ބަރަހަނާކޮށް، ބްލެކްމެއިލްކޮށްގެން ފައިސާ ހޯދާ ބޮޑު ނެޓްވޯކެއް

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ/ފުލުހުން

މިދިޔަ ނޮވެންބަރު މަހުގެ 18 ވަނަ ދުވަހުގެ އިރު އެރީ ސިފައިންގެ މީހަކު ރަހީނުކޮށް، އަނިޔާކުރި ކަމުގެ ހަބަރަކާއެކުގައެވެ. ފައިސާގެ ބޭނުމުގައި ހިންގި މި ޖަރީމާ ވެގެން ދިޔައީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިގެން ދިޔަ އަމަލަކަށެވެ.

މަގުމަތީން ވައްކަމާއި ފޭރުމުގެ އެތައް އަމަލެއް ފާއިތުވި ދުވަސްތަކުގައި ހިނގައިފައިވާކަން ފުލުހުން ވަނީ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކޮށްފައެވެ. ތަފާތު އެކި މޮޅު އުކުޅުތައް ބޭނުންކޮށްގެން، ހިންގައިފައިވާ ބައެއް މައްސަލަތަކުގެ ތަފްސީލް ފުލުހުން ވަނީ ރޭ ހާމަކޮށްފައެވެ.

ޓާގެޓު ވަކި ބަޔަކަށް

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތެފްޓް އެންޑް އޮގަނައިޒް ކްރައިމް އިންވެސްޓިގޭޝަންގެ ހެޑް އިނިސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ލަތީފް ވިދާޅުވި ގޮތުގައި ބިރުދައްކައިގެން ފޭރުމާއި، ބްލެކްމެއިލް ކޮށްގެން ފައިސާ ހޯދުމުގެ ފަސް މައްސަލައެއް ފުލުހުން މިހާރު ވެސް އަންނަނީ ތަހުގީގުކުރަމުންނެވެ.

މިފަދަ މައްސަލަތައް ހުށަހެޅޭ މިންވަރު ނިސްބަތުން މިހާރު އިތުރުވެފައިވާ ކަން ފާހަގަކުރައްވާ ލަތީފް ވަނީ މިފަދަ މައްސަލަތައް ހުށަހެޅިފައިވާ ގޮތުން، ވަކި ބަޔަކަށް އަމާޒުކޮށްގެން ފޭރިފައިހުރި ކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެކި ބޭނުންތަކަށް މާލެ އަންނަ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަކީ އެންމެ ބޮޑު ޓާގެޓުގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

"ފުލުހުންނަށް ހުށަހެޅިފައިވާ މިފަދަ މައްސަލަތަކަށް ބަލާއިރު އެކި އެކި ބޭނުންތަކަށް އަތޮޅުތަކުން މާލެއަންނަ ފަރާތްތަކަށާއި، މާލެ އަންނަ މުދާއުފުލާ އޮޑިފަހަރުގައި މަސައްކަތްކުރާ ފަރާތްތަކަށާއި، މަސްދޯނި ފަހަރުގައި އުޅޭ މަސްވެރިންނަށް އެފަދަ ފަރާތްތަކުން ޓާގެޓް ކުރާކަން މިހާތަނަށް ތަހުގީގު ތަކުން ހޯދިހޯދުމުން އަޅުގަނޑުމެންނަށް ފާހަގަކުރެވިފައިވޭ،" ލަތީފް ވިދާޅުވިއެވެ.

ބަރަހަނާ ފޮޓޯ ނެގުމަށް ފަހު ބްލެކްމެއިލް ކުރަނީ

ފުލުހުން ހިއްސާކުރި ގިނަ މައްސަލަތަކަށް ބަލާއިރު، ގެސްޓްހައުސްތަކަށް މީހުން ގެންގޮސް ބަރަހަނާކޮށް އެމީހުން ބްލެކްމެއިލްކޮށް ފައިސާ އަތުލަމުން ދިއުމުގެ ގިނަ މައްސަލަތަކެއް ފާހަގަކުރިއެވެ.

މޭޖާ ކްރައިމްސް އިންވެސްޓިގޭޝަންގެ ހެޑް ޗީފް ސްޕްރިންޑެންޓެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވި ގޮތުގައި މިފަދަ ގިނަ މައްސަލަތައް ފެށެނީ ސްނެޕްޗެޓާއި، ޓެލެގްރާމާއި، ވައިބާ ފަދަ އެޕްލިކޭޝަންތަކުން އެކި މީހުންނާ ވާހަކަ ދައްކައިގެން ގެސްޓު ހައުސްތަކަށް ގެންދިއުމަށް ފަހުގައެވެ.

"އެކި އުމުރުފުރާގެ އަންހެން ކުދިން ވެސް ބޭނުން ކޮށްގެން ޗެޓް ކުރުމަށް ފަހުގައި ބައްދަލުކުރުމަށް ކަމަށް ބުނެ ގެސްޓްހައުސްތަކަށާއި އެހެނިހެން ތަންތަނަށް ވިކްޓިމައިސްވާ ފަރާތްތައް ދިއުމުން އިތުރު ބަޔަކު އައިސް ހުއްދަ ނޫން ގޮތުގައި ހިފަހައްޓައި، އެފަރާތްތަކަށް ބިރުދައްކައި، ވިކްޓިމައިޒްވާ ފަރާތްތައް ބަރަހަނާކޮށް ފޮޓޯ އާއި ވީޑިއޯ ކުރުމަށްފަހުގައި އެފަރާތްތަކުގެ އަތުން ފައިސާ އާއި މޯބައިލް ފޯނާއި އަގުބޮޑުތަކެތި ފޭރިގެންކަން މިހާތަނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތަހްގީގުތަކަށް ފާހަގަ ކުރެވޭ،" ޝިފާއު ވިދާޅުވިއެވެ.

މިފަދަ އެއް މައްސަލައަކީ މިދިޔަ އޮކްޓޯބަރު މަހު މީހަކު ބަރަހަނާކޮށް، އަނިޔާކޮށްގެން ފައިސާ ހޯދި މައްސަލައެވެ. ތަހުގީގަށް އެނގިފައިވާ ގޮތުގައި ފޭރުނު މީހުންނާ އޭނާއާ ދެމެދު ގާތް ގުޅުމެއް އުފެއްދީ ޗެޓްކޮށްްގެން ކަމަށް ލަތީފް ވިދާޅުވިއެވެ.

ފުލުހުން ތަފްސީލް ދެއްވި މައްސަލަތަކުން ހާމަވާ ގޮތުގައި މިފަދަ ގިނަ މައްސަލަތަކުގައި ފޭރޭ ނެޓްވޯކްގެ މީހުން ތިބެނީ ވިކްޓިމް ގެސްޓްހައުސްއަށް ވަންނަންދެން ބޭރުގައެވެ. އެއަށްފަހު ބިރު ދައްކައި، ކޭޝް ކާޑު އަތުލުމަށްފަހު ފައިސާ ފޭރެނީއެވެ.

ވިލިމާލޭގައި ބޮޑު ނެޓްވޯކެއް، ކުޑަކުދީން ވެސް ހިމެނޭ

ފުލުހުން ޖުމްލަ ފަސް މައްސަލައެއްގެ ތަފްސީލް ހާމަކުރިއިރު، އެއް ނެޓްވޯކެއްގެ ތެރެއިން މިހާތަނަށް ތިން މީހެއްގެ އަތުން ފައިސާ ފޭރިގެންފައިވާ ކަމަށް ފުލުހުން ބުނެއެވެ. ގެސްޓްހައުސްތަކަށް ގެންގޮސް ބްލެކްމެއިލްކޮށް ފޭރުމުގެ އަމަލުތައް ހިންގުމަށް އާންމުކޮށް ބޭނުންކުރަނީ ވިލިމާލޭގައި ހުންނަ "މެލައިމާ" ނަމަކަށް ކިޔާ ގެސްޓްހައުސެއް ކަމަށް ލަތީފު ވިދާޅުވިއެވެ.

ލަތީފް ވިދާޅުވި ގޮތުގައި ދެ ޖިންސުގެ ޒުވާނުން ހިމެނޭ މި ނެޓްވޯކުގައި ކުޑަކުދީން ވެސް ހިމެނެއެވެ. އަދި މިފަދަ ކަންކަމުގައި އަމަލީ ގޮތުން ބައިވެރިވެއެވެ.

"މި ނެޓްވޯކްގައި ފިރިހެނުންނާއި އަންހެނުން ހަރަކާތްތެރިވަމުންދާކަން ފާހަގަވޭ. އެގޮތުން 18 އަހަރު ނުފުރޭ ކުޑަ އަންހެންކުއްޖަކު ވެސް މި ކުށުގެ އަމަލު ހިންގުމުގައި މި ނެޓްވޯކުން ބައިވެރިކުރުވާކަން ތަހުގީގަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭ،" ލަތީފު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް މިފަދަ މައްސަލަތައް ރިޕޯޓުކުރުމަށް އަނިޔާ ލިބޭ މީހުން ފަސްޖެހޭ ކަން ފުލުހުން ފާހަގަކުރިއެވެ. އެގޮތުން މިހާތަނަށް ހުށަހެޅިފައިވާ މައްސަލަތައް ވެސް ރިޕޯޓުކޮށްފައިވަނީ ހާދިސާ ހިނގި ފަހުން ކަން ޝިފާއު ފާހަގަކުރެއްވިއެވެ. މިފަދަ މައްސަލަތައް ވެސް ފުލުހުންނަށް ހުށަހަޅައި މައްސަލަތަކުގެ ތެދު މައުލޫމާތު ފުލުހުންނާއި ހިއްސާކޮށްދެއްވުމަށް ފުލުހުން ވަނީ އާންމުންގެ ކިބައިން އެދިފައެވެ.

comment ކޮމެންޓް