެގޮތް ހެދުމަށް ކަމަށެވެ. އަދި ފޮތްތައް ނައްތާލާއިރު އިނާހެތިކޮށް އަމަލު ކުރެވޭ ކަމަށް ބައެއް ފަހަރު، ބައެއް އިލްމުވެރިން ވިދާޅުވާތީ ކަމަށެވެ.

ނަމަވެސް އާޔަތް ނުލިޔެ ރިފަރެންސް ދިނުމަކީ ރަނގަޅުގޮތް ނޫންކަން އެނގި، އެގޮތަށް އެންގި އެންގުން ބާތިލު ކުރަން އެންއައިއީ އަށް ސިޓީ ފޮނުވިކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ހަބަރާ ގުޅިގެން ބެލެނިވެރިންގެ ހިތްތަކުގައ އުފެދުނު ނުތަނަވަސް ކަމަށްޓަކައި މިނިސްޓްރީން ވަނީ މާފަށް އެދިފައެވެ.

comment ކޮމެންޓް