ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކުރެވޭ ގޮތަށް ޕްރޮގްރާމްތައް ބަދަލު ކުރަން ޖެހޭ: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކުރެވޭ ގޮތަށް ޕްރޮގްރާމްތައް ބަދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވި -- ފޮޓޯ/ ރައިސް އޮފީސް

ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކުރެވޭ ގޮތަށް ޕްރޮގްރާމްތައް ބަދަލު ކުރަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިވެލި އެވޯޑު ދިނުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ, ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކަންކަމާ ގުޅޭ ގޮތުން މިހާރު ހިންގާ ޕްރޮގްރާމްތަކަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ.

"އެއީ އެފަދަ މީހުންނާއި ކުދިން ބާރުވެރިކުރެވޭ ފަދަ ގޮތަކަށް އެ ޕްރޮގްރާމްތައް ބައްޓަންކުރުން. އެފަދަ ޕްރޮގްރާމްތަކުގެ އެންމެ އެދެވޭ ނަތީޖާއެއް ހާސިލް ކުރެވޭނީ އޭރުން," ރައީސް ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާއިން މިރޭ އެވޯޑް ހާސިލްކުރި މީހުންގެ ތެރޭގައި ވަރަށް ފަންނުވެރި ހުނަރުވެރިން ތިބިކަން ފާހަގަކޮށް ރައީސް ވިދާޅުވީ, އަޅުގަނޑުމެން ކުރަންވީ ކަމަކީ، އެފަދަ މީހުންގެ ހުނަރުތައް ތަރައްގީ ކުރުމަށް ފުރުސަތުތައް ފަހިކޮށްދިނުން ކަމަށެވެ.

"އޭރުން އެފަދަ ބޭފުޅުންގެ ކިބައިގައި ހުރި ހުނަރުވެރިކަމާއި ފަންނުވެރިކަން އިތުރަށް ތަރައްގީވެ މުޖްތަމައަށާއި މުޅި ގައުމަށްވެސް މިހާރަށް ވުރެ އެތައް ގޮތަކުން މަންފާކުރާނެ. އަދި އެއީ އެބޭފުޅުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް ވެސް ލިބޭ އަގުހުރި ފުރުސަތަކަށް ވާނެ," ރައީސް ވިދާޅުވިއެވެ.

ނުކުޅަދުންތެރިކަން ހުރި މީހުންގެ ހާލަތު ރަނގަޅު ކުރުމަށް ކުރެވިދާނެ ވަރަށް މުހިންމުކަންތައްތައް ހުރިކަން ފާހަގަކޮށް ރައީސް ވިދާޅުވީ, އެންމެ މުހިންމު ކަމަކީ، އަޅުގަނޑުމެންގެ އަޅާލުމާއި ލޯތްބާއި އޯގާތެރިކަން، މިހާރަށް ވުރެ މާފުރިހަމައަށް އެ މީހުނަށް ދިނުން ކަމަށެވެ.

"ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް އެހީތެރިވުމަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ އެއްބައިކަމުގައި ހެދުން," ރައީސް ވިދާޅުވިއެވެ.

އޭރުން އެމީހުންގެ ހަޔާތުން އެކަނިވެރިކަމާއި ހިތްދަތިކަން ފިލައިގެން ގޮސް، މާއުފާވެރި ދިރިއުޅުމަކަށް މަގުފަހިވެގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މުޖުތަމައުގައި ހަމަހަމަ ފުރުސަތުތައް ލިބިގެންވާކަމާއި، ތަފާތުކުރުމެއް ނުގެންގުޅޭކަން އިހްސާސްކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެއީ އެއްވެސް ހޭދައެއް ނުކޮށް، މާބުރަ މަސައްކަތަކާ ނުލައި ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީވެސް މުޖުތަމައުގެ ވަރަށް މުހިންމު ހިއްސާއެއް. ނަމަވެސް އެހިއްސާ ފުރިހަމަވެގެންދާނީ ވަށައިޖެހޭ ނިޒާމެއްގެ ތެރެއިން. ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި މުޅި މުޖްތަމައު އެކުގައި މަސައްކަތްކޮށްގެން. އެނިޒާމު ފުރިހަމަކުރުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެއްކަން ގަބޫލުކޮށް އެކަމަށް މަސައްކަތް ކޮށްގެން," ރައީސް ވިދާޅުވިއެވެ.

މިވަގުތު ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ އެކި އާލާތްތައް ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖައްސުމަށްކަން ފާހަގަކޮށް ރައީސް ވިދާޅުވީ, އެކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ލަފާ ސަރުކާރުން ހޯދާފައިވާ ކަމަށެވެ. އަދި ސަރުކާރުން ހުއްދަކުރާ އެފަދަ އާލާތްތަކުގެ ލިސްޓެއް މިހާރު ވަނީ އެކުލަވާލައިފައިކަމަށް ވެސް ވިދާޅުވިއެވެ.

comment ކޮމެންޓް