ޅެންވެރިކަމުގެ އޭޝިއާ އެވޯޑު ރާއްޖޭގެ ޒުވާން ޅެންވެރިޔާ އިއްޒާއަށް

އިއްޒާ އަހްމަދު ނިޒާރު --

ރުލާ އެވޯޑުން ދެމުންގެންދާ އޭޝިއާ އެވޯޑްސްގެ ޅެންވެރިކަމުގެ ދާއިރާއިން ދޭ ހާއްސަ އެވޯޑް ރާއްޖޭގެ މަޝްހޫރު ޅެންވެރިޔާ އިއްޒާ އަހްމަދު ނިޒާރު ހާސިލްކޮށްފިއެވެ.

އިއްޒާ ހާސިލްކޮށްފައިވަނީ އޭޝިއާ އެވޯޑްސްގެ އައުޓްސްޓޭޑިން ޕޮއެޓްރީ ރައިޓާ އެވޯޑެވެ.

މި އެވޯޑަށް ކުރި މަަސައްކަތާ ގުޅޭ ގޮތުން ވާހަަކަދައްކަމުން އިއްޒާ "ސަން"އަށް ބުނީ އެ އެވޯޑަށް ނޮމިނޭޓްވީ އޭނާގެ މަސައްކަތްތައް ބެލުމަށްފަހު ވަކި މިންވަރަކަށް މާކްސް ލިބުމުންކަމަށެވެ.

"1000 ޕޮއިންޓުގެ ތެރެއިން 700އަށްވުރެ މަތިން މާކްސް ހޯދުމުން މި ނޮމިނޭޓްވަނީ. ދެން އަޅުގަނޑުގެ މަސައްކަތްތައް ބެލުމަށްފަހު އަޅުގަނޑަށް މާކްސް ދިނީ،" އޭނާ ބުންޏެވެ.

އިއްޒާ ބުނި ގޮތުގައި އެވޯޑް އޭނާއަށް ހާސިލްވުމަކީ ލިބުނު ކާމިޔާބެކެވެ. އަދި ޅެންވެރިކަމުގެ ތެރެއިން ލިބުނު އެ ކާމިޔާބީއާ ހަމައަށް ދެވުނީ އެތައް ބައެއް ދިން ހިތްވަރުގެ ސަބަބުންކަމަށް އޭނާ ފާހަގަކުރިއެވެ. އޭނާވަނީ މި އަހަރުގެ ޒުވާނުންގެ ދުވަހު ޒުވާނުންގެ އެވޯޑް ވެސް ހާސިލްކޮށްފައެވެ.

ޒުވާނުންގެ ދުވަހުގެ އެވޯޑް ދިނުމުގެ ހަފްލާގެ ތެރެއިން އިއްޒާ އަހްމަދު ނިޒާރު --

އިއްޒާ ބުނި ގޮތުގައި އޭނާގެ ކިބައިގައި އަބަދުވެސް ޅެންވެރިކަމާއި އަދަބީ ކަންކަމަށް ޝައުގުވެރިކަން ހުރެއެެވެ. އަދި މިއަދު ވެސް އެކަން ކުރަނީ ކުރާ ހިތުންކަމަށް ބުންޏެވެ.

"ޅެންވެރިކަން ކުރާއިރު ނޫނީ ޅެމެއް ލިޔާއިރު މިއަދު ވެސް އަޅުގަނޑަށް ކުރެވެނީ އަލަތު ލޯބި ފަދައިން އެ ކަން ކުރެވޭ އިހްސާސް. ވަަަރަށް ގަޔާވެގެން ވަރަށް ކުރާ ހިތުން ކުރާ ކަމެއް އެއީ،" އޭނާ ކިޔައިދެނެވެ.

ޅެންވެރިކަން މީހުންނަށާއި ކުދިންނަށް ދަސްކޮށްދިނުމަށާއި ޅެންވެރިކަމުގެ ފަންނު ކުރިއެރުވުމަށް ޓަކައި އިއްޒާ އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ރާއްޖޭގައި ޅެންވެރިކަން މިއަދު އޮތް ހާލަތާ ގުޅޭ ގޮތުން އޭނާ ބުނީ އެންމެ އެކަށީގެންވާ ގޮތެއްގައި ޒުވާން ޖީލުގެ ފަރާތުން އެކަމަށް ތަރުހީބު ނުލިބޭކަމަަށެވެ. އެގޮތުން ދާއިރާގެ ކުރިއެރުމަށް ހަރުދަނާ ގޮތެއްގައި މަސައްކަތްތަކެއްކޮށް އެ ކަމުގައި ސާބިތުވަނީ ވަރަށް މަދު ބައެއްކަމަށް އޭނާ ބުންޏެވެ.

އިއްޒާ ކްލާހެއް ނަގައިދެނީ --

"އަޅުގަނޑުގެ އުންމީދަކީ ހަމަ ވީހާވެސް ގިނަ ޒުވާނުންނާއި ކުދިން އިސްނަގައިގެން ދާއިރާގެ ކުރިއެެރުމަށް ޓަކައި މަސައްކަތްކުރުން، މި ކަމަކީ ދިރުވަންޖެހޭ ފަންނެއް. މިއީ ވަރަށް މުހިންމުކަމެއް،" އިއްޒާ ބުންޏެވެ.

އޭޝިއާ ސަރަޙައްދުގައި ދެމުންދާ އެވޯޑްތަކުގެ ތެރޭގައި ހިމެނޭ އޭޝިއާ އެވޯޑްސް އަކީ ވިޔަފާރިއާއި އިގްތިސާދީ ދާއިރާއިން އޭޝިއާގައި ފާހަގަކުރެވޭ އަމިއްލަ ފަރާތްތަކާއި ކުންފުނިތަކާއި ޖަމިއްޔާތަކަށް ދޭ އެވޯޑެކެވެ.

comment ކޮމެންޓް