އޮރިޔާން ކާޑު އުފައްދައި، ބްލެކްމެއިލް ކުރި މީހެއްގެ ބަންދަށް 15 ދުވަސް ޖަހައިފި

ޖޫން 29، 2020: ރޭޕްއާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާގެ ތެރެއިން- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޮރިޔާން ކާޑު އުފައްދައިގެން، ބަޔަކަށް ބިރު ދައްކައި ބްލެކްމެއިލް ކުރި މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ގ. ކަނދުމާގެއާގެ އުމުރުން 31 އަހަރުގެ މޫސާ ދީދީއެވެ.

ފުލުހުން އޭނާގެ މައްޗަށް ކޮށްފައިވަނީ އޮރިޔާން ކާޑު އުފެއްދުމާއި ބިރު ދެއްކުމާއި ބްލެކްމެއިލް ކުރުމުގެ އިތުރުން ޖިންސީ ގޯނަ ކުރުމުގެ ތުހުމަތުކޮށްފައެވެ.

މި މައްސަލައިގައި ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާ ވަނީ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.

އެހެންނަމަވެސް އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހެޅިފައިވާ ކަން ކޯޓުން ފާހަގަކޮށްފައިވެއެވެ.

އޭނާ މި އަމަލު ހިންގައިފައިވަނީ ގުރޫޕަކުން ކަމަށް އަނިޔާ ލިބުނު މީހާ ބުނާއިރު، އެ ތަނުން ތިން މީހަކު ދެނެގަނެވި، އެ މީހުންނާއެކު މޫސާ ދީދީ ހާދިސާ ހިނގި ސަރަހައްދުން ފެންނަ ސީސީޓީވީ ފޫޓޭޖެއް ފުލުހުން ވަނީ ކޯޓަށް ހުށަހަޅައިފައެވެ.

ހާދިސާ ހިނގި ދުވަހު މީނާ ހުރީ ގޭގައި ކަމަށް މޫސާ ދީދީ ފުރަތަމަ ބުނެފައިވީނަމަވެސް ފަހުން އޭނާ ވަނީ ބޭރަށް ނިކުތް ކަމަށް ވެސް ބުނެފައެވެ.

މޫސާ ދީދީ ބަންދުގައި ބެހެއްޓުމަށް ކޯޓުން ނިންމީ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެތީއެވެ.

މީނާއަކީ މީގެ ކުރިން ވެސް މިފަދަ ބާވަތެއްގެ ކުށުގެ ރިކޯޑު އޮންނަ އަދި އެފަދަ އަމަލުތަކެއްގައި އަމަލީ ގޮތުން ބައިވެރިވިކަމުގެ ރެކޯޑު އޮންނަ މީހެކެވެ.

comment ކޮމެންޓް