ރިޔާސީ ދައުރު 10 އަހަރަށް ދަންމާލަން ޖާބިރު ހުށަހަޅުއްވައިފި

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު-- ފޮޓޯ/ ރައްޔިތުންގެ މަޖިލިސް

ރައީސުލްޖުމްހޫރިއްޔާގެ ދައުރު 10 އަހަރަށް ދަންމާލަން، ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް، ކާށިފޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ރިޔާސީ ދައުރަށް އިސްލާހު ގެނައުމަށް ޖާބިރު ހުށަހެޅި ބިލުގައި ބުނީ 2008 ވަނަ އަހަރު ފާސްކުރެވުނު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ ތަސްދީގު ކުރި ފަހުން ބޭއްވި ރިޔާސީ އިންތިހާބުތަކާއި ވެރިކަން ހިންގަމުން އަންނަ ގޮތަށް ބަލާއިރު، ރާއްޖޭގައި ވެރިކަން ހިންގުމުގައި އެތަކެއް ސިޔާސީ އަދި އިގްތިސޯދީ ހުރަސްތަކެއް ހުރި ކަމަށެވެ.

ހަމައެހެންމެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ދެ އަހަރަށް ވުރެ ކޮވިޑް-19ގެ ސަބަބުން މަޝްރޫއުތައް ނުފެށި ލަސްވެފައިވާ ކަން ވެސް ޖާބިރުގެ ބިލުގައި ފާހަގަކޮށްފައިވެއެވެ.

ބިލުގައި އިތުރަށް ބުނީ ކަން މިހެން އޮތުމާއެކު ރައީސުލްޖުމްހޫރިއްޔާކަމުގެ ދައުރުގެ ގޮތުގައި މިވަގުތު އޮތް ފަސް އަހަރު ދުވަހުގެ މުއްދަތަކީ އެކަށީގެންވާ މުއްދަތެއް ނޫންކަން ގާނޫނު އަސާސީގެ ދަށުން އިންތިހާބުވި ހުރިހާ ރައީސުންގެ ބަސްމަގުން އެނގޭ ކަމަށެވެ.

އެހެންކަމުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް އެންމެ އެކަށޭނަ ގޮތުގައި ފޯރުކޮށްދިނުމަށް ޓަކައި، ދައުރު 10 އަހަރަށް އިތުރު ކުރުމަކީ ގައުމަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް ވެސް ބުނެފައިވެއެވެ.

comment ކޮމެންޓް