ޑީޖޭއޭގެ މުވައްޒަފުންނަށް އެމްއެންޔޫއިން ހިންގި ދިވެހި ސްޕީޑް ޓަޗް ޓައިޕިންގެ ފުރަތަމަ ބެޗުގެ ކޯސް ނިންމާލައިފި

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އާޓްސްއިން ހިންގި ސްޕީޑް ޓަޗް ޓައިޕިން އިން ދިވެހި ފޯ ޖުޑިޝަރީގެ ކޯހުގެ ފުރަތަމަ ބެޗުގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުން -- ފޮޓޯ/ އެމްއެންޔޫ

ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ މުވައްޒަފުންނަށް އަމާޒުކޮށް، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އާޓްސްއިން ހިންގި ސްޕީޑް ޓަޗް ޓައިޕިން އިން ދިވެހި ފޯ ޖުޑިޝަރީގެ ކޯހުގެ ފުރަތަމަ ބެޗުގެ ބައިވެރިންނަށް ސެޓުފިކެޓް ދީފިއެވެ.

އެމްއެންޔޫއިން މި ކޯސް ހިންގައިފައިވަނީ އެއް މަސް ދުވަހުގެ މުއްދަތަކަށެވެ. ކޯހުގެ ފުރަތަމަ ބެޗުގައި 22 ބައިވެރިންވަނީ ސެޓްފިކެޓް ހާސިލްކޮށްފައެވެ.

އެމްއެންޔޫއިން ބުނީ އެ ކޯހަކީ، ޖުޑިޝަލް ސާވިސް އެކަޑެމީގެ އެދުމުގެ މަތިން އެ ޔުނިވާސިޓީން ހިންގި ކޯހެއްކަމަށެވެ.

ކޯހުގެ މައިގަނޑު ބޭނުމަކީ ޖުޑިޝަރީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން ކޮންމެ ދުވަހެއްގެ މަސައްކަތުގައި ކޮންމެހެން ލިޔަން ޖެހޭ ލިޔުންތައް ފަރިތަކަމާއި އަވަސްކަމާ އެކު ކޮމްޕިއުޓަރު ބޭނުންކޮށްގެން ދިވެހި ބަހުން ޓައިޕްކުރުމަށް ދަސްކޮށްދިނުންކަމަށެެވެ.

އެގޮތުން ޖުޑިޝަރީ ދާއިރާގައި ބޭނުންކުރާ ލިޔެކިޔުންތަކާއި އަޑުއެހުންތައް ދިވެހި ބަހުން ޓައިޕްކުރުމަށް އަހުލުވެރިކުރުވުމަކީ ވެސް ބޭނުމެއްކަމަށެެވެ. އަދި އެފަދަ ލިޔުންތައް ފަރިތަކަމާއި އަވަސްކަމާ އެކު ކުށް މަދުކޮށް ޓައިޕްކުރުމުގެ ހުނަރު ތަރައްގީކުރުމަކީ ވެސް ބޭނުމެއްކަމަށެވެ.

އެމްއެންޔޫއިން ބުނީ އެ ކޯސް ނިންމި ބައިވެރިންނަށް 90 ޕަސެންޓް އެކިއުރެސީ ރޭޓުގައި ކީބޯޑަށް ނުބަލައި މިނިޓަކު 15އާއި 20 އާ ދެމެދުގެ ލަފުޒު ތާނައިން ޓައިޕްކުރެވޭނެކަމަށެވެ.

ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ މުވައްޒަފުންނަށް އަމާޒުކޮށް، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އާޓްސްއިން ހިންގި ސްޕީޑް ޓަޗް ޓައިޕިން އިން ދިވެހި ފޯ ޖުޑިޝަރީގެ ކޯހުގެ ފުރަތަމަ ބެޗުގެ ބައިވެރިން -- ފޮޓޯ/ އެމްއެންޔޫ

މި ކޯސް ކުރިއަށް ގެންދިޔައީ އަތޮޅު ތެރޭގެ މެޖިސްޓްރޭޓް ކޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެސް ބައިވެރިވެވޭ ގޮތަށް ހައިބްރިޑް މޯޑަށެވެ. އެއާއެކު އަންނަ އަހަރު ވެސް ކޯހުގެ އިތުރު ބެޗްތަކެއް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ޔުނިވާސިޓީން ބުންޏެވެ.

ކޯސް ނިންމި ބައިވެރިންނަށް ސެޓިފިކެޓް ދިނުމަށް ޔުނިވާސިޓީގައި މިއަދު ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރު އެކެޑެމިކް އެފެއާޒް އާއިޝަތު ޝާހީން އިސްމާއިލެވެ.

މި ރަސްމިއްޔާތުގައި ފެކަލްޓީ އޮފް އާޓްސްގެ ޑީން އާސިމް ޢަބްދުއްސައްތާރުގެ އިތުރުން ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު އައިޝަތު ރިޒްނާއާއި ޖުޑީޝަލް ސާވިސް އެކެޑެމީގެ ހެޑް އަލްފާޟިލާ އަޒްހަތު ރަޝީދު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

comment ކޮމެންޓް