ސީޝެލްސް ކުޅުންތެރިޔާއަށް ދިން ހަމަލާއާ ގުޅިގެން އަޑުބަރޭ ހަ މެޗަށް ސަސްޕެންޑް

ގައުމީ ޓީމަށް އަލުން ނެގި ހުނަރުވެރި މިޑްފީލްޑަރު އަސްހަދު އަލީ (އަޑުބަރޭ) އާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން --- ފޮޓޯ//އެފްއޭއެމް

މިދިޔަ މަހު ސްރީލަންކާގައި ކުރިއަށްދިޔަ މަހިންދަ ރާޖަޕަކްސަ އިންވިޓޭޝަނަލް ކަޕުގައި ރާއްޖެއާއި ސީޝެލްސް ކުޅުނު މެޗުގައި އެ ޓީމުގެ ކުޅުންތެރިއަކަށް ދިން ހަމަލާއާ ގުޅިގެން ރާއްޖޭގެ އަސްހަދު އަލީ (އަޑުބަރޭ)އަށް އެފްއޭއެމުން ފިޔަވަޅު އަޅަން ތައްޔާރުވެއްޖެއެވެ.

ކުޅުނު އެއްވެސް މެޗަކުން މޮޅުނުވެ ރާއްޖެއިން ލަންކާގެ މުބާރާތް ނިންމާލަން ޖެހުނު އިރު، މުޅި މުބާރާތުގެ ބައްޔެއް ވުރެން ގިނަ ބަޔަކު ނުރުހުނު ކަމަކީ ސީޝެލްސްއާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރުވަގުތުގައި އަޑުބަރޭ އިދިކޮޅު ޓީމުގެ ކުޅުންތެރިޔާއަށް ކުރި ފައުލާ ގުޅިގެންނެވެ. މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކުޅެން ނުކުން އަޑުބަރޭ ވަނީ ކުޅެން ނުކުތްތާ 30 ސިކުންތުގެ ތެރޭގައި ރަތް ކާޑެއް ހޯދައިފައެވެ.

އަސްހަދުގެ ރަތްކާޑާ ގުޅިގެން ގިނަބަޔަކު އޭނާއަށް ފާޑު ކިޔާފައިވާ އިރު، މިދިޔަ މަހުގެ ތެރޭގައި އެ މައްސަލަ ބަލައި، އޭނާއަށް ފިޔަވަޅު އަޅާނެ ކަން އެފްއޭއެމުން ވަނީ ހާމަކޮށްފައެވެ. އެގޮތުން އެ އިދާރައިގެ ޑިސިޕިލިނަރީ ކޮމިޓީން މައްސަލަ ބެލުމަށްފަހު އަޑުބަރޭއަށް ވަނީ މިއަދު އަދަބެއްގެ ގޮތުގައި ގައުމީ ޓީމު ކުޅޭ ހަ މެޗަށް ސަސްޕެންޑް ކޮށް، 12،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ނިންމާފައެވެ.

އެފްއޭއެމްގެ ޑިސިޕިލިނަރީ ކޮމިޓީގެ ނިންމުމުގައި ވަނީ ސީޝެލްސްގެ ކެޕްޓަން ސްޓީވް ބެނޯއީގެ ކަރުމަތީގައި އަސްހަދު ޖަހާފައި ވަނީ "ފްރަސްޓޭޓް" ވެގެން ކަމަށް ދިފާއުގައި އަސްހަދު ބުނެފައިވާ ކަމަށެވެ. ޑިސޕްލިނަރީ ކޮމިޓީން ބުނީ އެއީ ދިފާއެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

އަސްހަދުގެ މި އަމަލާ ގުޅިގެން އޭނާއަށް ދެން ގައުމީ ޓީމުން ފުރުސަތު ދެވިގެން ނުވާނެ ކަމަށް ގިނަބަޔަކު ބުނެފައިވާއިރު، ގައުމީ ޓީމަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަން އެ ޓީމުގެ ކޯޗު ފްރެންޗިސްކޯ މޮރިއޭރޯ ވަނީ ހާމަކޮށްފައެވެ.

އަސްހަދަކީ މީގެ ކުރިން ވެސް އަހުލާގީ މައްސަލަތައް ގިނަ ކުޅުންތެރިއެކެވެ. އެގޮތުން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން މެލޭޝިއާ އަށް ގައުމީ ޓީމު ފުރަން ގޮސް ތިއްބާ ކިޓް މެނޭޖަރު ހަސަން ނިޒާރު މުހައްމަދު (ލައްޓި ބޮޑޭ) ގެ ޕާސްޕޯޓް ފޮރުވި މައްސަލައިގައި އޭނާ، ރާއްޖެ ތަށި ނެގި އެ މުބާރާތުގައި ވާދަކުރި ގައުމީ ޓީމުން ސަސްޕެންޑްކުރި އެވެ.

އޭގެ ފަހުން ސިޔާސީ ހަރަކާތްތަކެއްގެ ތެރެއިން ފުލުހުން އޭނާ ދެ ފަހަރެއްގެ މަތިން ހައްޔަރުކުރި އެވެ. އެއާ އެކު ކްލަބް ލެވެލްގެ ބައެއް މެޗުތައް ގެއްލުނެވެ.

comment ކޮމެންޓް