ބޯޑަރު ހުޅުވާލި ފަހުން އެންމެ ގިނަ ފަތުރުވެރިން އައި ދުވަހަކަށް މި މަހުގެ ފަހެއް

އޮގަސްޓް 11، 2021: ފަތުރުވެރިން ރާއްޖެ އައުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އަހަރުގެ ޖުލައި މަހު ބޯޑަރު އަލުން ހުޅުވައިލުމާއެކު އެއް ދުވަހެއްގެ ތެރޭ އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން އައިސްފައިވަނީ މި މަހުގެ ފަސްވަނަ ދުވަހު ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ މިދިޔަ އާދިއްތަ ދުވަހު ރާއްޖެއަށް 6269 ފަތުރުވެރިން އައިކަމަށެވެ. އަދި އެއީ ބޯޑަރު ހުޅުވައިލިފަހުން އެއް ދުވަހުގެ ތެރޭ އައި ރެކޯޑް އަދަދެއްކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން މި އަހަރުގެ ތެރޭ އައިސްފައިވަނީ މިދިޔަ މަހެވެ.

https://sun.mv/159814

ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުގައިވާ ގޮތުން މިދިޔަ މަހު 144،725 ފަތުރުވެރިން އައިސްފައިވެއެވެ. އެގޮތުން މިދިޔަ މަހު އެވަރެޖުކޮށް ކޮންމެ ދުވަހަކު 4،824 ފަތުރުވެރިން އައިސްފައިވާ އިރު އެއް ދުވަސް ތެރޭ އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައީ މަހުގެ ފަހުކޮޅު، 5،987 މީހުންނެވެ.

މިއަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އައީ އޮކްޓޯބަރު މަހުގެ ފަހުކޮޅެވެ. އަދި މިއަހަރު ތެރޭ ޓޫރިސްޓުން ރާއްޖޭގައި ހޭދަކޮށްފައިވާ ރޭގެ އަދަދު ނުވަތަ ބެޑްނައިޓްސް ވަނީ މިމަހު 10 މިލިއަނަށް އަރައިފައެވެ.

comment ކޮމެންޓް