ބަރަހަނާކޮށް، ބިރުދެއްކުމަށްފަހު ފޭރުނު ދެ މީހުންގެ ބަންދަށް އިތުރު 15 ދުވަސް

ފެބްރުއަރީ 15، 2021: ކްރިމިނަލް ކޯޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހަލަވެލިގޯޅީގައި ހުރި ގެއަކަށް މީހަކު ވައްދައި އެމީހާއަށް ވަޅިން ބިރުދައްކައި ބަރަހަނާ ކުރުމަށްފަހު, ބިރުދައްކައިގެން ފޭރުނު މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

މި މައްސަލައިގައި މިދިޔަ ނޮވެންބަރު މަހުގެ 29 ވަނަ ދުވަހު ފުލުހުން ހައްޔަރުކޮށްފައިވަނީ މއ. ކްލޫވޭވް، އުމުރުން 27 އަހަރުގެ އަހްމަދު ނަބީލް އާއި ގ. ބެރުގެ އުމުރުން 28 އަހަރުގެ އަލީ އީޝާދު އެވެ.

މި މައްސަލައިގައި އެ މީހުންގެ ބަންދަށް ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މި ދެ މީހުން ބަންދަށް އިތުރު 15 ދުވަސް ވަނީ ޖަހައިފައެވެ.

މި ދެ މީހުންގެ މައްޗަށް މީހަކަށް ބިރުދައްކައި، ބްލެކްމެއިލްކޮށް، ފައިސާ ފޭރިގަތުމުގެ ތުހުމަތު ކުރާއިރު، އަލީ އިޝާދަށް ތުހުމަތު ކުރަނީ އަހްމަދު ނަބީލްއާ ގުޅިގެން މި ކުށުގައި ބައިވެރިވުމެވެ.

މި މައްސަލައިގައި ފުލުހުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިކަން ހިންގައިފައިވަނީ މިދިޔަ ނޮވެންބަރު މަހުގެ 28 ވަނަ ދުވަހުގެ ރޭ، ހަލަވެލި ގޯޅީގައި ހުރި ގެއެއްގައެވެ.

ކޯޓުގެ އަމުރުގައިވާ ގޮތުން އަހްމަދު ނަބީލްގެ އެކައުންޓަށް އަނިޔާވި މީހާގެ އެކައުންޓުން 2،000 ޑޮލަރު ޓްރާންސްފާކޮށްފައިވާއިރު، ފުލުހުން އޭނާ ހައްޔަރުކުރިއިރު އޭނާގެ އަތުން 24،000 ދިވެހި ރުފިޔާ ފެނިފައިވެއެވެ.

މި މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ތެފްޓް އެންޑް އޮގަނައިޒް ކްރައިމް އިންވެސްޓިގޭޝަންގެ ހެޑް އިނިސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ލަތީފް ވިދާޅުވީ މިމައްސަލައިގެ ތަހުގީގުން މިހާތަނަށް ބެލިބެލުމުން މައްސަލާގައި ވިކްޓިމައިޒްވި ފަރާތަށް މައްސަލާގައި ތުހުމަތުކުރެވޭ މީހުންގެ ތެރޭގައި ހިމެނޭ އެކަކު އެޕްލިކޭޝަންއެއް މެދުވެރިކޮށްގެން ޗެޓުކޮށް އެފަރާތުގެ ނަންބަރު ހޯދުމަށްފަހު ވާހަކަ ދައްކައިގެން، ހަލަވެލި ގޯޅީގައި ހުރި ގެއަށް ދައުވަތު ދީގެން ކަން ހާމަވެފައިވާ ކަމަށެވެ.

އެއަށްފަހު ތުހުތުމަތު ކުރެވޭ ދެ މީހުންގެ ތެރެއިން އެކަކު އެގެއަށް ވަނުމަށްފަހު، އެމީހާއަށް ވަޅިން ބިރުދެއްކުމަށްފަހު އެމީހާ ބަރަހަނާކޮށް ފޮޓޯނަގައި ވީޑިއޯކޮށް، އެމީހާގެ މޮބައިލް ފޯނު އަތުލުމަށްފަހު އެމީހާގެ ބީއެމްއެލް އެކައުންޓުގައި ގިނަ އަދަދެއްގެ ފައިސާ ޓްރާންސްފާ ކުރި ކަން ހާމަވެެފައިވާ ކަމަށް ލަތީފް ވިދާޅުވިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެ މީހުންނަކީ ވެސް މި ކަހަލަ އެހެން މައްސަލަތަކާއި ފޭރުމާއި މަސްތުވާތަކެތި ބޭނުންކުރުމުގެ ތުހުމަތުގައި އެކި ފަހަރު މަތިން ހައްޔަރުކޮށްފައިވާ ދެ މީހުންނެވެ.

މަގުމަތީން ވައްކަމާއި ފޭރުމުގެ އެތައް އަމަލެއް ފާއިތުވި ދުވަސްތަކުގައި ހިނގައިފައިވާކަމަށް ފުލުހުން ވަނީ މިފަހުން ބުނެފައެވެ. މިކަން ކުރާ ބައެއް ނެޓްވޯކްތައް އުޅޭ ކަމަށް ފުލުހުން ބުނާއިރު، މިފަދަ ނެޓްވޯކްތަކުގައި އަންހެނުންނާއި 18 އަހަރު ނުފުރޭ ކުޑަކުދީން އުޅޭ ކަން ވެސް ފުލުހުން ފާހަގަކުރެއެވެ.

https://sun.mv/159947

comment ކޮމެންޓް