ހަތަރުވަނަ ކުއާޓަރުގައި ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ އެހީ ފަސް ރަށަކަށް

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީ ލިބުނު ޕްރޮޖެކްޓެއް -- ފޮޓޯ/ ބީއެމްއެލް

މިއަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން އެ ބޭންކުން އެހީވާނެ ޕްރޮޖެކްޓުތައް ހޮވައިފިއެވެ.

އެ ބޭންކުން ނިންމައިފައި ވަނީ ފަސް ރަށެއްގެ ޕްރޮޖެކްޓުތަކަށް އެހީވުމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ހިލޭސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާފައިވާ ޕްރޮޖެކްޓުތަކެވެ.

ކޮމިއުނިޓީ ފަންޑުން އެހީވާނެ ޕްރޮޖެކްޓުތައް:

  • ނ. ހެނބަދޫގައި ބާބެކިއު ބާއްވާ ސަރަހައްދެއް ގާއިމުކުރުން
  • ކ. މާފުށީގައި އައުޓްޑޯ ލައިބްރަރީއެއް ގާއިމުކުރުން
  • ފ. ފީއަލީގައި އައުޓްޑޯ ލައިބްރަރީއެއް ގާއިމުކުރުން
  • ތ. ބުރުނީގެ ރާގޮނޑި ބީޗް ތަރައްގީކުރުން
  • ގދ. ތިނަދޫގައި އިސް ރަށްވެހިންނަށް ހާއްސަ ޕާކެއް ގާއިމުކުރުން

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ ކޮމިއުނިޓީ ފަންޑުގެ ދަށުން މުޖުތަމައުއަށް ފައިދާކުރާނެ މުހިންމު ޕްރޮޖެކްޓުތަކަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ބީއެމްއެލްގެ އަމާޒެއް ކަމަށެވެ. އަދި މިފަހަރުވެސް ރަނގަޅު ޕްރޮޕޯސަލް ތަކެއް ކޮމިއުނިޓީ ފަންޑަށް ލިބުނުކަން އޭނާ ފާހަކަ ކުރެއްވިއެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީ ލިބުނު ޕްރިޖެކްޓެއް-- ފޮޓޯ/ ބީއެމްއެލް

"މިއިން ދައްކުވައިދެނީ އަމިއްލަ ފަރުދުންނާއި ޖަމިއްޔާތަކުން ރަށުގެ ތަރައްގީ އާއި މުޖުތަމައުގެ ލާބައަށް މަސައްކަތްކުރުމަށް ބޭނުންވާ މިންވަރު. މި ކުއާޓަރުގެ ކޮމިއުނިޓީ ފަންޑު ކާމިޔާބުކުރި ފަރާތްތަކަށް ވަރަށް ހޫނު މަރުހަބާއެއް ކިޔަން. އަދި މި ޕްރޮޖެކްޓުތައް ކުރިއަށް ގެންދިޔުމަށް އާންމު ފަރުދުންނާއި ޖަމިއްޔާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު ދަންނަވަން،" ސައީދު ވިދާޅުވިއެވެ.

މިފަންޑުގެ ދަށުން މިހާތަނަށް ވަނީ މުޖުތަމައުއަށް ފައިދާކުރާ 60 ޕްރޮޖެކްޓެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

މި ފަންޑުގެ ދަށުން 2019 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބީއެމްއެލްއިން އަންނަނީ އެއް މިލިއަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

comment ކޮމެންޓް