ވެންޓިލޭޓަރުތަކުގެ މައްސަލަ އަނެއްކާ ވެސް ޕީޖީން އަނބުރާ ފޮނުވާލައިފި

ވެންޓިލޭޓަރު މައްސަލައިގައި އޭސީސީން ދައުވާކުރަން އެދި ފޮނުވި 11 މީހުންގެ ތެރޭގައި ހިމެނޭ މިނިސްޓަރު އަބްދުﷲ އަމީން (މ)، ފިނޭންސް އެކްޒެކެޓިވް އަހްމަދު އަސްލަމް (ކ) އަދި ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދު (ވ) -- ސަން ފޮޓޯ

ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ މައްސަލާގައި 11 މީހަކަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވި މައްސަލަ އަނެއްކާ ވެސް އަނބުރާ ފޮނުވާލައިފިއެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސިކިއުޓާ ޖެނަރަލް އަހްމަދު ޝަފީއު ވިދާޅުވީ, ވެންޓިލޭޓަރުތަކުގެ މައްސަލަ އަނބުރާ ފޮނުވާލާފައިވަނީ އިސްލާހް ކުރުމަށްފަހު އަލުން ހުށަހެޅުމަށް ކަމަށެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލަ މީގެ ކުރިން ވެސް ޕީޖީން އަނބުރާ ފޮނުވާލިއެވެ. އަދިި އިސްލާހުކުރަން ހުރި ކަންތައްތައް އިސްލާހު ކުރުމަށްފަހު ފަހުން ވަނީ ޕީޖީއަށް ފޮނުވާފައެވެ.

އޭސީސީން މީގެ ކުރިން ބުނެފައިވަނީ, އެ މައްސަލަ އަލުން ޕީޖީ އޮފީހަށް ފޮނުވިއިރު، މައްސަލާގައި މީގެ ކުރިންވެސް ދައުވާކޮށް ދިނުމަށް އެދި ހުށަހަޅާފައިވާ 11 މީހުންނަށް އިތުރު ދައުވާއެއް ކޮށްދިނުމަށް އެދިފައިވާނެ ކަމަށެވެ.

އެގޮތުން ވެންޓިލޭޓަރުތައް ހޯދުމުގެ މަސައްކަތާ ގުޅޭ އެއްބަސްވުން އެކުލަވާލުމާއި ވެންޓިލޭޓަރުތައް ހޯދުމުގެ މުޅި ޕްރޮސެސްގައި ދައުލަތަށް ގެއްލުންވާ ގޮތަށް ހިންގާފައިވާ ކަންތައްތައް ފާހަގަކޮށް، މައްސަލާގައި ތުހުމަތުކުރެވޭ މީހުންގެ މައްޗަށް، ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނުގެ ދަށުން، ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާކުރުމަށް އެދިފައިވާނެ ކަމަށް އެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން އެ މައްސަލާގައި ހިމެނޭ ފައިސާ ދައުރުވެފައިވާ ގޮތާއި އެ ފައިސާއިން އެއްވެސް މިންވަރެއް މި މައްސަލާގައި ތުހުމަތުކުރެވޭ މީހަކަށް ނުވަތަ އޭގެ ތެރެއިން މީހަކާ ގުޅުން އޮތް މީހަކަށް ލިބިފައިވޭތޯ ބެލުމަށް ކޮށްފައިވާ މަސައްކަތުން މިހާތަނަށް އޭގެތެރެއިން މީހަކަށް އެފަދަ ފައިސާއެއް ލިބިފައިވާކަން ފާހަގަކުރެވިފައިނުވާކަން އޭސީސީން ފާހަގަކުރިއެވެ.

ކޮވިޑުގައި ހާލުބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް ވެންޓިލޭޓަރު ގަތުމުގައި އޮޅުވާލުންތަކާއި މަކަރާ ހީލަތް ހެދި މައްސަލައިގައި އޭރުގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީނާއެކު އެ މިނިސްޓްރީގެ 11 މީހަކަށް ދައުވާ ކުރަން އޭސީސީ އިން ފުރަތަމަ ޕީޖީއަށް ފޮނުވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 14ގައެވެ. ނަމަވެސް، އޭރު ކުށުގެ އުންސުރުތައް ހަމަނުވާ ކަމަށް ބުނެ ޕީޖީއިން ދައުވާ ނުކުރަން ނިންމިއެވެ. އަދި މައްސަލަ އަލުން ރިވިއުކުރުމަށް އަންގައި ޕީޖީން މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވައިލީއެވެ.

ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާއެކު އެއްބަސްވުމެއް ހަދައި ސަރުކާރުން އޯޑަަރު ކުރި 75 ވެންޓިލޭޓަރުތަކުގެ ތެރެއިން މިހާތަނަށް ލިބުނީ އެންމެ 15 ވެންޓިލޭޓަރެވެ. ބާކީ 60 ވެންޓިލޭޓަރު އަދިވެސް ނުލިބި ހުރި އިރު އެއްބަސްވުން ހެދި އިރު އެއްވެސް ގެރެންޓީއަކާ ނުލައި އެ ކުންފުންޏަށް ވަނީ އެޑްވާންސަށް 30.91 މިލިއަން ރުފިޔާ ދީފައެވެ.

އެ އެއްބަސްވުމާ އެއްގޮތަށް ވެންޓިލޭޓަރު ފޯރުކޮށްދީފައި ނުވާތީ މިއަހަރުގެ މެއި މަހު ދިވެހި ސަރުކާރުން ވަނީ އެ އެއްބަސްވުން ބާތިލުކުރަން ނޯޓިސް ފޮނުވާފައެވެ.

comment ކޮމެންޓް