ގައުމީ ބިލިއާޑް މުބާރާތުގެ ޓީމު އިވެންޓުގެ މެޗުތައް މިރޭ ފަށަނީ

ނޭޝަނަލް ބިލިއާޑް ސެންޓަރުގައި ކުރިއަށްދާ ގައުމީ ބިލިއާޑް މުބާރާތުގެ ތެރެއިން -- ފޮޓޯ: އެމްޕީބީއޭ

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ ލިޓަސް ގައުމީ ބިލިއާޑް މުބާރާތުގެ ޓީމު އިވެންޓުގެ މެޗުތައް މިރޭ ފެށުމަށް ހަމަޖެހިއްޖެއެވެ.

ނޭޝަނަލް ބިލިއާޑް ސެންޓަރުގައި ކުރިއަށްދާ އެ މުބާރާތުގެ އެންމެ ބޮޑު އިވެންޓު ކަމަށްވާ ޓީމު އިވެންޓުގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 9:00 ގައެވެ. އެ އިވެންޓުގައި ރާއްޖެއިން ބޭރުގެ ވަރުގަދަ ކުޅުންތެރިންތަކެއް ވެސް ފެނިގެންދާނެއެވެ.

ޓީމު އިވެންޓުގައި މިރޭ ދެ މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. އެއް މެޗުގައި ވާދަކުރާނީ ބީޖީ ސްޕޯޓްސް ކްލަބާއި ކަސްޓަމްސް ރެކްރިއޭޝަން ކްލަބެވެ. އަދި އަނެއް މެޗުގައި ވާދަކުރާނީ ދިވެހި ސިފައިންގެ ކްލަބާއި ކްލަބު އީގަލްސްއެވެ.

ޓީމު އިވެންޓުގެ މެޗުތައް ކުޅެވޭނީ ފަސް މޭޒުން މަދުވެގެން ތިން މޭޒުން މޮޅުވާ ޓީމެއް އެ މެޗަކުން މޮޅުވާ ގޮތަށެވެ. އެ މެޗުތަކުގައި ސިންގަލްސް ދެ މެޗާއި ޑަބަލްސް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާ އިރު، އިވެންޓުގައި ކުޅުމަށް ހަމަޖެހިފައިވަނީ 10 ބޯލްސްއެވެ. އެ އިވެންޓުގެ ފުރަތަމަ ބުރުން ފައިނަލާ ހަމައަށް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 7 ފްރޭމްސްއަށެވެ. އަދި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 9 ފްރޭމްސްއަށެވެ.

އެ މުބާރާތުގައި މިއަދު ހަވީރު މިކްސް ޑަބަލްސް އިވެންޓުގެ ފައިނަލު މެޗު ވެސް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިއަދު ހަވީރު 4:00 ގައި ކުޅޭ އެ މެޗުގައި ވާދަކުރާނީ މުހައްމަދު ފަޔާޒާއި ފަޒްނާ މޫސާގެ ޕެއާ އަދި އަލީ ފަޔާޒާއި ދީނާ އަހުމަދުގެ ޕެއާއެވެ.

މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މިމަހުގެ 16ގެ ނިޔަލަށް ކުރިއަށްގެންދާ "ލިޓަސް ނޭޝަނަލް ބިލިއާޑް ޗެމްޕިއަންޝިޕް 2021"ގައި ހަ އިވެންޓެއް ކުރިއަށްދާނެއެވެ. އެއީ ޓީމު އިވެންޓާއި ފިރިހެން ފުރަތަމަ ޑިވިޝަނާއި ފިރިހެން ދެވަނަ ޑިވިޝަނާއި އަންހެން ޑިވިޝަނާއި ޑަބަލްސް އިވެންޓް އަދި މިކްސް ޑަބަލްސްއެވެ.

މުބާރާތުގެ ޓީމު އިވެންޓުގައި ފަސް ކްލަބަކުން ވާދަކުރެއެވެ. އެއީ ކްލަބު އީގަލްސް އާއި ކަސްޓަމްސް ރެކްރިއޭޝަން ކްލަބާއި ބީޖީ ސްޕޯޓްސް އާއި މާޒިޔާ ސްޕޯޓްސް އަދި ދިވެހި ސިފައިންގެ ކްލަބެވެ.

އެ މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަންގައި 32 ކުޅުންތެރިޔަކު ވާދަކުރާ އިރު، ފިރިހެން ދެވަނަ ޑިވިޝަންގައި 43 ކުޅުންތެރިޔަކު ވާދަކުރެއެވެ. އަންހެން ޑިވިޝަންގައި 11 ކުޅުންތެރިޔަކު ވާދަކުރެއެވެ. ޑަބަލްސް އިވެންޓުގައި 43 ޓީމަކުން ވާދަކުރާ އިރު، މިކްސް ޑަބްލްސްގައި 13 ޓީމަކުން ވާދަކުރެއެވެ.

comment ކޮމެންޓް