ނިއުކާސަލް ބަލިކޮށް ލެއިސްޓާ އިން ބޮޑު މޮޅަކާއެކު ތާވަލުގެ އަށްވަނަ އަށް

ނިއުކާސަލް ޔުނައިޓެޑާއި ލީޗެސްޓާ ސިޓީ ކުޅުނު މެޗުގައި ޔޯރީ ޓިއެލެމެންސް ގޯލު ޖެހުމަށްފަހު އުފާ ފާޅުކުރަނީ--

އިނގިރޭސި ޕްރިމިއާލީ ލީގުގައި ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް ލެއިސްޓާ ސިޓީ އިން ލީގުގެ ތާވަލުގެ އަށްވަނަ އަށް ޖެހިލައިފިއެވެ.

ކިންގް ޕަވާ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ނިއުކާސަލް މައްޗަށް ލެއިސްޓާއިން ކުރިހޯދީ 0-4 ގެ ނަތީޖާއަކުންނެވެ. މިމޮޅާއެކު ލެއިސްޓާ ސިޓީ ވަނީ 22 ޕޮއިންޓާއެކު ތާވަލުގެ އަށްވަނަ އަށް ޖެހިލައިފައެވެ. ނިއުކާސަލް އޮތީ ލީގުގެ އެންމެ ފުލުން ދެވަނައިގައެވެ.

މެޗުގެ ކުޅުމަށް ބަލާއިރު މެޗު ފަށައިގެން ފުރަތަމަ 20 މިނެޓުތެރޭގައި ނިއުކާސަލުން ވަނީ ލެއިސްޓާ ކޮޅަށް ނުރައްކާ ހަމަލާތަކެއް ފޮނުވާފައެވެ. އެހެން ނަމަވެސް އެމެޗުގެ ފުރަތަމަ ލީޑު ނެގީ އެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޔޯރީ ޓިއެލެމަންސް ފޮނުވާލި ޕެނަލްޓީން ލެއިސްޓާ އިންނެވެ. އެޓީމަށް ޕެނަލްޓީ ދިނީ ޖޭމްސް މެޑިސަން އަށް ކުރި ފައުލާ ގުޅިގެންނެވެ. މިރޭގެ މެޗަކީ ޔޯރީ ޕްރިމިއާ ލީގުގައި ކުޅޭ 100 ވަނަ މެޗުކަމަށްވާއިރު އޭނާ ވަނީ މިރޭގެ މެޗުގައި ގޯލު ޖެހުމަށް ވަރަށް ގިނަ ޗާންސް ހޯދައިދީފައެވެ.

ނިއުކާސަލް ޔުނައިޓެޑާއި ލީޗެސްޓާ ސިޓީ ކުޅުނު މެޗުގެ ތެރެއިން-

ދެވަނަ ހާފުގައި ލެއިސްޓާއަށް ލީޑު ފުޅާކޮށްދިނީ ހާވޭ ބާންސް ދިން މޮޅު ޕާހަކުން ޒަމްބިއާގެ ފުޓުބޯޅަ ތަރި ޕަޓްސަން ޑަކާއެވެ. ލީޗެސްޓާ އިން ދެ ގޯލުގެ ލީޑެއް ނެގުމާއެކު ނިއުކާސަލް އިން ކުޅުން ރަނގަޅުކޮށް ހަމަލާތައް އުފެއްދަން މަސައްކަތް ކުރި ނަމަވެސް ލީޗެސްޓާގެ ޑިފެންޓަރުން ވަނީ އެހަމަލާތައް ބްލޮކު ކޮށްފައެވެ.

މެޗުގެ ނަތީޖާ 0-3 އަށް ބަދަލުކޮށްދިނީ ޖޭމްސް މެޑިސަން ދިން ޕާހަކުން މެޗުގައި އެންމެ ފުރަތަމަ ލީޑު ނަގައިދިން ޔޯރީ ޓިއެލެމަންސްއެވެ. އެ ގޯލު ޖަހާފައިވަނީ ލެއިސްޓާ އިން ވަރަށް ރަނގަޅު ޕާސްތަކެއް ޖަހައިގެންނެވެ. މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ޑަކާ ކުޅުންތެރިއެއް ކައިރިން ނެއްޓުމަށްފަހު ދިން ޕާހަކުން ގޯލުގެ ތިރީ ކަނަށް ވާތު ފައިން ފޮނުވާލީ ޖޭމްސް މެޑިސަންއެވެ.

ލެއިސްޓާއިން ކުޅުން އެހެން މެޗުތަކަށް ވުރެ މި މެޗުގައި ކުޅުން ވަރުގަދަކަން ފާހަގަކުރެވެއެވެ. ހާއްސަކޮށް ޔޯރީ އަދި ޑަކާ މި މެޗުގައި ދެއްކި ޕާފޯމެންސް ވަރަށް ތަފާތެވެ. ލީޗެސްޓާ ސިޓީން ވަނީ މިރޭގެ މެޗުގައި ރީތި ފުޓުބޯޅައެއް ކުޅެ ގިނަ ގޯލުތަކެއް ޖަހާފައެވެ.

މިރޭ ވެސްޓްހަމްއާއި ބާންލޭ ކުޅުނު މެޗު އެއްވަރުވެގެން ނިމުނު އިރު ވެސްޓްހަމް އޮތީ 28 ޕޮއިންޓާއެކު ތާވަލުގެ ހަތަރު ވަނައިގައެވެ. އެއްވަނައިގައި މެންޗެސްޓާ ސިޓީ 38 ޕޮއިންޓާއެކު އޮތް އިރު ލިވަޕޫލު އޮތީ ސިޓީއާ އެއް ޕޮއިންޓުގެ ފަރަގުގައި ތާވަލުގެ ދެވަނައިގައެވެ.

comment ކޮމެންޓް