ތުހުމަތު ކުރާ މައްސަލަ ސާބިތުކުރާން 90 ދުވަހުގެ މުއްދަތެއް އުމަރު ދީފި

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުށުގެ ތުހުމަތު ކުރެވޭ މީހުންގެ ފައިގައި އަޅުވާ ޓެގް ގަތުމަށް ހަވާލުކުރީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ދައުވާކުރަން ފޮނުވާފައިވާ މައްސަލަ ސާބިތުކުރާން 90 ދުވަހުގެ މުއްދަތެއް އޭނާ ދައުލަތަށް ދީފިއެވެ.

ހޯމް މިނިސްޓަރު ކަމުގައި އުމަރު ނަސީރު ހުންނެވިއިރު، ކުށުގެ ތުހުމަތު ކުރެވޭ މީހުންގެ ފައިގައި އެޅުވުމަށް ޓަކައި ޓެގް ގަނެފައިވަނީ ކުންފުންޏަކަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް ކަމަށް ބުނެ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލަަށް މިހާރު ވަނީ ފޮނުވައިފައެވެ.

އޭސީސީން ބުނީ ޓެގު ގަތުމަށް، 2015 ވަނަ އަހަރު ހަވާލުކޮށްފައިވަނީ އުމަރު ނަސީރާ ވިޔަފާރީގެ ގޮތުން ގާތް ގުޅުމެއް އޮންނަ ކުންފުންޏަކާ ކަމަށެވެ.

އޭނާގެ މައްޗަށް ކުރަން އެދިފައި ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައާ ބެހޭގޮތުން "ސަން"އަށް އުމަރު ވިދާޅުވީ މިކަމުގައި އޭނާއާ ދެކޮޅަށް ދައުލަތުން ދައްކާނެ އެއްވެސް ހެއްކެއް ނޯންނާނެ ކަމަށެވެ.

"މިކަމުގައި އަޅުގަނޑާ ދެކޮޅަށް ދެއްކޭނެ އެއްވެސް ހެއްކެއް ނޯންނާނެ. ސަބަބަކީ ހުރިހާ ކަމެއް އޮންނާނީ ފިނޭންސް މިނިސްޓްރީއަށް ލިޔެ، ފިނޭންސް މިނިސްޓްރީން ހުއްދަ ހޯދާ އަދި އޭސީސީއަށް ލިޔެ، އޭސީސީ އިން ކްލިއަރެންސް ވެސް ހޯދާ އެހުރިހާ ކަމެއްވެސް ކޮށްފަ އޮންނާނީ. މިކަން ސަކްސެސްފުލް ކޮށް ހިނގީ ވެސް އެހެންވެގެން އަސްލުގަ. މިއީ ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ސަކްސެސްފުލް އެންޓި ކްރައިމް ކެންޕެއިން،" އުމަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދައުލަތަށް ދީފައިވާ 90 ދުވަހުގެ ތެރޭގައި އެނާގެ މައްޗަށް އެ މައްސަލަ ސާބިތުވޭތޯ، ނުވަތަ ނޫންތޯ ކަނޑައަޅަން އެދޭ ކަމަށެވެ.

އުމަރު ވިދާޅުވީ ދައުލަތަށް 90 ދުވަސް ދިނުމަށް ޓަކައި އޭނާ ކުރަން އައި ކެމްޕެއިން ވެސް ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.

ޓެގަކީ ވަރަށް ގިނަ ހިޔާލު ތަފާތުވުންތައް އުފެދޭ އެއްޗެއް ކަމަށާއި ވަޒީރުކަމުން ވަކިވާން ޖެހުނީ ވެސް ޓެގް މައްސަލައިގައި ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު މަގާމުން ވަކިވާން ޖެހުނީ ވެސް ޓެގާ ހެދި. ޓެގް އެބަ އާދޭ އަޅުގަނޑު ފަހަތުން ވަރަށް ބާރަށް. އެހެންވީމަ ކްރައިމްއާ ފައިޓް ކުރުމަކީ މި ކަހަލަ ކަމެއް. އަޅުގަނޑު އެކަމާ ސަޕްރައިޒެއް ނުވޭ އެއްގޮތަކަށް ވެސް،" އުމަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުށަށް އަރައިގަންނަ މީހުންނާ ދެކޮޅަށް ތެދުވުމަކީ މުޅި ދުނިޔެއަށް ބެެއްޔަސް، އެހާ ފަސޭހަ ވަޒީފާއެއް ނޫން ކަމަށެވެ. އެހެންކަމުން އެފަދަ ކަންކަމާ ދެކޮޅަށް މަސައްކަތްކުރާއިރު، ތަފާތު ގޮންޖެހުންތައް ކުރިމަތިވާނެކަން އެނގޭ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.

އުމަރު އިތުރަށް ވިދާޅުވީ ދިވެހި ދައުލަތުގެ މަތީ މަގާމް ތަކަށް އަންނަ މީހުންނަކީ ފަސްބައިގައި އެއްވެސް ކިލަބު ކަމެއްނެތް މީހުންނަށް ވާންޖެހޭނެ ކަމަށް އޭނާ އަބަދުވެސް ދެކޭ ކަމަށެވެ.

comment ކޮމެންޓް