ބައިނަލްއަގުވާމީ އެއާލައިންތައް ރެގިއުލޭޓްކުރަން ގަވައިދު ވަރަށް އަވަހަށް ނިމޭނެ: ނަހުލާ

ޓުރާންސްޕޯޓު މިނިސްޓްރީއިން މިޔަދު ބޭއްވި ޕުރެސްގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލަޔާސް

ބައިނަލްއަގުވާމީ އެއާލައިންތައް ރެގިއުލޭޓްކުރުމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އޮތޯރިޓީން ހަދާ ގަވައިދު ވަރަށް އަވަހަށް އާންމު ކުރާނެކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްވާމީ މަދަނީ ވައިގެ ދަތުރުފަތުރުގެ ދުވަހާ ގުޅިގެން ވާހަކަދައްކަވަމުން ނަހުލާ ވިދާޅުވީ ބައިނަލްއަގުވާމީ އެއާލައިންތައް އެއްހަމައެއްގައި އަދި ދެފުށް ފެންނަ އުސޫލުގެ ތެރެއިން ރެގިއުލޭޓްކުރުމަކީ އެ ގަވައިދުގެ ބޭނުންކަމަށެވެ.

"ފޮރިން އޮޕަރޭޓާސްގެ ނަމުގައި ގަވައިދެއް ސިނާއަތުގެ ބައިވެރިންގެ މަޝްވަރާއާއި ހިޔާލާއެކު އެކުލަވާލައި އާންމު ކުރުމުގެ މަސައްކަތް މިހާރުވަނީ އެންމެ ފަހުގެ މަރުހަލާގައި،" ނަހުލާ ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން ނަހުލާ ވިދާޅުވީ މިއަހަރުގެ މައިގަނޑު އަމާޒަކީ ކޯވިޑް19 ގެ ކުރިން އޮތް ހާލަތަށް ރުޖޫއަވުމަށް މަސައްކަތްކުރުން ކަމަށެވެ. އަދި ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާ ފުޅާ ކުރުމަށާއި އިތުރަށް ތަރައްގީ ކުރުންކަމަށެވެ.

އެގޮތުން ރާއްޖޭގެ އެއާލައިންތަކުގެ ހަރަކާތްތައް އިތުރު ކުރުމާއި އެއާޕޯޓްތައް ތަރައްގީ ކުރުމުގެ މަޝްރޫއުތައް ކުރިއަށް ގެންދެވިފައިވާކަމަށް ނަހުލާ ވިދާޅުވިއެވެ.

"އެގޮތުން އިންޓަނޭޝަނަލް ފްލައިޓްތައް އޮޕަރޭޓް ކުރުމުގެ ހުއްދަ މިހާރުވާނީ ރާއްޖޭގެ ތިން އެއާލައިނަކަށް ދެވިފައި. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް މިއަހަރުވެސް ކުރިއަށް ގެންދިޔަ. އެގޮތުން، އޭޕްރަންއަށް މުޅީންއަލަށް ބައިތަކެއް އިތުރުކޮށް ބޭނުންކުރަން ފެށުމުގެ އިތުރުން، ކުރިން ބޭނުން ކުރަމުން އައި އޭޕްރަން އަޕްގްރޭޑް ކުރެވި މިހާރުވަނީ ބޭނުން ކުރަންފަށާފައި،" ނަހުލާ ވިދާޅުވިއެވެ.

ހަމައެއާއެކު ހެލިކޮޕްޓަރު އޮޕަރޭޝަންތަކަށް ހުއްދަދިނުމަށް ތައްޔާރުވަމުން އަންނަކަމަށް ނަހުލާ ވިދާޅުވިއެވެ. އެގޮތުން އިނގިރޭސިވިލާތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއާއެކު މިހާރު ކުރިއަށްދަނީ އެކަމަށް ހުއްދަ ދިނުމުގެ ޕްރޮގްރާމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްކަމަށް ވިދާޅުވިއެވެ.

ނަހުލާ ވިދާޅުވީ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) ފްރޭމްވްކޯކުގެ ތެރޭގައި ހިމެނޭ "ކޮސްކެޕް-ސައުތް އޭޝިއާ"ގެ ދަށުން ކުރިއަށް ގެންދެވޭ ހަރަކާތްތަކަކީ ފާހަގަކޮށްލެވޭ ހަރަކާތްތަކެއްކަމަށެވެ. އެގޮތުން ކޮސްކެޕްގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް، މެމްބަރު ގައުތަކުން ކަނޑައަޅާފައިވާ ގޮތަށް މި އަހަރު ރާއްޖޭގައި ކޮސްކެޕްގެ އޮފީސް ގާއިމްކޮށްފައިވާކަމަށް ނަހުލާ ވިދާޅުވިއެވެ.

އެއާއެކު ނަހުލާވަނީ މަދަނީ ވައިގެ ދަތުރުފަތުރުގެ ސިނާއަތް ތަރައްގީކޮށް ކުރިއެރުވުމަށް ބައިނަލްއަގުވާމީ އިދާރާތަކުން ދޭ އެހީތެރިކަން ފާހަގަކުރައްވައިފައެވެ. އަދި ރާއްޖެ ބައިވެރިވާ ސަރަހައްދީ ހަރަކާތްތަކުން ފޯރުކޮށްދޭ އެހީތެރިކަމަސް ޝުކުރު އަދާކުރައްވައިފައެވެ.

comment ކޮމެންޓް