ގައުމީ ބިލިއާޑް މުބާރާތުގެ ސިންގަލްސް އިވެންޓުތަކުގެ ފައިނަލް މިރޭ

ނޭޝަނަލް ބިލިއާޑް ސެންޓަރުގައި ކުރިއަށްދާ ގައުމީ ބިލިއާޑް މުބާރާތުގެ ތެރެއިން -- ފޮޓޯ: އެމްޕީބީއޭ

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން ބާއްވާ ލިޓަސް ގައުމީ ބިލިއާޑް މުބާރާތުގެ ސިންގަލްސް އިވެންޓުތަކުގެ ފައިނަލް މެޗު މިރޭ ކުޅުމަށް ހަމަޖެހިއްޖެއެވެ.

ނޭޝަނަލް ބިލިއާޑް ސެންޓަރުގައި ފިރިހެން ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަން އަދި އަންހެން ޑިވިޝަންގެ ފައިނަލް މެޗު ވެސް ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 8:45 ގައެވެ.

މިހާތަނަށް ފައިނަލުގެ ދެ ޖާގަ ކަށަވަރުވެފައިވަނީ ހަމައެކަނި އަންހެން ޑިވިޝަނުންނެވެ. އެ ޑިވިޝަންގެ ފައިނަލުގައި ވާދަކުރާނީ އަންހެނުންގެ ރޭންކިންގެ ދެވަނައިގައި އޮތް ދީނާ އަހުމަދާއި ހަތަރުވަނައިގައި އޮތް އާމިނަތު އަޒްރާއެވެ.

ފިރިހެން ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަންގެ ފައިނަލުން މިހާތަނަށް ކަށަވަރުވެފައިވަނީ އެއް ޖާގައެވެ. ފުރަތަމަ ޑިވިޝަންގެ ފައިނަލުގެ ފުރަތަމަ ޖާގަ ރޭންކިންގެ ހަވަނައިގައި އޮތް މުހައްމަދު ޝާހިލް ހަމީދު ކަށަވަރުކޮށްފައިވާ އިރު، ދެވަނަ ޑިވިޝަންގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފައިވަނީ އަލީ ޝާވިންއެވެ.

އެ ދެ ޑިވިޝަންގެ ފައިނަލުގެ ފަހު ޖާގަ ކަށަވަރުވާނީ މިއަދު ހަވީރު 4:30 ގައި ކުޅޭ ސެމީ ފައިނަލުގެ މެޗުތަކަށްފަހުއެވެ. ފުރަތަމަ ޑިވިޝަންގެ ސެމީގައި އެމްޕީބީއޭ ރޭންކިންގެ އެއްވަނައިގައި އޮތް ހަސަން ޝާޒް މުހައްމަދާއި ދެވަނައިގައި އޮތް ހުސައިން ފަޔާޒް ވާދަކުރާ އިރު، ދެވަނަ ޑިވިޝަންގެ ސެމީގައި ވާދަކުރާނީ އިބްރާހިމް ރަޝީދާއި އައްބާސް ސައީދެވެ.

އެ މުބާރާތުގައި އިއްޔެ ކުރިއަށްދިޔައީ ޑަބްލްސް އިވެންޓުގެ ފުރަތަމަ މެޗުތަކެވެ. ޑަބަލްސް އިވެންޓުގެ 25 މެޗެއް ރޭ ކުރިއަށްދިޔައެވެ. އޭގެ އިތުރުން އިއްޔެ ހަވީރު މިކްސް ޑަބްލްސްގެ ދެ މެޗެއް ވެސް ކުރިއަށްދިޔައެވެ.

މިދިޔަ ބުދަ ދުވަހުން ފެށިގެން މިމަހުގެ 15ގެ ނިޔަލަށް ކުރިއަށްގެންދާ "ލިޓަސް ނޭޝަނަލް ބިލިއާޑް ޗެމްޕިއަންޝިޕް 2021"ގައި ހަ އިވެންޓެއް ކުރިއަށްދާނެއެވެ. އެއީ ޓީމު އިވެންޓާއި ފިރިހެން ފުރަތަމަ ޑިވިޝަނާއި ފިރިހެން ދެވަނަ ޑިވިޝަނާއި އަންހެން ޑިވިޝަނާއި ޑަބަލްސް އިވެންޓް އަދި މިކްސް ޑަބަލްސްއެވެ.

މުބާރާތުގެ ޓީމު އިވެންޓުގައި ފަސް ކްލަބަކުން ވާދަކުރެއެވެ. އެއީ ކްލަބު އީގަލްސް އާއި ކަސްޓަމްސް ރެކްރިއޭޝަން ކްލަބާއި ބީޖީ ސްޕޯޓްސް އާއި މާޒިޔާ ސްޕޯޓްސް އަދި ދިވެހި ސިފައިންގެ ކްލަބެވެ.

އެ މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަންގައި 32 ކުޅުންތެރިޔަކު ވާދަކުރާ އިރު، ފިރިހެން ދެވަނަ ޑިވިޝަންގައި 43 ކުޅުންތެރިޔަކު ވާދަކުރެއެވެ. އަންހެން ޑިވިޝަންގައި 11 ކުޅުންތެރިޔަކު ވާދަކުރެއެވެ. ޑަބަލްސް އިވެންޓުގައި 43 ޓީމަކުން ވާދަކުރާ އިރު، މިކްސް ޑަބްލްސްގައި 13 ޓީމަކުން ވާދަކުރެއެވެ.

comment ކޮމެންޓް