ބޭރުން ގެއަށް ވަދެވެން ހުރި ދޮރުގެ ކޯޑު ޖަހަންފެށި އަޑު އިވުމާއިއެކު، އިރަމްގެ ހަރަކާތް ހުއްޓުނެވެ. އޮވެވުނީ އައިޒަކްގެ ގައިމަތީގައި ކަންވެސް އޭނާއަށް އެނގުނީ ދެނެވެ. އިރަމްއަށް އިތުރު ކަމެއް ނުކުރެވެނީސް، އެމީހަކު ދޮރު ހުޅުވައިލި އަޑު އިވުނެވެ.

**********

އިރަމް އައިޒަކްގެ އަތްދަށުން ވީއްލިގަންނަން މަސައްކަތްކުރަމުންދިޔައިރު، އެ ފުރުސަތު ނުދޭން އައިޒަކް އޮތީ، އިރަމްގެ އުނަގަނޑުގައި އަތް އަޅުވާލައިގެންނެވެ.

"ކީއްތަ ތިކުރަނީ؟..." އިރަމް ތެޅިގަތެވެ.

އައިޒަކް ގަސްދުގައި އޭނާގެ ގައިގައި ހިފެހެއްޓީކަން އިރަމްއަށް އެނގުނެވެ. އައިޒަކް ބަލަން އޮތް ގޮތުންވެސް އެކަމަށް ހެކިދިނެވެ.

"ކޮންމެސް މީހަކު ވަދެއްޖެއޭ..." އިރަމް ހާސްވެފައި ބުންޏެވެ.

އައިޒަކް ދެންވެސް ދުލެއް ނުކުރިއެވެ. އިރަމް ތެދުވަން އުޅޭ ކޮންމެ ފަހަރަކު، ވަކީން ބާރަށް ހިފަހައްޓާލައެވެ. އެހާ ކައިރީގައިވުމުން، އިރަމްއަށް އައިޒަކްގެ މޫނަށް ބަލައިލަންވެސް ނުކެރުނެވެ.

"ފެނިދާނެއޭ، ދޫކޮށްލަބަލަ. ޕްލީޒް..." އިރަމް ވައިއަޑުން ބުނެލިއެވެ.

"މީހަކަށް ނުފެންނަންޏާ އޯކޭއޭތަ ތިބު..." އައިޒަކް މަޖާވެލާފައި އެއްޗެއް ބުނަން އުޅުނެވެ.

"ޝްޝްޝް..." އިރަމް ޖެހިލުންވެގެން އައިޒަކްގެ އަނގަމަތީގައި އަތްއެޅިއެވެ.

ކުރެވުނު ކަންތައް އިހުސާސްވުމާއިއެކު، ބޭއިހުތިޔާރުގައި އިރަމްއަށް އައިޒަކްގެ މޫނަށް ބަލައިލެވުނެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވީހިނދު، އެކަކު އަނެކެއްގެ ދެލޮލުން އެތައް ވާހަކަތަކެއް ބުނެދިން ކަހަލައެވެ. އިރަމް އަތް ދަމައިގަތެވެ. ތެދުވަން އުޅުމުން، އައިޒަކް ދެންވެސް އެ ފުރުސަތެއް ނުދިނެވެ.

"ޖަވާބު ދިނީމަ ދޫކޮށްލާނީ..." އައިޒަކް ބުންޏެވެ.

ތެޅެމުންދިޔަ ހިތުގެ ހިނގުން ހަމައަކަށް އަޅުވަން އިރަމްއަށް ޖެހުނީ އޭނާގެ ނަޒަރު ބަދަލުކޮށްލާށެވެ.

"ބޭނުމެއް ނޫން... ދެން ދޫކޮށްލާ..." އިރަމް ބުނެލީ، ރުންކުރު ރާގަކަށެވެ.

"އޯކޭ... އެހެންވިއްޔާ ފެނުނަސް އޯކޭ..." އައިޒަކް ލާނެތް ރާގަކަށް ބުންޏެވެ.

"އަހަންނަކަށް އޯކޭއެއް ނޫނޭ... ދޫކޮށްލަބަލަ ޕްލީޒް..." ހާސްވެގެން އިރަމްގެ ނިތްކުރިން ދާހިއްލާލިއެވެ.

ސިއްރުން ގޭތެރެއަށް ވަން ވިޝްކާގެ ތުންފަތުގައި ވީ ލުއި ހިނިތުންވުމެކެވެ. އޭނާ ހުރީ ކަކުލާއި ހަމައަށް އަރާ ރަތްކުލައިގެ އަތްކުރު ހެދުމެއްގައެވެ. އެކާވީސް އަހަގެ ވިޝްކާ އޭނާގެ އުމުރަށްވުރެ ދޮށީކަމަށް ދައްކައެވެ. ކޮށްފައިވާ މޭކަޕާއި، ވިޝްކާގެ ދޮން ހަންގަނޑާއި ނުހަނު ގުޅެއެވެ. ބޮލުގެ އިސްތަށިގަނޑު ހާމައަށް ދޫކޮށްލާފައި އޮތްއިރު، ނިތްކުރިމަތިން ބުމަ އާއި ހަމައަށް އިސްތަށިކޮޅު ކޮށާލާފައި އޮތެވެ. މަޑުމަޑުން ދޮރު ލައްޕާފައި ވިޝްކާ ކުރިއަށް ހިނގައިގަތީ، އަތުގައި އޮތް ފިނިފެންމަލުގެ ގުލްދަސްތާއަށް ބަލައިލުމަށްފަހުގައެވެ. ވިޝްކާގެ މިސްރާބު ހުރީ، އައިޒަކްގެ ކޮޓަރިއާއި ދިމާއަށެވެ. ތަންކޮޅަކަށް ނުދެވެނީސް، ފެނުނު މަންޒަރަކުން އޭނާގެ ދެލޯ ބޮޑުވިއެވެ. ތުންފަތުގައިވި ހިނިތުންވުން ގެއްލުނެވެ.

އިރަމް އޮތީ، ގޭތެރެއަށް ވަނީ ކާކުތޯ ބަލައިލަންވެސް ނުކެރިފައެވެ. އެއާއި ޚިލާފަށް އައިޒަކް ފާޑަކަށް ހިނިއައިސްފައި ވިޝްކާ އާއި ދިމާއަށް ބަލަން އޮތެވެ. ގޭތެރެއަށް ވަނީ ކާކުކަން މާކުރިންވެސް އައިޒަކަށް އެނގޭ ކަހަލައެވެ. ވިޝްކާ އަކީ، ޝައްތާރާއި ޒަރީނާގެ ދެވަނައަށް އެންމެ ދޮށީ ދަރިއެވެ.

ވިޝްކާގެ ދެބުމަ ކައިރިވާން ނެގީ ހިނދުކޮޅެކެވެ. އޭނާ ހަލުވި ފިޔަވަޅުތަކެއްގައި ގޮސް، އައިޒަކްގެ އަތް، އިރަމްގެ އުނަގަނޑުން ނައްޓުވައިލިއެވެ.

"ތެދުވޭ..." އިރަމްގެ އަތުގައި ހިފައި ނަގަން މަސައްކަތްކުރަމުން ވިޝްކާ ބުންޏެވެ.

ތެދުވި އިރުވެސް އިރަމް ހުރީ އިސްޖަހައިގެންނެވެ. ވިޝްކާއަށް މޫނު ފެނިދާނެތީ އޭނާ އަވަހަށް ދޮރާއި ދިމާއަށް ހިނގައިގަތެވެ.

"ވެއިޓް...." ވިޝްކާގެ އަޑަށް އިރަމްގެ ފިޔަވަޅުތައް މަޑުޖެހުނެވެ.

"އަހަރެން އަދި ނުބުނަމެއްނު ދާށެކޭ. ކާކުތީ؟..." އިރަމް އާއި ދިމާއަށް ހިނގައިގަންނަމުން، ވިޝްކާ ވާހަކަދެއްކިއެވެ.

އައިޒަކް ސޯފާއިން ތެދުވިއެވެ. ވިޝްކާއަށްވުރެ ކުރިން އޭނާ ގޮސް، އިރަމްގެ ކައިރީގައި ހުއްޓުނެވެ. އެއަށްފަހު، ވިޝްކާއަށް ފެންނާނޭހެން އިރަމް އަނބުރައިލިއެވެ.

"ގެއަށް މެހެމާނަކު އައީމަ ދަނީތަ؟..." އައިޒަކް އިރަމް އާއި ވާހަކަ ދެއްކީ ނުހަނު ލޯބިންނެވެ.

އިރަމްއަށް އިތުރު ކަމެއް ކުރާނޭ ފުރުސަތެއް އައިޒަކް ނުދިނެވެ. ނިތްކުރިމައްޗަށް ވެއްޓިފައިވާ އިރަމްގެ އިސްތަށިގަނޑު ދެކަންފަތްދަށަށް ލައްވާލަދިނެއެވެ. އެއަށްފަހު، އިރަމްގެ ކޮނޑުގައި ހިފައިލަމުން ގަޔާއި ކައިރިކޮށްލިއެވެ.

ހައިރާންވެގެން އިރަމް ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އައިޒަކް އުޅެމުންދިޔަގޮތުން، އިރަމްއަކީ އޭނާގެ ހައްގެކޭ ބުނާފަދައެވެ. އެފަދަ ލޯބިވެތި ސިފައެއް އައިޒަކްގެ ފަރާތުން އޭގެ ކުރިން އިރަމްއަށް ފެނިފައެއް ނުވެއެވެ. ވާނުވާ ނޭނގިފައި ހުރި ވިޝްކާ، ފަހަރަކު މީހެއްގެ މޫނަށް ބަލަމުން ދިޔައެވެ. އިރަމްގެ މޫނުން ނަޒަރު ވަކިކޮށް، ވިޝްކާ އާއި ދިމާއަށް އައިޒަކް ބަލައިލިއެވެ.

"މީޓް މައި ވައިފް..." އައިޒަކް ހަމަޖެހިލާފައި ބުންޏެވެ.

ވިޝްކާއެކޭ އެއްވަރަށް އިރަމްވެސް ދެލޯ ބޮޑުކޮށްލަމުން އައިޒަކްގެ މޫނަށް ބަލައިލިއެވެ. އިރަމްގެ ދެބުމަ ގޮށްޖެހުނީ، ބަސްބުނާހައި މަދު ވަގުތުކޮޅެއްގެ ތެރޭގައެވެ.

"މޮޔަވީތަ؟..." އިރަމް ދަތްކުނޑި ވިކައިލިއެވެ.

އިރަމް ރުޅި އައިސްފައި ބަލަންހުރި ގޮތުން އައިޒަކްއަށް މަޖާވިއެވެ. އޭނާ ހިނިތުންވެލާފައި، އިރަމްގެ ނޭފަތުގައި ހިފައިލިއެވެ. ގަދަކަމުން ކަހަލަ ގޮތަކަށް އައިޒަކްގެ އަތް ނައްޓުވައިލިއިރު އިރަމްއަށް ކޮޅަށް ހުރެވެނީއެއްވެސް ނޫނެވެ.

"ޒެކް، ސަމާސާކުރަނީދޯ؟..." ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލި ނަމަވެސް، ވިޝްކާގެ މޫނުން ފެނިގެންދިޔައީ ކަންބޮޑުވުމުގެ އަސަރެވެ.

"ވިޝްކާ، މީ އިރަމް، މައި ވައިފް... އިރަމް، އެއީ ވިޝްކާ..." ފަހަރަކު މީހަކު ދައްކައިލަމުން، އައިޒަކް ބުންޏެވެ.

"ދޫކޮށްލާ، އެހެންނޫނީ ދަތްއަޅާނަން..." ރުޅި އައިސް ފަޅައިގެންދާން ކައިރިވެފައި ހުރި އިރުވެސް އިރަމް ވާހަކަ ދެއްކީ، ހަމައެކަނި އައިޒަކަށް އިވޭ ވަރަށެވެ. ވިޝްކާގެ ކުރިމަތީގައި އައިޒަކްގެ އަބުރަށް ހުތުރުވެދާނެފަދަ ކަމެއް ކުރަން އޭނާ ބޭނުން ނުވީއެވެ.

"މިނިކާ ކުއްޖާ..." ކުރިއަށްވުރެ ބޮޑަށް އިރަމް ކައިރިކޮށްލަމުން އައިޒަކް ބުންޏެވެ. "އަހަންނަށް ރަނގަޅީ ކާލިއްޔާ... އޭރުން ބަލަން ތިބޭ މީހުން ބުނާނެ ހާދަ ލޯބިންއުޅޭ ދެމީހުންނޭ..."

އިރަމްގެ ކެތްތެރިކަން ކޮޅުންލިއެވެ. ރުޅި އައިސް އައިޒަކްގެ ފަޔަށް، ފައިން އެރިއެވެ. އެވަރުންވެސް އައިޒަކް އިރަމްގެ ގައިން ދުލެއް ނުކުރިއެވެ. އިރަމް އޭނާގެ އަތުގެ އުޅަނބޮށި، އައިޒަކްގެ ބަނޑުގައި ވިއްދައިލިއެވެ. ތަދުވީ ވަރުން އައިޒަކްއަށް އިރަމްގެ ގައިން ދޫކޮށްލެވުނު ގޮތްވެސް ނޭނގުނެވެ. ފުރުސަތުގެ ބޭނުން ހިފައި އިރަމް ގޮސް ތަޅުގައި ހިފިއެވެ. އިރަމްއަށް ދޮރު ހުޅުވައިދިނީ ވިޝްކާއެވެ.

"ބާރުވެސް ގަދަ ކުއްޖެކޭ.." އިރަމް ނުކުތް ދޮރާއި ދިމާއަށް ބަލަން ހުރި އައިޒަކް އޭނާގެ އަމިއްލަ ނަފުސާއި ވާހަކަ ދެއްކިއެވެ. އެ ތުންފަތުގައިވި ލުއި ހިނިތުންވުން ފެނި، ވިޝްކާގެ ހިތް ގޯސްވިއެވެ.

"ކާކު އެއީ؟..." ވިޝްކާ އަހައިލިއެވެ.

"ބުނެފީމެއްނު ވައިފޭ..." އައިޒަކް ފަރުވާކުޑަ ރާގަކަށް ޖަވާބު ދިނެވެ.

"ވައިފް، އޯ ވައިފައި؟..." ވިޝްކާ މަލާމާތުގެ ރާގަކަށް ހީލިއެވެ. "ބިޓެއް ނުނަގާ މީހެއްގެ ވައިފެއް ހުންނާނެގޮތެއް ނުވިސްނޭ..."

"ކުޑަކުދިންނަކަށް ނުވިސްނޭނެ..." އައިޒަކް އޭނާގެ ފޯނު ނަގައިގެން ކޮންމެވެސް އެއްޗެއް ބަލަން ފެށިއެވެ.

"ބުނެފީމެއްނު ކުޑަކުއްޖެއް ނޫނޭ މީ މިހާރު..." ވިޝްކާ ހިތްހަމަނުޖެހުނެވެ.

"އަހަންނަށް އަދިވެސް ވިޝްކާ ފެންނަނީ ކުޑަކުއްޖެއްހެން...." އައިޒަކް ބުންޏެވެ.

ވިޝްކާ ރުޅި އައިސްގެން އަތުގައި އޮތް މާބޮނޑި އައިޒަކާއި ދިމާއަށް އެއްލާފައި ގެއިން ނުކުންނަން ދިޔައެވެ.

********

އިރަމްގެ ފޯނު ރިންގްވާން ފެށިއެވެ. އިސްކްރީނަށް އަރާފައިވާ ނަން ފެނުމާއިއެކު، އޭނާގެ މޫނު މިލައިގެން ދިޔައެވެ. ފޯނު ނުނަގަން އުޅެފައިވެސް، އިރަމްގެ ޚިޔާލު ބަދަލުވިއެވެ. ދުއްވާ އެއްޗެހިން ފުރި ބާރުވެފައިވާ މަގުގެ ދެކޮޅަށް ބަލައިލުމަށްފަހު، އޭނާ ފޯނު ނަގައި ކަންފަތުގައި ޖައްސައިލިއެވެ.

"ނަންބަރު ބަދަލުކޮށްގެން ތިއުޅެނީ އަހަރެން ގުޅާފާނެނީތަ؟..." ރަހުމާގެ ބާރު އަޑު ޖެހުމާއިއެކު އިރަމްއަށް ޖެހުނީ ފޯނު ދުރުކޮށްލާށެވެ. "އިރަމް ހީކުރީ އިރަމް ނުދިނިއްޔާ، އަހަންނަށް އިރަމްގެ ނަންބަރު ދޭނެ މީހަކު ނުވާނެ ކަމަށްތަ؟... އޭނ؟... އެހާވެސް ދަށު ދަރަޖައެއްގަ ހުރި މީހެއްތަ އަހަންނަކީ؟..."

"މަންމާ..." އިރަމްއަށް ބުނެވުނެވެ.

"މަންމާއެކޭ ކިޔާނެކަމެއް ނެތް..." ރަހުމާ ހަޅޭއްލަވައިގަތެވެ.

"މަންމަ ވީގޮތެއް ބުނީމަދޯ އިނގޭނީ..." އިރަމް ފުން ނޭވާއެއް ދޫކޮށްލިއެވެ.

"ކަލޭމެންގެ ބައްޕަ މަށަށް ދަރިންތަކެއްދީފަ ގޮސް، މަޖާނެގުމުގަ އެ އުޅެނީ... މަ ވަރިކޮށްފަ، އެހެން މީހަކާ އިނދެގެން ހޮނީމުލޭ ކިޔާތާކަށް ގޮސްގެން އުޅޭއިރު، ހީވަނީ މީ އަށާރަ އަހަރުގެ ޅަކުއްޖެއް ހެންނޭ..." ރަހުމާގެ އަޑު ހިނދެއް ހިނދަކަށް ގަދަވަމުން ދިޔައެވެ.

"ހަނީމޫން..." ނުތަނަވަސްކަމުގެ ތެރެއިންވެސް އިރަމްއަށް ބުނެވުނީ އެހެންނެވެ.

"ކޮންމެ މޫނަކަސް ވަރިހަމައޭ... މަށަށް މަގޭ މޫނު މާ މުހިންމު... މިއުޅެނީ އަތާ އަނގަޔާ ދިމާނުވެގެން... ޚަރަދެއް ކުރަންޖެހޭ ބަޔަކު ތިބިކަން ވިސްނާ މީހަކު ނޫޅޭ... ގެއިން ކަރަންޓް ކަނޑާލައިގެން ނުވެސް ކެއްކިފަ އަހަރެން މިހުންނަނީ... ކަލޭމެން ކައިރީ މިވާހަކަ ދައްކައިގެން ވާނެ މޮޅެއް އެބައޮތްތަ؟... ތިވެސް އޭގެ މީހެއް... އަހަރެމެންނަށް ހަރަދެއް ކުރަން ޖެހިދާނެތީ ފިލައިގެންނު ތިއުޅެނީ..." ރަހުމާގެ ރުޅިގަނޑު ވަނީ ފަޅައިގެން ގޮސްފައެވެ. ހިތަށް އައިހާ އެއްޗެއް އޭނާ އިރަމް އާއި ދިމާއަށް ކިޔަމުން ދިޔައެވެ.

އިރަމްގެ ހަގަށް ދެ ކުދިން ތިބޭއިރު، އެންމެ ކުޑައަށް ހުންނަނީ، ދިހަ އަހަރުގެ އާލިންއެވެ. އާލިން އާއި ޖެހިގެން ހުންނަނީ ނަވާރަ އަހަރުގެ އައިނީއެވެ. އެ ދެކުދިން ދެކެވެސް އިރަމް ލޯބިވެއެވެ. ހާލުބަލާ ހަދައެވެ. ދަތިވާކަމެއް އޮތްނަމަ، އެކަމެއް ކޮށްދެއެވެ. އެހެނަސް، އޭނާގެ މަންމަގެ ހުންނަ ގޮތެއްގެ ސަބަބުން، އިރަމް އެގެއަށް ގޮސްހަދަނީ މަޖުބޫރުވެގެން ކޮންމެހެން ނުގޮސް ނުވާނެ ހާލަތްތަކުގައި އެކަންޏެވެ.

"މަންމައަށް އެނގޭނެ އަހަރެން އެކަނި އުޅެނީ ކީއްވެކަން... ނަންބަރު ބަދަލުކުރީކީ ނޫންކަންވެސް... އަހަރެންގެ ފޯނު ވަގަށް ނެގި ވާހަކަ މަންމަ ކައިރީ ކިތައް ފަހަރު ބުނާނީ... މަންމައަށް ގުޅިޔަސް، މަންމަ އަހަރެންގެ ނަންބަރު ސޭވްއެއް ނުކުރަމެއްނު..." އިރަމް ދެރަވެލާފައި ބުންޏެވެ.

"އަދި މާ އަނގަގަދަވެގެން އުޅޭ ދުވަހެކޭ ދޯ..." ރަހުމާ ކުދިކިޔައިގަތެވެ. "ގުޅައިފިއްޔާ ކޮންމެސް ޝަކުވާއެއް... އަދި އަބަދު އަހަރެމެންނަށްޓަކާ ލޯނެއް ނަގައިދީގެން އެއިން ސަލާމަތްނުވެގެން އުޅޭ ވާހަކަ ދައްކާނެ... ބަލަ ކަލޭމެން ކުރަންޖެހޭ ކަމެއް ނޫންތަ އެއީ... އަހަރެންގެ ބަނޑުންނޭ ކަލޭމެން އުފަންވީ... ބަދަލު ދެވޭނެގޮތެއް ދުވަހަކު އޮންނާނެތަ؟..."

އިރަމްގެ ދެލޯ ފުރިގެން ބަންޑުންވަމުންދިޔަ ކަރުނަތައް އަތުގެ ނުފުށުން ފޮހެމުން ދިޔައެވެ. އޭނާއަށް އަޑު އިވިފައި އޮންނަނީ، މައިންގެ ލޯތްބާއި ކުލުނުގެ ވާހަކައެވެ. ދޮންމަންމައިންގެ ނުބައިކަމުގެ ވާހަކައެވެ. އެހެނަސް، އަމިއްލަ މައިމީހާގެ ފަރާތުން މައެއްގެ ކުޑަވެސް ލޯތްބެއް އިރަމްއަކަށް ނުލިބެއެވެ. މައެއްގެ ލޯތްބާއި ކުލުނަކީ ހަމައެކަނި އޭނާއަށް އިވިފައިވާ ލަފުޒުތަކެކެވެ. ހަމައެކަނި ވާހަކަތަކުން އެނގިފައިވާ ކަންކަމެވެ. އެ އިހުސާސް މުޅި ހަޔާތުގައިވެސް އޭނާއަށް ކުރެވިފައެއް ނެތެވެ.

"ހަލޯ، ހަލޯ. ޔަގީނޭ ފޯނުކަނޑާލީކަން..." ރަހުމާ ހަޅޭއްލަވަމުން ދިޔައެވެ.

މަގުމައްޗަށް ނުކުމެވުނު ނަމަވެސް، ދުއްވާ އެއްޗަކަށްވެސް ބެލުމެއްނެތި، އިރަމް މަގު ހުރަސްކުރަން ދިޔައެވެ. މަންމަގެ ވިހަގަދަ ބަސްތަކުން އިރަމްގެ ހިތް ވަނީ ކުދިކުދިވެފައެވެ. އަމިއްލަ އާއިލާއަށްޓަކައި އޭނާ ވަމުންދާ ޤުރުބާނީގެ ކުޑަވެސް އަގެއް ނެތްކަން އިރަމްއަށް އިހުސާސް ކުރެވުނެވެ. ދަރަނިތައް އިރަމްގެ ބޮލުގައި އެޅިފައިވީ ބޯ ފަޅައިގެންދާ ވަރަށެވެ. މުޅީންވެސް އާއިލީ ކަންކަމަށް ނެގިފައިވާ ލޯނުތަކެވެ.

ބާރު ދުވެލީގައި އައި ސައިކަލަކުން އިރަމްގެ ގައިގައި ނުޖެހި ސަލާމަތްވީ ކިރިޔާއެވެ. ސައިކަލުގައި އިން މީހާގެ އިތުރުން އެ ސަރަހައްދުން ދަތުރު ކުރަމުންދިޔަ އުޅަނދުތަކުގައި ތިބި މީހުން އިރަމްގެ ފަރުވާކުޑަކަމަށް އެއްޗެހި ކިޔަން ފެށިއެވެ.

"މަރުވާންތަ ތިއުޅެނީ އޭނ؟..." ކާރެއްގެ ޑްރައިވަރަކު ވަރަށް ހިތްހަމަނުޖެހިފައި ބުންޏެވެ.

ވަށައިގެންވި މާހައުލަށް ނަޒަރު ހިންގައިލިއިރު، އިރަމްގެ ދެލޯ ވަނީ ފެންކަޅިވެފައެވެ. ދެތިން ކާރެއް ހުއްޓާފައި އޮތެވެ. ޑްރައިވަރުންގެ ކަޅި އަމާޒުވެފައިވަނީ އިރަމްއަށެވެ. އިރަމް އަތުން ހަނާއަޅައިލަމުން މަޢާފަށް އެދުނެވެ. އެއަށްފަހު، ކުޑަކޮށް ދުވެލާފައި ކަހަލަ ގޮތަކަށް ގޮސް، މަގު ހުރަސްކުރިއެވެ.

"ކިހާ ވަރެއް މަންމަ ބޭނުންވެގެން ތިއުޅެނީ؟..." މަޑުމައިތިރި ރާގަކަށް، އިރަމް ސުވާލު ކުރިއެވެ.

"ދިހަ ހާސް ލިބިގެން ވާނީ..." ރަހުމާގެ ރުޅި ކޮންމެވެސް ވަރަކަށް ފިނިވިކަން އަޑުން އެނގުނެވެ.

"ރުފިޔާ ހިފައިގެން މިރޭ ދާނަން..." އެހާ ބޮޑު އަދަދެއްގެ ވާހަކަ ބުނުމުންވެސް ޝަކުވާކުރުމެއްނެތި، އިރަމް ފޯނު ކަނޑައިލިއެވެ.

އެކައުންޓް ބަލައިލުމާއިއެކު، އިރަމްއަށް ލިބުނީ މާޔޫސްކަމެވެ. މަންމަ އެދުނު ވަރާއި ގާތްކުރާ ވަރަށްވެސް އެކައުންޓްގައި ފައިސާއެއް ނެތެވެ. ގެއަށް ގޮސް، އެތައް އިރަކު ވިސްނުމަށްފަހު، އިރަމް ގުޅީ ޝާލިންއަށެވެ. ޝާލިންވެސް ލޯނެއް ނަގައިގެން އުޅޭތީ، އެ އަދަދަށް ފައިސާދެވެން ނެތްކަމަށް ބުންޏެވެ.

"ރިޝްވާން ކައިރީ ބުނަންވީނު..." ޝާލިން ލަފާ ދިނެވެ. "ދޮންމަންމަގެ ދަރިއަކަސް، ތި ދެމީހުންގެ ގުޅުން ރަނގަޅެއްނު..."

ރިޝްވާނަކީ، އިރަމްގެ ބައްޕަގެ ދޮންދަރިއެކެވެ. އިރަމްގެ ބައްޕަ އާއި ރިޝްވާންގެ މަންމަ ކައިވެނި ކުރުމުގެ ކުރިންވެސް އިރަމް އާއި ރިޝްވާނަކީ ގާތް އެކުވެރިންނެވެ. އިރަމްއަށްވުރެ ރިޝްވާން ދޮށީ، ދެ އަހަރެވެ.

"ޝާލިން މަޑުކުރައްޗޭ ކޮންމެސް މީހަކު އެބަ ޓަކިޖަހާ..." އިރަމް ބުންޏެވެ.

ދޮރު ހުޅުވައިލުމާއިއެކު އިރަމް ދިޔައީ ސިއްސައިގެންނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު