ސިޓީ ކައުންސިލްގެ އޮފީހުން ވަގަށް ނެގި ތަކެތި ފޮރުވާފައި ހުއްޓާ ހޯދައިފި

މާލޭ ސިޓީ ކައުންސިލުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އޮފީހުން ވަގަށްނަގާފައިވާ ކަމަށް ބެލެވޭ ތަކެތި-- ފޮޓޯ/ ޕޮލިސް

މާލޭ ސިޓީ ކައުންސިލުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އޮފީހުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ތަކެތި ހޯދިއްޖެ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މާލެ ސިޓީ ކައުންސިލުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އޮފީހުން ވައްކަން ކޮށްފައި ވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ.

އެކަމާ ގުޅިގެން އޭރު ސިޓީ ކައުންސިލުން ބުނެފައި ވަނީ، ވަގަށް ނެގި ތަކެތީގެ ތަފްސީލު ނޭނގޭ ކަމަށެވެ. އަދި ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

ފުލުހުން މިއަދު ބުނީ، އެތަކެތި ހޯދާފައި ވަނީ ރޭ ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ކަމަށެވެ.

ގަލޮޅު ޕޮލިހުން ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަނުގައި އެ ތަކެތި ހޯދާފައިވަނީ މާލޭގެ ހަނި ގޯޅިގަނޑެއްގައި ފޮރުވާފައި ހުއްޓާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އެގޮތުން، އެ އޮފީހުން ވަގަށް ނަގާފައިވާކަމަށް ބެލެވޭ ޕްރޮޖެކްޓަރަކާއި ދެ ލެޕްޓޮޕާ އަދި ލެޕްޓޮޕްގެ ދެ ޗާޖަރު ވަނީ ހޯދާފައެެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށް ފުލުހުން ބުނެޏެވެ.

ފުލުހުން ބުނީ މި މައްސަލަތަހުގީގު ކުރަމުން ގެންދާކަމަށެވެ.

comment ކޮމެންޓް