ނިލަންދޫ، ކޮލަމާފުށި އަދި ކުނަހަންދުއަށް އެމްބިއުލާންސް ފޮނުވައިފި

ތިން ރަށަކަށް މިއަދު އެމްބިއުލާންސް ހަވާލު ކުރުމުގެ ތެރެއިން -- ފޮޓޯ/ އެސްޓީއޯ

އަތޮޅު ތެރޭގައި ބޭނުން ކުރުމަށް އެސްޓީއޯ މެދުވެރިކޮށް ގެނެސްފައިވާ 20 އެމްބިއުލާންސް ގެ ދެވަނަ ޝިޕްމަންޓްގައި ހިމެނޭ އެމްބިއުލާންސް ގއ. ކޮލަމާފުއްޓާއި އެ އަތޮޅު ނިލަންދޫގެ އިތުރުން ލ. ކުނަހަންދުއަށް އިއްޔެ ފޮނުވައިފިއެވެ.

އަތޮޅުތެރޭގައި ބޭނުން ކުރުމަށް 20 އެމްބިއުލާންސްގެ ދެވަނަ ޝިޕްމަންޓް ރާއްޖެ ގެނެސްފައި ވަނީ މިދިޔަ މަހުގެ ފަހުކޮޅުގައެވެ.

ތިން ރަށަކަށް މިއަދު އެމްބިއުލާންސް ހަވާލު ކުރުމުގެ ތެރެއިން -- ފޮޓޯ/ އެސްޓީއޯ

މި ޝިޕްމަންޓްގެ ތެރެއިން ހަ ރަށަކަށް މިދިޔަ ހުކުރު ދުވަހު ވަނީ އެމްބިއުލާންސް ހަވާލު ކޮށްފައެވެ.

އެ ހަ ރަށުގެ ތެރޭގައި ތ. އަތޮޅުން ހިމެނެނީ ދިޔަމިގިއްޔާއި ބުރުނި އަދި ވަންދޫއެވެ.

މީގެ އިތުރުން އެދުވަހު އެމްބިއުލާންސް ހަވާލު ކޮށްފައި ވަނީ ނ އަތޮޅުގެ ކުޑަފަރީއާއި ފޮއްދޫގެ އިތުރުން މ. ކޮޅުފުއްޓަށެވެ.

ތިން ރަށަކަށް މިއަދު އެމްބިއުލާންސް ހަވާލު ކުރުމުގެ ތެރެއިން -- ފޮޓޯ/ އެސްޓީއޯ

އެހެންކަމުން 20 އެމްބިއުލާންސްގެ ދެވަނަ ޝިޕްމަންޓްގައި ރަށްރަށަށް ގެންދަން ބާކީ މިހާރު ހުންނާނީ 11 އެމްބިއުލާންސެވެ.

މި ޝިޕްމަންޓްގައި ދެން އެމްބިއުލާންސްތައް ގެންދަން ހަމަޖެހިފައިވާ ރަށްރަށަކީ:

  • ހދ. ކުމުންދޫ
  • ށ. ބިލެތްފަހި
  • ށ. ނަރުދޫ
  • ބ. ކެންދޫ
  • އއ. މަތިވެރި
  • އދ. މަންދޫ
  • އދ. ފެންފުށި
  • ފ. ފީއަލި
  • ގދ. ރަތަފަންދޫ
  • އއ. ބޮޑުފޮޅުދޫ
  • މ. ދިއްގަރު

ވިހި އެމްބިއުލާންސްގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެ ގެނެސްފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

މިއަހަރުގެ މޭ މަހުގެ ކުރީކޮޅު ސަރުކާރުން ވަނީ އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށް އެސްޓީއޯއާއެކު އެއްބަސްވުމެއް ހަދާފައެވެ.

އެއީ ސަރުކާރުގެ ހަރަދުގައި ގަންނަ އެމްބިއުލާންސްތަކެކެވެ. އަދި މި އަހަރުގެ ނިމުމުގެ ކުރިން 60 އެމްބިއުލާންސް ރާއްޖެ ގެންނާނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.

އޭގެ ތެރެއިން މިހާރު ނުގެނެވި ވަނީ 20 އެމްބިއުލާންސެވެ. އެ ޝިޕްމަންޓް މި މަހުގެ މެދުތެރޭގައި ނުވަތަ މަހުގެ ފަހުކޮޅު ލިބޭތޯ މަސައްކަތް ކުރާ ކަމަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. މިކަމުގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ އެމްބިއުލާންސް މައްސަލައަށް ހައްލެއް ލިބިގެންދާނެކަން އޭނާ ފާހަގަ ކުރެއްވިއެވެ.

comment ކޮމެންޓް