އިންޑިއާ ކަނޑުގެ ސަލާމަތް މުހިންމު: ނައިބު ރައީސް

ލަންކާގެ ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހަ، ނައިބު ރައީސް ފައިސަލް ނަސީމްގެ އަރިހަށް ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

އިންޑިއާ ކަނޑުގެ ސަލާމަތް މި ސަރަހައްދުގެ ގައުމުތަކަށް މުހިންމުކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ލަންކާގެ ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ، ނައިބު ރައީސް ފައިސަލް ނަސީމްގެ އަރިހަށް ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގެ ތެރެއިން ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ އިންޑިއާ ކަނޑުގެ ސަލާމަތް ރާއްޖެއަށް ވެސް ވަރަށް މުހިންމުކަމަށެވެ. އަދި ހަމައެއާއެކު މި ސަރަހައްދުގެ އެހެން ގައުމުތަކަށް ވެސް މުހިންމުކަމަށެވެ.

ދެ ބޭފުޅުން ބައްދަލުކުރައްވައި ގިނަ ކަންތައްތަކަކާ ގުޅޭގޮތުންވަނީ މަޝްވަރާކުރައްވައިފައެވެ.

އެގޮތުން ދެ ބޭފުޅުން ވެސްވަނީ ކޮވިޑުގެ ހާލަތާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފައެވެ. އަދި ކޮވިޑުން އަރަގައިތުމަށް ޓަކައި ދެ ގައުމުން ވެސް ކުރަމުން އަންނަ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައިފައެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނައިބު ރައީސްވަނީ ލަންކާގައި ދިރިއުޅޭ ދިވެހިންނާމެދު އެ ގައުމުން ބަހައްޓައި ގާތްކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވައިފައެވެ. އަދި ރާއްޖޭގެ ތައުލީމީ ދާއިރާއަށް ލަންކާއިން ދޭ އެހީ ވެސް ފާހަގަކުރައްވައިފައެވެ. މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ވެސް އެ މަނިކުފާނުވަނީ ވިދާޅުވެފައެވެ. އެގޮތުން ތިމާވެށި ރައްކާތެރިކުރުމަށް ގިނަ އިންވެސްޓްމަންޓްތަކެއް ކުރަމުން އަންނަކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި އެ ގައުމުގެ ކުރީގެ ބޮޑުވަޒީރުވަނީ ރާއްޖޭގެ ފަތުރުވެރިކަމާ ގުޅޭ މައުލޫމާތު އޮޅުންފިލުއްވާފައެވެ. އަދި ދެ ގައުމުގެ ގުޅުންތަކާ ގުޅޭ ގޮތުން ވެސް ވާހަކަދައްކަވައިފައެވެ.

އެއާއެކު ނައިބު ރައީސްވަނީ ދެ ގައުމު ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކޮށް އެކަމަށް އެދިވަޑައިގަންނަވާ ވާހަކަ ވިދާޅުވެފައެވެ.

ދެ ބޭފުޅުން ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފައިވަނީ ނައިބު ރައީސް ޔޫއޭއީ އަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. އިންޑިއަން އޯޝަން ކޮންފަރެންސް 2021 ގައި ބައިވެރިވެވަޑައިގެންނެވުމަށް އަބޫދާބީއަށް މިހާރު ނައިބު ރައީސްވަނީ ފުރާވަޑައިގެންފައެވެ.

މި ދަތުރުފުޅުގައި ނައިބު ރައީސާއެކު ރައީސް އޮފީހާއި ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވާނެއެވެ. ނައިބު ރައީސްގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ވަޑައިގެންނަވާނީ އަންނަ ބުދަ ދުވަހެވެ.

comment ކޮމެންޓް