100 ކިލޯ ޑްރަގް މައްސަލަގައި ދައުވާ ކުރުމާ މެދު ވަރަށް އަވަހަށް ގޮތެެއް ނިންމާނަން: ޕީޖީ

މިދިޔަ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު 100 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި މައްސަލާގައި ތުހުމަތު ކުރެވޭ މީހުންނަށް ދައުވާ ކުރުމާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްސް އޮފީހުން ބުނެފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު "ސަން"އަށް މިއަދު ވިދާޅުވީ އެ މައްސަލަ ޕީޖީ އޮފީހުން ވަނީ ބަލައިގަނެފައި ކަމަށެވެ.

"މި ހަފްތާ ނޫނީ މި ފެށޭ ހަފްތާގެ އާދިއްތަ ދުވަހު އެ މީހުންނަށް ދައުވާ ކުރުމާ މެދު ގޮތެއް ނިންމާނަން،" އޭނާ ވިދާޅުވިއެވެ.

އެ މައްސަލާގައި ދައުވާ ނުކުރަން އުޅޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.

އެ މައްސަލައިގައި ޖުމްލަ 10 މީހުން ހައްޔަރުކުރިއެވެ. އޭގެތެރެއިން އަށް މީހެއްގެ ވަނަވަރު ފުލުހުން އާންމުކުރިއެވެ. މިހާރު އެމީހުންގެ ތެރެއިން ބަންދުގައި ތިބީ ބަންގްލަދޭޝަށް ނިސްބަތްވާ ދެ މީހުން އެކަންޏެވެ.

ބަންދާމެދު ގޮތެއް ނިންމަން ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން އެ މީހުން ދޫކޮށްލީ އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެއެވެ.

ފުލުހުން ވަނަވަރު އާންމުކުރި އަށް މީހުން:

  • ޖުމާން މުސްތަފާ (19އ), ނ. ވެލިދޫ ބީޗްހެވަން
  • އިބްރާހީމް ޒައިދު ޙަބީބު (25އ), ގއ. ކޮލަމާފުށި، ސޯސަންގެ،
  • މުޙައްމަދު އަޙްމަދު (34އ), ލ. ކަލައިދޫ، ޖަނަވަރީމާގެ
  • އިބްރާހީމް ސިނާނު (24އ), ހދ. ކުމުންދޫ، ޑިއާފުރެންޑް
  • މުޙައްމަދު ޙުސައިން (61އ), ދ. ބަނޑިދޫ، ޕޮލަރިސް
  • އެމްޑީ ރަފީޤުލް އިސްލާމް (35އ), ބަނގްލަދޭޝް
  • ޑީއެމް މޮބިން (24އ), ބަނގްލަދޭޝް
  • މިދުހަތު އިބްރާހީމް (26އ), ގއ. ދެއްވަދޫ، ދޭލިޔާގެ

އެ މައްސަލާގައި ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނުގައި ބައެއް ފަޅު ރަށްރަށާއި ހުޅުމާލެއާއި މާލެ އާއި މާލޭގެ ބައެއް ގޭގެ އިތުރުން ސަފާރީއަކާއި ލޯންޗެއް ބަލައި ފާސްކޮށްފައިވެއެވެ.

comment ކޮމެންޓް