ތިން ގައުމެއްގެ ސަފީރުން، ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އަރުވައިފި

ކޮލަންބިއާއިން ރާއްޖެ ކަނޑައެޅުއްވި ސަފީރުގެ ފަތްކޮޅު ރައީސަށް އެރުވުން -- ފޮޓޯ/ ރައީސް އޮފީސް

ތިން ގައުމަކުން ރާއްޖެއަަށް އަލަށް ކަނޑައެޅި ސަފީރުން، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވައިފިއެވެ.

ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އަރުވައިފައިވަނީ ކޮލަމްބިއާއިން ރާއްޖެއަށް އަލަށް ކަނޑައެޅި ސަފީރު، މަރިއާނާ ޕަޗޭކޯ މޮންތޭސްއާއި ތައިލޭންޑުގެ ސަފީރު ޕޮޖް ހާންޕޮލްއާއި މޯލްޓާގެ ސަފީރު ރޫބަން ގައުޗީ އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްފަހު ރައީސް ވަނީ ތިން ބޭފުޅުންނަށް ވެސް މަރުހަބާ ދަންނަވާފައެވެ.

އެގޮތުން ކޮލަމްބިއާގެ ސަފީރާ ބައްދަލުކުރައްވައި ރައީސް ވަނީ ރާއްޖޭގެ ތަރައްގީއަށް ޓަކައި ކުރާ މަސައްކަތްތަކަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖެއިން ބޭރުގެ އިންވެސްޓަރުންނަށް އެކި ދާއިރާތަކުން އިންވެސްޓްކުރުމަށް ރާއްޖެއިން މަރުހަބާ ކިޔާނެކަމަށް ރައީސް ވިދާޅުވިއެވެ.

ތައިލޭންޑުން ރާއްޖެ ކަނޑައެޅުއްވި ސަފީރުގެ ފަތްކޮޅު ރައީސަށް އެރުވުން -- ފޮޓޯ/ ރައީސް އޮފީސް

މީގެ އިތުރުން، ކޮވިޑް-19 އަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާ ބެހޭގޮތުންނާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާ ގުޅޭގޮތުން ރައީސް ވާހަކަފުޅު ދެއްކެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ކޮލަމްބިއާގެ ސަފީރު ވަނީ ތިމާވެށި ހިމާޔަތް ކުރުމުގެ ރޮނގުން ދެގައުމުގެ ރައްޔިތުންގެ ވަރަށް ބޮޑު ޝައުގުވެރިކަމެއް އޮތްކަން ފާހަގަކުރައްވައިފައެވެ. އަދި ތިމާވެށި ހިމާޔަތް ކުރުމަކީ ހަމައެކަނި ފަތުރުވެރިކަމުގެ ދާއިރާއަށް އޮތް ކަމެއް ނޫން ކަމަށާއި، ގައުމެއްގެ ގޮތުގައި ކޮލަމްބިއާ ދެމިއޮތުމަށްޓަކައި ތިމާވެށި ހިމާޔަތްކުރުން އެގައުމަށް މުހިންމުކަމަށް އެކަމަނާ ވިދާޅުވިއެވެ.

ރައީސް، ތައިލޭންޑުގެ ސަފީރާއެކު ބޭއްވެވި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުން ގުޅިގެން ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން އިންވެސްޓް ކުރެވޭނެ ދާއިރާތަކާއި ވިޔަފާރިއާއި ރައްޔިތުންގެ ގުޅުން ބަދަހި ކުރުމާއި އިންސާނީ ހައްގުތައް ރައްކާތެރިކުރުން އަދި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުން ފާހަގަކުރެއްވެވިއެވެ.

މީގެ އިތުރުން މޯލްޓާގެ ސަފީރާވެސް ރައީސް ބައްދަލުކުރެއްވިއެވެ. އަދި ރާއްޖެ އާއި މޯލްޓާއަށް ފައިދާވާ ކަންކަމުގައި އިތުރަށް ގުޅުން ބަދަހިކުރުމާ މެދު ދެ ބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

މޯލްޓާއިން ރާއްޖެ ކަނޑައެޅުއްވި ސަފީރުގެ ފަތްކޮޅު ރައީސަށް އެރުވުން -- ފޮޓޯ/ ރައީސް އޮފީސް

އެގޮތުން، އިންސާނީ ވަސީލަތް ތަރައްގީ ކުރުމާއި މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކުރުމާއި ވިޔަފާރިއާއި އިގުތިސާދުގެ ދާއިރާއިންނާއި، ފަތުރުވެރިކަމުގެ ދާއިރާއިންނާއި، ކޮވިޑް ބަލިމަޑުކަން މެނޭޖުކުރުމާ ގުޅޭގޮތުންނާއި، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކާ ގުޅޭގޮތުން ދެބޭފުޅުން ވާހަކަދެއްކެވިއެވެ.

ރާއްޖެއާއި މޯލްޓާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1985 ވަނަ އަހަރުގެ މާޗު މަހުގެ ފަހެއްގައެވެ.

comment ކޮމެންޓް