ސާޖެންޓް އެޓް އާމްސްގެ މައްސަލަ ބަލައި އަދިވެސް ނުނިމޭ: މަޖިލިސް

ސާޖެންޓު އެޓް އާމްސް މުހައްމަދު ހަލީމު މުސާރަ ލިބޭގޮތަށް ސަސްޕެންޑުގައި ހުންނަވާތާ 10 މަސް ވަނީ ވެފައި

ރައްޔިތުންގެ މަޖިލީހުގެ ސާޖެންޓު އެޓް އާމްސް މުހައްމަދު ހަލީމް މުސާރަ ލިބޭގޮތަށް ސަސްޕެންޑު ކޮށްފައި ހުންނަތާ ދިހަ މަސްވިޔަސް، އޭނާގެ މައްސަލަ ބަލައި އަދިވެސް ނުނިމޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

ވަކި މުއްދަތެއް ނެތްގޮތަށް ހަލީމް ސަސްޕެންޑު ކުރީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. މަޖިލީހުގެ އާންމު ކޮމެޓީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހަލީމް ސަސްޕެންޑު ކުރީ އެނާއަށް ލިބެންވާ މުސާރަ ލިބޭގޮތަށެވެ.

މަޖިލީހުގެ ކޮމިޔުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު "ސަން"އަށް ވިދާޅުވީ ހަލީމްގެ މައްސަލަ ބަލައި އަދިވެސް ނުނިމޭ ކަމަށާއި މައްސަލަ ބަލައި ނިމޭނެ ދުވަހެއް ވެސް ނޭނގޭ ކަމަށެވެ.

އާންމު ކޮމެޓީން ހަލީމްގެ މައްސަލައަށް ގޮތެއް ނިންމުމަށްފަހު މިދިޔަ މެއި މަހު ވަނީ މައްސަލަ ނިންމި ގޮތުގެ ރިޕޯޓު މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދަށް އަރުވާފައެވެ.

މައްސަލައިގެ ބާވަތުން ސިއްރު ބައްދަލުވުންތަކެއް ބާއްވައިގެން ކޮމެޓީން ހަލީމްގެ މައްސަލަ ބަލަމުންދާއިރު މަޖިލީހުގެ އިދާރީ މުވައްޒަފުން ތިބޭ ވައިބާ ގުރޫޕުންވެސް އެނާ ވަނީ ބޭރުކޮށްފައެވެ.

މަޖިލީހުގެ ސެކުއުރިޓީ ބެލެހެޓުމުގެ ޒިންމާ މަތިކޮށްފައިވަނީ ސާޖެންޓު އެޓް އާމްސްގެ މައްޗަށެެވެ. މީގެ ކުރިން މަޖިލީހުގެ ކޮޓަރި ކޮޅެއްގައި ދެކެވޭ ވާހަކަ އެޑުއެހުމަށް "ބަގު" ކުރުމަށް އާލާތްތަކެއް ހަރުކުރަން އުޅުނު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މަޖިލީހުގައި ސާޖެންޓް އެޓް އާމްސްގެ މަގާމު އުފެއްދީ 2013 ވަނަ އަހަރު އެވެ. ހަލީމް ސާޖެންޓު އެޓް އާމްސްގެ މަގާމަށް އައްޔަން ކުރެވިފައިވަނީ 2013 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 23 ވަނަ ދުވަހުގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް