ޖަލްސާ އޮތީ ބާއްވާ ގޮތަށް، ފުލުހުންނަށް ހުރަހެއް ނޭޅޭނެ: އާދަމް ޝަރީފް

މޭ 1، 2018: ޕީޕީއެމް "ރުމާލު 2" ޖަގަހާގައި ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާދަމާ އިދިކޮޅު ކޯލިޝަނުން ބާއްވަން ތައްޔާރުވަމުން އަންނަ "ކޮތަރު ކޮށި" ޖަލްސާ އޮތީ ބާއްވާ ގޮތަށް ކަމަށާއި ފުލުހުންނަށް ވެސް އެކަމަށް އެއްވެސް ހުރަހެއް ނޭޅޭނެކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އިދިކޮޅުގެ ޖަލްސާއާ ގުޅިގެން ވާހަކަދައްކަަވަމުން އާދަމް ޝަރީފް "ސަން"އަށް ވިދާޅުވީ އެއްވެ އުޅުމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނުން ކަށަވަރުކޮށްދޭ އަސާސީ ހައްގުތަކެއް ކަމަށެވެ.

"ޕޮލިހުންނަށް މިހާރު ކުރެވޭނެ ކަމެއް ނޫން ކުރަމުންދަނީ. އެއީ ގާނޫނީ ގޮތުން ލިބިދީފައިވާ ހައްގެއް އަޅުގަނޑުމެން މި ކުރާ މަސައްކަތުގެ ތެރެއިން ގާނޫނާ ހިލާފު އެއްވެސް ކަމެއް ހިނގީކީއެއް ނޫން. އެހެންވީމާ ސީދާ ޖަލްސާއެއް ބާއްވަން ކުރަމުންދާ މަސައްކަތެއް އެ ގޮތަށް ހުއްޓުވަންޏާ ހުއްޓުވަންޖެހޭނީ ކޯޓެއްގެ އަމުރެއް ހޯއްދަވައިގެން އައިސް،" އޭނާ ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވެވަޑައިގަތުމަށްފަހު ބޭއްވި އެންމެ ފުރަތަމަ ޖަލްސާގައި އެ މަނިކުފާނު ދެއްކެވި ވާހަކަތަކާއެކު ވެސް މުޅި ސަރުކާރުން އެ ވާހަަކަތަަކަށް ރައްދު ދިނުމަށް މަސައްކަތް ފެށިކަމަށެވެ.

"ސަރުކާރުގެ ހުރިހާ އޮފީސްތަކުން ހަމައެކަނި މިއޮތީ ރައީސް ޔާމީންގެ ދޮޅު ގަޑިއިރުގެ ސްޕީޗަށް ރައްދު ދިނުމާއި، ސަރުކާރު ބަލިކަށިވެގެން އައި އަައުން ދިފާއުކުރުމަށް ޓަކައި މަސައްކަތްކުރުން. ދެން ނަސީބު ދެރަކަމުން އެ ބޭފުޅުންގެ ނެތް ހިކުމަތެއް މި ހިސާބަށް އައިއިރު ވެސް ފޯކަސްކޮށްގެން ރަނގަޅު ގޮތެއްގައި އެ ބޭފުޅުންގެ ފުޓް ހޯލްޑް ދިފާއުކުރުމަށް ޓަކައި މަސައްކަތްކުރެވިފައި،" އާދަމް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއަދު ސަރުކާރަށް މުޅިން ވެސް ދެކެވެނީ ރައީސް ޔާމީންގެ ވެރިކަމުގައި އެ މަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތަކުގެ ވާހަކަކަަމަށެވެ. އަދި އިދިކޮޅަށް ރައްދު ދިނުމުގެ ބޭނުމުގައި އަމިއްލަ ސަރުކާރުގެ މަސައްކަތުގެ ވާހަކަ ދެއްކުމަށް އެއްވެސް ފުރުސަތުތައް ގެއްލެމުން އަންނަކަމަށެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޕީޕީއެމް އިން ބާއްވާ ޖަލްސާގެ މައްސަލަ ހޫނުވެފައިވަނިކޮށް، އެ ސަރަހައްދުގައި ފުލުހުން ފޯރި މަރަން ފަށައިފައިވަނީ ރޭގައެވެ.

ޕީޕީއެމްގެ ޖަލްސާގެ މައްސަލަ ހޫނުވެފައިވަނީ، އެ ސަރަހައްދުގައި ޖަލްސާ ބާއްވަނީ އެޗްޑީސީގެ ހުއްދަ ނެތި ކަމަށާއި އެ ސަރަހައްދުގައި އެ ޖަލްސާ ނުބޭއްވޭނެ ކަމަށް އެޗްޑީސީން ބުނި ފަހުން ވެސް އެ ސަރަހައްދުގައި ޕީޕީއެމުން ޖަލްސާއަށް ތައްޔާރުވާން ފެށުމުންނެވެ.

އެޗްޑީސީން ހުއްދަ ނުދޭ ކަމަށް ބުނެފައިވަނިކޮށް، ޕީޕީއެމްގެ މެޖޯރިޓީ އޮންނަ މާލޭ ސިޓީ ކައުންސިލުން ވަނީ އެޗްޑީސީއަށް ދީފައިވާ ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ރަޖިސްޓްރީ ބާތިލުކޮށް، އެ ކައުންސިލްގެ ދަށަށް ގެންދިއުމަށް ނިންމައިފައެވެ.

ސިޓީ ކައުންސިލުން މިހެން ނިންމި ނަމަވެސް، އެޗްޑީސީން ވަނީ ޖަލްސާގެ ކަންކަން ކުރިއަށް ގެންދިއުން ހުއްޓުވުމަށް ފުލުހުންގެ ކިބައިން އެދިފައެވެ.

އެއާއެކު ފުލުހުން އަންނަނީ އެ ސަރަހައްދުގައި ބެރިކޭޑު ޖަހައި، ހަރަކާތްތެރިވަމުންނެވެ.

comment ކޮމެންޓް